ދައުލަތަށް ގެއްލުންވާ ގޮތަށް ބޭހެއް އެތެރެ ކުރި އެސްޓީއޯގެ ދެ މުވައްޒިފަކަށް ދައުވާ ކުރަން ފޮނުވައިފި

ދައުލަތަށް ގެއްލުންވާ ގޮތަށް ބޭހެއް އެތެރެ ކުރި އެސްޓީއޯގެ ދެ މުވައްޒިފަކަށް ދައުވާ ކުރަން ފޮނުވައިފި

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 04:55
0

ދަޢުލަތަށް ގެއްލުންވާގޮތަށް، 2016ވަނަ އަހަރު އެސް.ޓީ.އޯ އިން އެތެރެކޮށްފައިވާ އެޓޮކޯ ބޭހާގުޅޭ މައްސަލާގައި އެސްޓީއޯގެ ދެމީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، އެސް.ޓީ.އޯގެ މެޑިކަލް ސަރވިސް ޑިޕާޓްމަންޓްގެ ހެޑްގެ މަޤާމުގައި ހުރި ޙުސައިން ޞަބާޙް (ގުލްޒާރުގެ / ސ.ހިތަދޫ) އާއި އެ ޑިޕާޓްމަންޓްގެ ޕްލޭނިންގ މެނޭޖަރ، ޙަމްދޫން ފާއިޒް (ޖިއްދާ / ޏ.ފުވައްމުލައް) ގެ މައްޗަށެވެ. އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

އޭސީސީން ބުނެފައިވަނީ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. (އެސް.ޓީ.އޯ) އިން އެޓޮވަސްޓެޓިން (Atorvastatin) ގެ ބްރޭންޑެއްކަމަށްވާ އެޓޮކޯ (Atocor) ގެ 40މގ. އަލަށް ރާއްޖެ ގެނައުމަށް، އިތުރު ބޭސް ހިމެނޭގޮތަށް ރާއްޖެއިން ބޭރުގެ ބޭސް އުފައްދާ ކުންފުންޏަކާއެކު 2015 ގައި ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓެއްގައި ސޮއިކޮށްފައިވާކަމަށެވެ. އެ ބޭހުގެ 40މގ. އަކީ އޭގެ ކުރިން ގެނެސްފައިނުވާ އެ ބޭހުގެ އައު ޑޯސޭޖެއްކަމަށްވާއިރު، ރާއްޖޭގެ މާކެޓްގައި އެ ބޭހުގެ ބޭނުން އޮތް މިންވަރު ބަލާފައިވާކަން ލިޔުމުން އެނގޭކަށް ނެތްކަމަށެވެ.

ހަމައެހެންމެ، އެ ބޭހަކީ ހާޓް އެޓޭކް ނުވަތަ ސްޓްރޯކްޖެހިގެން ގެންނަ ބަލިމީހުންނަށް ހައި ޑޯސޭޖެއް ދިނުމުގެ ގޮތުން ދޭ ޑޯސޭޖެއްކަމަށާއި ޢާއްމުކޮށް ބަލިމީހުންނަށް ލިޔެދެނީ 10މގ. އަދި 20މގ. ކަމަށްވާތީ 40މގ. ދޭންޖެހޭ މީހުން ނިސްބަތުން މަދުވާނެކަމަށް ތަޙުޤީޤަށް ބަޔާންދިން ޑޮކްޓަރުން ބުނެފައިވާކަމާއި، އެއީ ޢާއްމުކޮށް ގިނަ ދުވަހަށް ގަވާއިދުން ބަލީމީހުން ބޭނުންކުރުމަށް ޑޮކްޓަރުން ލިޔެދޭ ޑޯސޭޖެއް ނޫންކަން ކޮމިޝަނުގެ ތަޙްޤީޤަށް ވަނީ އެނގިފައިވާކަމަށެވެ.

އަދި، ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓްގައި އެސް.ޓީ.އޯއިން އެޓޮކޯގެ 40މގ. އަށް ފޯކާސްޓްކޮށްފައިވާ ޢަދަދަށްވުރެ އިތުރަށް ބޭސް އޯޑަރުކޮށް ގެނެސްފައިވާކަމާއި، އެގޮތުން، އެސް.ޓީ.އޯއިން 2016 ގައި 560,000 ގުޅަ އޯޑަރުކޮށް ލިބުނު ބޭހުގެ އަގަށް 2,928,487.45ރ. (ދެމިލިއަން ނުވަސަތޭކަ އަށާވީސްހާސް ހަތަރުސަތޭކަ އަށްޑިހަހަތް ރުފިޔާ ސާޅީސްފަސް ލާރި) ޚަރަދުކޮށްފައިވާކަން ފާހަގަކުރެވޭކަމަށެވެ. އެގްރީމަންޓްގައި ފޯކާސްޓްކޮށްފައިވާ ޢަދަދާއި މެޑިކަލް ސަރވިސް ޑިޕާޓްމަންޓުން ފޯކާސްޓްކޮށްފައިވާ ޢަދަދަށްވުރެ ގިނައިން 2016 ވަނަ އަހަރު އެ ބޭސް ގެނެސްފައިވާކަން އެނގޭކަމަށެވެ. ހަމައެހެންމެ، އެއީ، އޭރު އެސް.ޓީ.އޯއިން ޢާންމުކޮށް، ގަންނަމުންދިޔަ އެޓޮވަސްޓެޓިންގެ އެހެން ބްރޭންޑެއްކަމަށްވާ އެޓޮރިންގެ 20މގ. ގެނައި އެވަރެޖް ޢަދަދަށްވުރެ ގިނަ ޢަދަދެއްކަން ވެސް އެނގޭކަމަށެވެ.

2016 ގައި އެޓޮކޯގެ 20މގ. އާއި 10މގ. ވެސް އޯޑަރުކޮށްފައިވާއިރު، 20މގ. އަށްވުރެ ގިނައިން 40މގ. ގެނެސްފައިވާއިރު، އަދި 40މގ. ގެ ބެޗުން ވިކުނީ ގެނައި ޢަދަދުގެ 5% އަށްވުރެ ކުޑަ ޢަދަދެއްކަން ފާހަގަކުރެވޭއިރު، މާރިޗު 2018 އަށް އެ ބެޗްގެ މުއްދަތު ވަނީ ހަމަވެފައިކަމަށްވެސް އޭސީސީން ބުނެއެވެ. އަދި މާކެޓިންގގެ ބޭނުމަށްކަމަށް ބުނެ 2016 ވަނަ އަހަރު އެތެރެކޮށްފައިވާ އެޓޮކޯ 40މގ. ގެ ގިނަ ޢަދަދެއްގެ ބޭސް ރިޒަރވްކޮށްފައިވާއިރު، އެ ބެޗްގެ ބޮޑު ބައެއް ނުވިކި އެސް.ޓީ.އޯއަށް 2,787,457.13ރ. (ދެމިލިއަން ހަތްސަތޭކައައްޑިހަ ހަތްހާސް ހަތަރުސަތޭކަ ފަންސާސްހަތް ރުފިޔާ ތޭރަ ލާރި) ގެ ގެއްލުންވެފައިވާކަމަށެވެ.

2016 ގައި ގެނައި އެޓޮކޯގެ 40މގ. ގެ ބެޗްގެ މުއްދަތު 2018 ގައި ހަމަވިފަހުން އެކިފަހަރު މަތިން ބަހާލައިގެންކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން، އޮކްޓޫބަރު 2018 އިން ފެބުރުވަރީ 2020 ގެ ނިޔަލަށް އެ ބެޗް ގެނައުމަށް ޖުމުލަ 266,842.48ރ. (ދެލައްކަ ފަސްދޮޅަސްހަހާސް އަށްސަތޭކަސާޅީސްދެ ރުފިޔާ ސާޅީސްއަށް ލާރި) ޚަރަދުކޮށްފައިވާކަމާއި، 2018 އިން ފެށިގެން ގެނައި އެ ބޭހުގެ އެއްވެސް ބައެއް ނައްތާލަން ނުޖެހޭކަން ފާހަގަވެފައިވާކަމަށެވެ. ހަމައެހެންމެ، 2016 ގެ ބެޗުން ވިކުނު ޢަދަދުތަކަށާއި 2018 އިން ފެށިގެން ގެނެސް ވިކުނު އެ ބޭހުގެ ޢަދަދުތަކަށް ބެލުމުން، 2018 އިން ފެށިގެން އެސް.ޓީ.އޯއިން ގެނެސްފައިވާ އެ ބޭހުގެ ޢަދަދުތަކަކީ ރާއްޖޭގެ މާކެޓްގައި އެ ބޭހުގެ ޑިމާންޑް އޮތްވަރުކަން އެނގޭކަމަށެވެ. އެހެންކަމުން، 2016 ގައި އެސް.ޓީ.އޯއިން އެޓޮކޯގެ 40މގ. އޯޑަރުކޮށް ގެނެސްފައިވަނީ ރާއްޖޭގައި އެ ބޭހުގެ ޑިމާންޑް އޮތްވަރާ އަޅާބަލާއިރު އެތައް ގުނައެއް އިތުރަށްކަން ފާހަގަކުރެވޭކަމަށްވެސް އޭސިސީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

E Eelay
Typical ACC investigation and talking actions against junior officials due to pressure from political heads. Where is the MD of STO and all those who processed these payments and procurement heads etc. Definitely these two people will not be making payments and doing all the necessary approvals.