އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް އޮތް ހައްލަތަކީ އެއްބަސްވުން ހާމަކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި އިއްޔެ ކުރިއަށްދިޔަ އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭ ބަހުސްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެއްބަސްވުމާއި ގުޅިގެން ރައްޔިތުންގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިފައިވާކަމަށެވެ. މިސުވާލުތަކާއި ގުޅިގެން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވައި ބަހުގެ ހަމަލާ ބަދަލު ކުރުމަކުން ރައްޔިތުންގެ ހިތަށް ތަސައްލީއެއް ނުލިބޭނެކަމަށެވެ.
އިއްޒަތްތެރި ރައީސް އެއީ އަޅުގަނޑު ދެކޭ ގޮތުގައި މީގައި އަޅުގަނޑުމެންނަށް އޮތް ހައްލަކީ. އެހާމަކުރުމާއި ހަމައިން ދެން އަޅުގަނޑުމެން ކެންބޮޑުވާކަމަށްވެސް ނުޖެހޭނެ، މީހުންގެ ދަތްދޮޅި އާއި ހަމައަށްވެސް ދާކަށް ނުޖެހޭނެ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިޤައުމީ ދިވެހި ކޮންމެ ރައްޔިތަކުވެސް ލޯބިވާ ޤައުމެއް ކަމަށެވެ. މިފަސްގަނޑާއިމެދު ޝައްކު އުފެދޭފަދަ ކަމެއް ކުރުމަކީ އެއްވެސް ރައްޔިތަކު ޖާގަދޭނެ ކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ މިމައްސަލާގައި މިއަދު ބޮޑު ފިތުނައަކަށް ޤައުމު ދިއުމުގެ ކުރިން މިކަމުގެ ހައްލު ހޯދައި ދިނުމަކީ ސަރުކާރުން ކުންޖެހޭ ކަމެއްކަމަށެވެ.
އަސްކަރިއްޔާ ތަރައްޤީ ކުރާ ވާހަކަ ދައްކާ ފަދައިން މިޤައުމަށް ސިޔާދަތީ ނުފޫޒެއް އެހެން ދިމާލަކުން އައިސްދާނެކަމަށް ބެލެވޭ ވާހަކަ ދެއްކުމަކީ އަޅުގަނޑު ހިތުން ކުރަންޖެހޭ ކަމެއް. ޤައުމުދެކެ ލޯބިވާ ކޮންމެ މީހަކު މިކަމާއި ދޭތެރޭ ކަންބޮޑުވާނެ އިއްޒަތްތެރި ރައީސް. މީގެ ހައްލު އަޅުގަނޑުމެންނަށް ފެންނަން އެބައޮތް. އެގްރިމަންޓް އަޅުގަނޑުމެންގެ ތެރެއަށް ހާމަކޮށްލީމަ މައްސަލަ ހައްލުވީ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އުތުރު ތިލަފަޅު އެއްބަސްވުމަކީ ރާއްޖެއަށް އެތައް ގޮތަކުން ފައިދާ ކުރާނެ އެއްބަސްވުމެއް ކަމަށާ، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ގެއްލުންހުރި ކަމަކަށް ދިވެހި އަސްކަރިއްޔާއިން ދުވަހަކުވެސް ޖާގަ ނުދޭނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ އިއްޔެ ވިދާޅުވެފައެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ، އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން އެކި ފަރާތްތަކުން ދައްކަމުންދާ ހަގީގަތާ ޚިލާފދު ވާހަތަކާ ގުޅިގެން އެމްއެންޑީއެފްގެ ޖެނެރަލުން ބޭއްވެވި ނޫސްވެރިންގެ ބައްދަވުމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މިއެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ނެތްކަމަށެވެ. އަދި ލީކުވެފައިވާ އެއްބަސްވުންކަމަށްބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް، އަސްލެއްނެތް ވާހަކަތަކެއްކަމަށްވެސް ޖެނަރަލް ޝަމާލް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ