ސަރވިސްޗާޖާ ބެހޭ ގަވާއިދަށް ޢަމަލުކުރަން ފަށައިފި

ސަރވިސްޗާޖާ ބެހޭ ގަވާއިދަށް ޢަމަލުކުރަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 08:52
0

ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙާ ގުޅިގެން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެކުލަވާލަންޖެހޭ ސަރވިސްޗާޖާބެހޭ ގަވާއިދުއެކުލަވާލައި ޢަމަލުކުރަން ފަށައިފިއެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީ އިން އާންމުކުރި ސާވިސްޗާޖާ ބެހޭ ގަވާއިދު ބުނާގޮތުން ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ލިބިގެން ހިންގާ ރިސޯޓު، ހޮޓާ، ގެސްޓްހައުސް، ޓްރެއިނިން ރިސޯޓު، ޓްރާންސިޓް ހޮޓާ، ޓޫރިސްތު ހޮޓާ، ޔޮޓް ބަނދަރު އަދި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑުތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން ސާވިސްޗާޖު ނަގަން ޖެހެއެވެ.

މީގެ އިތުރުން ސަރވިސްޗާޖް ނެގުން ލާޒިމުވާ ވިޔަފާރިތައް ފިޔަވައި އެހެން ވިޔަފާރިތަކުން ސަރވިސްޗާޖް ނަގާނަމަ އަމަލުކުރާނެގޮތް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ސަރވިސްޗާޖުގެ މަޢުލޫމާތު ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް، ކޮންމެ އަހަރެއްގެ އެޕްރީލްމަހުގެ 1 ވަނަ ދުވަހާއި އޮކްޓޫބަރުމަހުގެ 1 ވަނަ ދުވަހުގެ ކުރިން ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކަނޑައަޅާގޮތެއްގެ މަތިން، އެ އޮތޯރިޓީއަށާއި މީރާއަށް ހުށަހަޅަންޖެހެއެވެ.

ގަވާއިދު ބުނާގޮތުން ޓޫރިސްޓް އެސްޓެބްލިޝްމެންޓެއް އެކުގައި،ނުވަތަ އެއިން ތަނެއްގެ ވަކި ބައެއް، ނުވަތަ ވަކި ކޮޓަރިއެއް، ނުވަތަ ވަކި ކޮޓަރިތަކެއް ނުވަތަ ވަކި ގެއެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ކަނޑައެޅިފައިވާ އަގަކަށް ދޫކޮށްފައިވާނަމަ، އެ މުއާމަލާތާ ގުޅޭގޮތުން ސާވިސްޗާޖް ނަގަން ޖެހޭނީ އެގޮތުން ކަނޑައެޅިފައިވާ ޖުމުލަ އަގުގެ މައްޗަށް ބިނާކޮށެވެ.

ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކު މުވައްޒަފަކަށް ހައްގުވާ މިންވަރު ކަނޑައަޅާނީ އެމަހެއްގައި ސާވިސްޗާޖުގެ ގޮތުގައި ލިބުނު ފައިސާއިން އެ މަހެއްގެ ދުވާލަކަށް ޖެހޭ މިންވަރުގެ ނިސްބަތުން، މުވައްޒަފު ހިދުމަތްކުރި ދުވަސްތަކަށް ޖެހޭ އަދަދުން ކަމަށާއި ސާވިސްޗާޖުގެ ފައިސާއިން ދުވާލަކަށް ޖެހޭ މިންވަރު ހިސާބުކުރާނީ، ސާވިސްޗާޖުގެ ގޮތުގައި ބަހާން ލާޒިމުވާ ފައިސާގެ ޖުމުލަ އަދަދު، އެ މަހެއްގައި ހިދުމަތްކުރި މުވައްޒަފުންގެ ހިދުމަތުގެ ޖުމުލަ ދުވަސްތަކުން ގެއްލައިގެން ކަމަށްވެސް ބުނެފައިވެއެވެ.

ސާވިސްޗާޖުގެ ގޮތުގައި ލިބޭ ފައިސާ، ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.