ފީފާ ވޯލްޑް ކަޕްގައި ޕެރަގުއޭ އަތުން ފްރާންސް މޮޅުވި މެޗަށްފަހު، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއަށް އަމާޒުކޮށް ޕެރަގުއޭގެ ސެނެޓަރަކު ކުރި ނަސްލީ ފުރައްސާރައިގެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
މުބާރާތުގެ ގަދަ 16 ގައި އެމްބާޕޭ ކާމިޔާބުކުރި ޕެނަލްޓީން ފްރާންސް މޮޅުވެ ކުއާޓާ ފައިނަލަށް ދަތުރުކުރުމާ ގުޅިގެން، ޕެރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި އެމްބާޕޭއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައެވެ. އޭނާގެ ޕޯސްޓުގައި އެމްބާޕޭ ސިފަކޮށްފައިވަނީ "ފްރާންސް މީހަކަށް ވާން އުޅޭ ކެމަރޫންގެ އަޅެއް" އަދި "ލިޔަން ނޭނގޭ މީހެއް" ގެ ގޮތުގައެވެ. މީގެ އިތުރުން ޕެރަގުއޭގެ ކުޅުންތެރިން އޭނާގެ ކުލަޔަށް މަލާމާތްކޮށް މޫނުމަތީގައި ޖަހަންޖެހޭނެ ކަމަށްވެސް ލިޔެފައިވެއެވެ.
މި ހުތުރު އަމަލަށް ރައްދުދެމުން އެމްބާޕޭ ބުނެފައިވަނީ އަމަރިއްލާއަކީ އެފަދަ އިސް މަގާމަކަށް އެކަށީގެންވާ މީހެއް ނޫން ކަމަށާއި، އޭނާގެ ސަބަބުން މުޅި ޕެރަގުއޭގެ އަގު ދުނިޔޭގެ ކުރިމަތީގައި ވެއްޓިފައިވާ ކަމަށެވެ. އަދި ނަސްލީ ތަފާތުކުރުމާއި ނަފްރަތު އުފެއްދުމަށް އެއްވެސް ޖާގައެއް ނުދޭނެކަން އޭނާ ފާހަގަކުރިއެވެ.
މި މައްސަލައިގައި ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން (އެފްއެފްއެފް) ވަނީ ސެނެޓަރުގެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެއީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް ބުނެ، އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ގާނޫނީ ފިޔަވަޅު އަޅާނެކަން އެ ފެޑެރޭޝަނުން ވަނީ އިއުލާންކޮށްފައެވެ.
މި މައްސަލަ ހޫނުވެފައިވާއިރު، މުބާރާތުގެ ކުއާޓާ ފައިނަލުގައި ފްރާންސް ދެން ނުކުންނާނީ ޖުލައި 10 ވަނަ ދުވަހު މޮރޮކޯއާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ