ރާއްޖޭގެ މިނިވަންކަން ގެއްލޭނެފަދަ އެއްބަސްވުމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަނުދޭނެކަަމަށް ބްރިގޭޑިއާޖެނަރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.
އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ބައެއް މީޑިއާތަކުން ހާމަކުރަމުންދާ ޚަބަރުތަކާ ގުޅިގެން ދިވެހި އަސްކަރިއްޔާގެ އެންމެ އިސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބްރިގޭޑިއާ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުން ވިދާޅުވެލެއްވިކަމަށާ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާނެފަދަ މާއްދާތަކެއް އެ އެގްރީމެންޓުގައި ނެތްކަމަށެވެ.
ޒަކަރިއްޔާ މަންސޫރު ވަނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރި އުތުރު ތިލަފަޅު އެއްބަސްވުމުގައި ސޮއިކުރީ ސިފައިންގެ ލަފާދޭ މަޖިލީހުގެ ބަހެއްނެތިކަމަށް ފަތުރަމުންދާ ވާހަކަތައްވެސް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ލަފާދޭ މަޖިލީހުގެ ގިނަ ބައްދަލަވުންތަކެއް ބާއްވައި މުހިންމު މަޝްވަރާއާއި ޚިޔާލުތައް ހުށައަޅާފައިވާނެކަމަށެވެ.
އަޅުގަނޑުމެން ޖާގަ ނުދޭނަން ދިވެހިންގެ މިނިވަންކަމާއި ދިޔާދަތަށް ގެއްލުންފާދަ އެއްބަސްވުމެއްގައި ސޮއިކުރާކަށް. މިއީ އަޅުގަނޑުމެން އެންމެންގެވެސް ޤައުމު. ހަގީގަތާއި ޚިލާފް ދޮގުވާހަތަކައް ނުފަތުރާ. މިއީ އެންމެންގެ ފަސްގަނޑު. މިފަސްގަނޑުން އެންމެ ތަންކޮޅެއް ގެއްލޭނެ ޖާގަވެސް ދިވެހި ސިފައިން ނުދެއްވާނެ.
– ޒަކަރިއްޔާ ވިދާޅުވިއެވެ.
ސިފައިންގެ ޚިދުމުގައި އެތަކެއް އަހަރުތަކެއް ހޭދަކުރައްވާފައިވާ ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ދިމާވާ އެކި ހާލަތްތަކުގައި ސިފައިން މިޤައުމަށް ވެފައިވާ ގުރުބާނީގެ އަގުބޮޑުކަމަށެވެ. އެއްވެސް އަސާސެއް، ހަގީގަތެއްގެ ނެތްކަމެއްގެ މައްޗަށް ސިފައިންގެ އޮފިސަރުންނާއި، މުޅި މުވައްސަސަގެ އަގުވައްޓާލުމަކީ ބަލައި ގަނެވޭނެކަމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ދިވެހި އަސްކަރިއްޔާއަށް ނިސްބަތްކޮށް އަސްލެއް ނެތް ވާހަކަތައް ދެއްކުމަކީ އެތަނުގައި ގިނަ އަހަރު ޚިދުމަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ނުހަނު ހިތާމަކުރައްވާ ކަމެއްކަމަށެވެ. އަދި ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ސިފައިންނާއި، ސިފައިންގެ އިސްވެރިންގެ މައްޗަށް ގެއްލޭގޮތަށް އެއްވެސް ބައެއްގެ ޢަމަލުތައް ނުބެހެއްޓުމަށް އޭނާވަނީ އިލްތިމާސްކުރައްވާފައެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ސޮއިކުރީ ސިފައިންގެ ތެރެއިން ބަޔަކު ރިޝްވަތު ނަގައިގެންކަމަށް ދެކެވޭ ވާހަކަފުޅަށް ރައްދުދެއްވަމުން ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އެފަދަ ވާހަކަތައް ސިފައިންނާއި ގުޅުވައިގެން ދެއްކުމަކީ ހިތާމަކުރައްވާކަމެއްކަމަށާ، އެފަދަކަމެއް ސިފައިން ކޮށްފައިނުވާއިރު، އެފަދަ ވާހަކަތަކަކީ ޤައުމީ މަސްލަހަތަށްވެސް ނޭދެވޭ އަސަރުކުރާނެކަމެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ