ޤައުމު ބައިބައިކޮށް، ހަޤީގަތާއި ޚިލާފް ވާހަކަ ނުފެތުރުމަށް ދަންނަވަން: މާރިޔާ

ޤައުމު ބައިބައިކޮށް، ހަޤީގަތާއި ޚިލާފް ވާހަކަ ނުފެތުރުމަށް ދަންނަވަން: މާރިޔާ

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 11:10
0

ޤައުމު ބައިބައިކޮށް، ހަޤީގަތާއި ޚިލާފް ވާހަކަ ނެފެތުރުމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އިލްތިމާސް ކުރައްވައިފި އެވެ.

އެމްއެންޑީއެފްގެ ހަފްތާ މަޖައްލާ "އައްޑަނަ" އިގެ މިހަފްތާގެ އަދަށް މިނިސްޓަރ މާރިޔާ ދެއްވި އިންޓަރވިއު ޚާއްސަ ކުރައްވާފައިވަނީ ޝަހީދުގެ ދުވަހަށެވެ. މިނިސްޓަރ ވިދާޅުވީ މިދުހަން އިބުރަތް ހާސިލްކޮށް ޤައުމު ބައިބައިވެ ފަސާދަވުމަށް ފުރުސަތު ނުދެއްވައި ގޮވާލާކަމަށެވެ. އަދި ކޯވިޑް 19 މިހާލަތުގައި ވެސް ހަޤީގަތާއި ޙިލާފު ވާހަކަތައް ނުފަތުރާ މިހިތްދަތި އަޑިގަޑުން އަރައި ގަތުމަށް ދިވެހި އަސްކަރިއްޔާގެ އެންމެހާ ސިފައިންނާއި ސިފައިންގެ އާއިލާތަކުން ކޯވިޑް ވެކްސިން ޖެހުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހަމައެހެންމެ ކޯވިޑް-19 އާއި ދެކޮޅަށް މިކުރާ މަސައްކަތުގައި މިހާރުވެސް ގިނަ ހުރަސްތަކާއި، ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް، މާތް اللهُގެ ވާގިފުޅާއެކު، އެ ހުރަސްތައް ގިރާކޮށް، މިއަދު މިތިބަ ޙާލަތަށް އާދެވުމުގައި، ދިވެހި ސިފައިންގެ ދައުރު ވަރަށް ބޮޑުކަން ނުހަނު އުފަލާއެކު އަޅުގަނޑު ފާހަގަ ކުރަން.

– މިނިސްޓަރ ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަހުގެ ހަނދާންތައް އާކުރަމުން އަންނައިރު، މިއަދު ވެސް ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ހަދިޔާއަކީ، ދިވެހި ކާބަފައިން، މިޤައުމު މިނިވަންކަމާއެކު މިއަދާ ހަމަޔަށް ގެނެސްދީފައި އޮތް އޮތުން ކަމަށާއި، މިކަން މިގޮތުގައި ތާއަބަދަށް ދަމަހައްޓަން ދިވެހި އަސްކަރިއްޔާއިން އަތާ އަތް، ކޮޑާ ކޮޑު ގުޅުވައިގެން ތިބި ކަމާމެދު މިގައުމުގެ އެއްވެސް ރައްޔިތަކު ސުވާލެއް ނުކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އަލިގަދަ ހެއްކެއްގެ ގޮތުން މިއަދު ވެސް ދިވެހި ސިފައިންގެ ފަންނީ ހުނަރު ކުރިއަރުވައި ތައްޔާރީ ހާލަތު އިތުރު ކުރުމާއި ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ހަރުދަނާކޮށް ތަރައްގީކުރުމަށް ރައީސް ޞާލިޙް ގެންގުޅުއްވާ ޚިކުމަތްތެރި ވިސްނުންފުޅު ނުހަނު އުފަލާއެކު އަޅުގަނޑު ފާހަގަ ކުރަން.

– މާރިޔަ ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަސް ނިސްބަތްވަނީ ޕޯޗުގީޒުންނާއި ދެކޮޅަށް ދީނާއި، ވަތަންގެ ހައްގުގައި ޖިހާދަކުރައްވާ އަލި ރަސްގެފާނު ޝަހީދުވި ދުވަހަަށެވެ. އަލި ރަސްގެފާނު ޝަހީދުވި ހާދިސާއަކީ އިބްރަތުން ފުރިގެންވާ ފިލާވަޅެކެވެ. އަމިއްލަ އެދުންތަކުން ފޯވެފައިވާ ފަރާތްތަކެއް އެއިރުވެސް މިގައުމުގައި ތިބިކަން ތާރިހުން ބުނެދެއެވެ. ކީރިތި މަހާރަދުންނަށް އޮޅުވާލާ ދޮގު ދަންނަވައިގެން އަމާން ދެއްވުމަށް މަޖުބޫރުކުރިއެވެ. އެކަމުގެ ހަގީގަތް އެނގިވަޑައިގެންނެވުމުން އަލި ރަސްގެފާނު ނިންމެވީ ގިނިކަންޏާ ނަމަވެސް ދީނާއި ވަތަންގެ ހައްގުގައި ދުޝްމަނުންނާއި ކުރިމަތިލުމަށެވެ.

މިނިސްޓަރ ވަނީ ޝަހީދުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފްގެ ލީޑަރޝިޕާއި، އެންމެހާ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް، އަރިސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.