ސްރީލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ، ކުޑަކުދިންގެ ހޮސްޕިޓަލަކަށް އެހީގެ ގޮތުގައި އެއްކުރި ފައިސާއަށް ޚިޔާނާތްތެރިވި ތުހުމަތުގައި، އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުދަ ދުވަހު ހައްޔަރުކޮށްފިއެވެ.
ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން، 73 އަހަރުގެ ޝިރާންތީ ހައްޔަރުކުރީ ކޮލަމްބޯއިންނެވެ. ކޮމިޝަނުން ބުނީ، އޭނާ ހިންގަވާ "ސިރިލިޔާ ސަވިޔާ ފައުންޑޭޝަން" އާ ގުޅޭ މައްސަލައެއްގައި ހައްޔަރުކުރި ކަމަށާއި، އޭނާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލައަކީ، ކެންސަރު ހޮސްޕިޓަލަކަށް ޕެޓް ސްކޭނަރެއް ގަތުމަށް އެ ޖަމިއްޔާއިން އެއްކުރި 10 މިލިއަން ރުޕީސްއާ ގުޅޭ މައްސަލައެކެވެ. އެ ސްކޭނަރަކީ ޗައިނާ ސަރުކާރުން ހަދިޔާކުރި އެއްޗެއް ކަމަށާއި، އެހެން ނަމަވެސް ޖަމިއްޔާއިން އެހީ ހޯދުން ކުރިއަށް ގެންގޮސް، އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތަހުގީގު ކުރާ ފަރާތްތަކުން ކޯޓަށް ބުނެފައިވެއެވެ. ނަމަވެސް ޝިރާންތީ ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.
ސެޕްޓެމްބަރު 16 ގައި ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު، އޭނާ އެނބުރި ލަންކާއަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ. ކަފާލާތުގެ ދަށުން ދޫކޮށްލުމާ ބެހޭ އަޑުއެހުން ކޯޓުން ތާވަލުކޮށްފައިވަނީ އޮކްޓޫބަރު 12 ގައެވެ.
ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަގެ ސަރުކާރުން، ރާޖަޕަކްސަ އާއިލާގެ މެންބަރުންގެ މައްޗަށް ކޮރަޕްޝަނުގެ ތަހުގީގުތައް އަލުން ފަށާފައިވާއިރު، ޝިރާންތީގެ ދަރިކަލުން، އިދިކޮޅު މެމްބަރު ނާމަލް ރާޖަޕަކްސަވެސް މިހާރު ހުންނެވީ 2013 ގައި އެއާބަސް މަތިންދާބޯޓު ގަތުމާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއްގައި ބަންދުގައެވެ. ރާޖަޕަކްސަ އާއިލާއިން ބުނަނީ އެ އާއިލާއާ ދެކޮޅަށް ހިންގާ މައްސަލަތަކަކީ ސިޔާސީ މަގުސަދުގައި ކުރާ ކަންކަން ކަމަށެވެ.
ކޮމެންޓު ފޮނުވާ