ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހާއްސަ މަޝްވަރާތަކެއް ފަށައިފިއެވެ.
ސީއެސްސީގެ ކައުންސިލް ޖެނެރަލް އިބްރާހީމް ރަޝީދު ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ ދަށުން މިހާތަނަށް މާލެ ސަރަހައްދުގެ ގިނަ ސްކޫލްތަކެއްގެ މުވައްޒަފުންނާ ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުންތަކުގައި ޓީޗަރުންގެ ފަރާތުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ އައު ޕޭ ފްރޭމްވޯކަށް ބަދަލުވުމާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކެވެ. އޭގެ ތެރޭގައި ރޭންކްތައް ކަނޑައެޅިފައިވާ ގޮތާއި، ޕްރޮމޯޝަން ދިނުމުގައި ހުރި އުސޫލީ ދަތިތައް ހިމެނެއެވެ.
މީގެ އިތުރުން، ޓީޗަރުން ކުރާ ބުރަ މަސައްކަތާ އެކަށީގެންވާ ގޮތަށް އިތުރުގަޑީގެ އިނާޔަތްތައް ނުލިބުމާއި، ހަފުތާ ބަންދުގައި މަސައްކަތް ކުރަންޖެހުމުގެ ޝަކުވާވެސް ކަމާބެހޭ ފަރާތްތަކަށް ވަނީ ހުށަހަޅާފައެވެ.
މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސީއެސްސީން މިހާރު އަންނަނީ ޕޭ ކޮމިޝަނާއި ތައުލީމީ ވުޒާރާއާ ގުޅިގެން ސިލްސިލާ މަޝްވަރާތަކެއް ކުރަމުންނެވެ. ދިވެހިރާއްޖޭގެ ސިވިލް ސާވިސްގެ އާބާދީއަށް ބަލާއިރު، އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން އަންނަނީ ތައުލީމީ ދާއިރާގައެވެ.
ކޮމެންޓު ފޮނުވާ