މަގުބޫލު އުޒުރެއް ނެތި ސުކޫލަށް ހާޒިރުނުވާ ދަރިވަރުންގެ މައްސަލަތައް ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ސުކޫލުތަކަށް އަންގައިފިއެވެ.
ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވި ގޮތުގައި، މި ދުވަސްވަރު 8،000 އެއްހާ ދަރިވަރުން ސުކޫލަށް ނުދާކަން ވަނީ ފާހަގަކުރެވިފައެވެ. ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކުދިން ސުކޫލަށް ނުދާ މައްސަލަ ދެނެގަތުމުގެ ނިޒާމު ކުރީގެ ސަރުކާރުގައި ވަރަށް ބޮޑަށް ދޯދިޔާވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު ކޮންމެ ދުވަހެއްގެ އެޓެންޑެންސް މިނިސްޓްރީއަށް ފޮނުވަން ސުކޫލުތަކަށް މަޖުބޫރުވާނެ ކަމަށާއި، އެގޮތަށް އަމަލުކުރަން ފެށުމުން ގިނަ ކުދިންތަކެއް ސުކޫލަށް ނުދާކަން ހާމަވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުދިން ސުކޫލަށް ނުދިއުމަކީ މުޅި ގައުމުގެ ކުރިމަގާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އޮތް ވަރަށް ބޮޑު ހުރަހެއްކަން ފާހަގަކުރައްވައި، މި މައްސަލައިގައި މި ސަރުކާރުން ފިޔަވަޅު ނާޅައި ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. އެއްވެސް ސަބަބަކާ ނުލައި ކުދިން ސުކޫލަށް ނުފޮނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، މިދިޔަ ހަފްތާގައި މާލޭގެ ސުކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މިހާރު އަންގަވާފައިވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ