ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަކޮށްފައިވާ ދުވާރުމަތީގައި އުޅަނދުތައް ޕާކުކުރުން އާންމުވަމުންދާތީ، އެކަން އެގޮތަށް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން، ފައިމަގުގައި ހިނގާ މީހުންނަށް ޚާއްސަކުރެވިފައިވާ ދުވާރުތަކުގައި އިންޖީނުލީ އުޅަނދުތައް ދުއްވުމާއި ޕާކުކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ކަމަށެވެ. އެ ސަރަހައްދުތަކުގައި ބޭނުންކުރުން ހުއްދަވަނީ ހަމައެކަނި ކުޑަކުދިންގެ ޕްރޭމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ އިންސާނީ ހަކަތައިން ދުއްވާ ފުރޮޅުލީ ގޮނޑި އެކަނިކަމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.
މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ފުލުހުން މިހާރު ޓޯކުރަމުން ދިޔަ ނަމަވެސް، ހުޅުމާލޭގެ ދުވާރުމަތީގައި ޕާކުކުރާ އުޅަނދުތަކާމެދު މި ފިޔަވަޅު އަޅާނެކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އާންމުންނަށް އުނދަގޫވާ ގޮތަށް ދުވާރުމަތި ބްލޮކްކޮށްގެން ޕާކު ނުކުރުމަށް ފުލުހުން ވަނީ ވަރަށް ބޮޑަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ