ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

Author
ޢަލީ އާދަމް
16 މާރޗް 2021 11:31
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެން ވަޑައިގަންނަވާނީ ބަނގްލަދޭޝަށެވެ. ބަނގްލަދޭޝަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި "ބާރތު ސެންޓެނަރީ އޮފް ޝެއިޚް މުޖީބުއްރަޙްމާން"ގެ ރަސްމީ ޙަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ އަމީރު ހުންނަވާ ގަނޑުވަރަށް ވަޑައިގެން ވަނީ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އިސް ވެރިން ވަނީ ދެ ޤައުމުގެ ދެމެދުގައިއޮތް ދޭދޭ ގުޅުން ދެމެހެއްޓެވުމަށް މަޝްވަރާކުރައްވާފަ އެވެ.

މީގެ އިތުރުން، ދެ ޤައުމު ދެމެދުގައި ކުރިއަށް ގެންދިޔަ ރަސްމީ ވާހަކަފުޅުތަކުގައި ދެ ޤައުމަށްވެސް ފައިދާވާ ކަންތައްތަކުގައި، ދެޤައުމަށްވެސް ފުރުޞަތުތައް ހޯދައި އެކުގައި މަސައްކަތްޕުޅު ކުރެއްވުމަށް މަޝްވަރާކުރެއްވެވިއެވެ. ރަސްމީ ވާހަކަފުޅުތައް ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރުން މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި އިސް އޮފިޝަލުންގެ ވަފުދުގެ ބޭފުޅުން ވަނީ ޤަތަރުގެ އަމީރު ދެއްވި މެންދުރުގެ ރަސްމީ ޖާފަތުގައި ބައިވެރިވެލައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ވަނީ ޤަތަރުގެ އަމީރުގެ އަނބިކަނބަލުން ޝައިޚާ ޖަވާހެރް ބިންތް ޙަމަދު ބިން ސުޙައިމް އައްޘާނީ، އެކަމަނާގެ ޝަރަފުގައި ވަކިން ބޭއްވެވި މެންދުރުގެ ޖާފަތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

އަދި އެއަށްފަހު އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޤަތަރުގެ ވެރިރަށް ދޯހާގެ މިއުޒިއަމް އޮފް އިސްލާމިކް އަރޓަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ. މި ދާރުލް އާސާރަކީ މުސްލިމުންގެ ކުރެހުންތައް ދުނިޔޭގެ އެއްތަނަކުން އެންމެގިނައިން ފެންނަންހުންނަތަނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.