މާލޭ ނޯތު ހާބަރު ބޭނުންކުރުމުގައި އޮޑިވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅައިފި އެވެ.
މިދިޔަ މާޗު މަހު އެމްޕީއެލްއިން ނޯތު ހާބަރުން ޖާގަ ދޫކުރާ އުސޫލަށް ގެނައި ބަދަލާ ގުޅިގެން، ބޯޓުފަހަރަށް ކިޔޫ ނަންބަރު ލިބެންދެން 10 ނުވަތަ 15 ދުވަހު މަޑުކުރަން ވަނީ ޖެހިފަ އެވެ. މީގެ ސަބަބުން ގިނަ އުޅަނދުތަކަށް މަހެއްގެ މައްޗަށް މިހާރު ކުރެވެނީ އެންމެ ދަތުރެކެވެ. މިއީ އޮޑިވެރިންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، މުވައްޒަފުންގެ މުސާރަ އާއި ތެލުގެ ހަރަދު ދެކޮޅުނުޖެހުމުގެ އިތުރުން، ރަށްރަށަށް މުދާ ފޯރުކޮށްދިނުމަށް ވެސް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާ ކަމެކެވެ.
މީގެ އިތުރުން ބޭރު މަގު ފުޅާކުރުމުގެ ސަބަބުން ބަނދަރުގެ ޖާގަ ކުޑަވުމާއި، ބައެއް ޒޯންތަކުން ފެނާއި ކަރަންޓުގެ ހިދުމަތް ނުލިބޭކަމުގެ ޝަކުވާ ވެސް އޮޑިވެރިން އަންނަނީ ކުރަމުންނެވެ. ކިޔޫ ނަންބަރު ދޫކުރާ ގޮތް ބަދަލުކޮށްދީ، އުސޫލު އިސްލާހުކުރުމަށް އޮޑިވެރިން އަންނަނީ ކެނޑިނޭޅި ގޮވާލަމުންނެވެ.
މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގެން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވަނީ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި އޭނާ ފާހަގަކުރައްވާފައިވާ ގޮތުގައި، މިއީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ، އެމްޕީއެލްގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާކުރުމަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
ކޮމެންޓު ފޮނުވާ