ރަށު ފެރީގެ ނިޒާމު މިއަހަރު ފަށަނީ

ރަށު ފެރީގެ ނިޒާމު މިއަހަރު ފަށަނީ

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 02:09
0

ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ "ހައި ސްޕީޑް ފެރީ" ނިޒާމު މިއަހަރު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިލުމަށް ސަރުކާރުން ހިންގާ "ރަށު ފެރީ" ގެ މަޝްރޫއުގެ ދަށުން ފުރަތަމަ ޒޯންގައި ހިމެނޭ އަތޮޅުތަކުގައި މި އަހަރުގެ ނޮވެމްބަރު މަހު ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މިއަދު މިކަމަށްޓަކައި ޚާއްސަކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ހަ ޒޯނަކަށް ބަހާލައިގެން ފެރީގެ ޚިދުމަތް ފެށުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު މި އަހަރުގެ ނޮވެމްބަރު މަހު އުތުރުގެ ތިން އަތޮޅެއްގައި ފެރީގެ ޚިދުމަތް ފަށާނެއެވެ. އެއީ ފުރަތަމަ ޒޯންގައި ހިމެނޭ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގައެވެ.

އަންނަ އަހަރު އިތުރު ދެ ޒޯންގައި މަސައްކަތް ފަށާނެ ކަމަށާއި 2023 ވަނަ އަހަރު ނިމެންވާއިރަށް ހުރިހާ ޒޯނެއްގައި ފެރީގެ ނިޒާމް ގާއިމްކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޒޯންތަކަށް ބަހާލައިގެން މަޝްރޫއު ހިންގުމަށް ނިންމާފައި ވަނީ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އުޅެންޖެހޭނީ މިކަން ހިންގޭނެ އިތުރު ގޮތްތައް ހޯދުމަށް، ދަސްކުރުމުގެ ޕްރޮސެސްއެއްގެ ތެރޭގައި ކަމަށްވާތީ އެވެ. މިއަހަރު އެއް ޒޯނުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމީ އެސަބަބާ ހުރެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ މި ސަރުކާރުން ފަށާ ފެރީގެ ނިޒާމުގެ އަގު މިހާރު ދުއްވަމުންދާ ސްޕީޑް ފެރީތަކުގެ އަގަށްވުރެ ބޮޑުތަނުން ހެޔޮވާނެކަމަށެވެ. އެހެންނަމަވެސް ސްޕީޑް ދަށް އަދި ލަސް ފެރީތަކުގެ އަގަށްވުރެ ބޮޑުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފެރީތަކަކީ ލަސް ފެރީތަކަށްވުރެ ރަނގަޅު ފެންވަރުގައި ބަނދެވިގެންދާނެ ފެރީތަކެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިމަސައްކަތަކީ ސީދާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށާއި މިކަމަށް 157 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.