މިއަދު ވެކްސިން ޖެހީ 1،775 މީހުން

މިއަދު ވެކްސިން ޖެހީ 1،775 މީހުން

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2021 10:12
0

ރާއްޖެއިން ކޯވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދު 214،000 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިން ޖަހާފައިވަނީ އަތޮޅުތެރޭގެ ރަށްތަކުގައި އެކަންޏެވެ. މިއަދު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުން 1،775 މީހުންނެވެ.

މިއާއިއެކު މުޅި ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަވަނީ 214،486 އަށް އަރާފައެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހިމީހުންގެ ޖުމުލަ ޢަދަދުވަނީ 121،630 އަށް ރާފައެވެ. އަދި އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ ޖުމުލަ ޢަދަދުވަނީ 92،630 އަށް އަރާފައެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި މިހާރުވަނީ ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިއާއިއެކު ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ އޮންނަ ހުރިހާ އުމުރުފުރާތަކަށް މިހާރު މިވަނީ ރާއްޖޭގައި ވެކްސިން ދޭން ފަށާފައެވެ. ރާއްޖޭގައި މިވަގުތު ދެމުންދަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްއެވެ.

މިމަހުގެ 15ވަނަ ދުވަހާ ހަމައަށް ކޯވިޑް-19ގެ ފުރަތަމަ ޑޯޒް ޖެހުން މިހާރު މަޑު ޖައްސާލާފައިވާއިރު ދެވަނަ ޑޯޒް ޖަހަން ފެށުމުގެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެހެންނަމަވެސް މަޤުބޫލު އުޒުރަކާއި ލައިގެން ވެކްސިންގެ ފުރަތަމަ ޑޯޒް ނުނެގި ތިބި ފަރާތްތަކަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވެކްސިންދޭނެކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.

އަދި މިހާރު މިވަނީ އިތުރު ދެ ވެކްސިންއެއް ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދެއްވާފައެވެ. ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވާ އިތުރު ދެ ވެކްސިނަކީ ފައިޒާ ވެކްސިނާއި ސިނޮފަރމް ވެކްސިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.