އެޗްޕީއޭގެ ނިންމުންތަކަށް ވަމުންދާ ގޮތެއް ނޭގި، އެންމެން ވާނުވާގަ!

އެޗްޕީއޭގެ ނިންމުންތަކަށް ވަމުންދާ ގޮތެއް ނޭގި، އެންމެން ވާނުވާގަ!

ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ، ސޯލް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ ނަމުގައި ހިނގަމުން އަންނަ މުވައްސަސާއެއް ވުޖޫދުގައި އޮންނަކަން ގިނަ ބަޔަކަށް އެގިގެން ދިޔައީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް19 މުޅި ދުނިޔެއަށް އާންމުވެ، އަދި މިބަލީގެ ނުރައްކާ ރާއްޖެއަށްވެސް ކުރިމަތިވެގެން ދިޔަ ހިސާބުންނެވެ.

އެޗްޕީއޭގެ ދައުރާއި، އަދި އެ މުވައްސަސާއިން ކުރަމުން އަންނަ މައިގަޑު މަސައްކަތަކީ ކޮބައިކަންވެސް އާންމު ރައްޔިތުންނަށް ފާޅުވެގެން އަންނާން ފެށީ، ކޯވިޑް19ގެ ބަލި މަޑުކަމާ ގުޅުންހުރި ގިނަކަންކަން އެ މުވައްސަސާއިން ބަލަހައްޓާ އަދި، ފިޔަވަޅުއެޅުމާއި ފިޔަވަޅުތަކަށް ލުއި ދިނުންފަދަ ގިނަ ކަންކަން އެމުއައްސަސާއިން ތަންފީޒުކުރަން ފެށި ހިސާބުންނެވެ.

މިގޮތުން ކޯވިޑް19ގެ ބިރުވެރި ވަބާ މުޅި ދުނިޔެއަށް ފެތުރި، އަދި މިބަލީގައި ޚުދު ދިވެހިރާއްޖޭގައިވެސް އެތައްބަޔަކު މަރުވެގެން ގޮސްފައިވާއިރު، މިބަލި ކޮންޓްރޯލްކޮށް ފަރުވާދީ، އަދި ބައްޔާއި ގުޅޭގޮތުން ފިޔަޅުއެޅުމުގައި އެޗްޕީއޭއިން މުހިންމު އަދި، ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު، ފަހަކަށް އައިސް މި މުވައްސަސާއާމެދު ގިނަ ބައެއްގެ ފާޑުކިއުންތައްވަނީ އަމާޒވާން ފަށާފައެވެ.

މިގޮތުން، ކޯވިޑް19އާއި ގުޅިގެން އެޗްޕީއޭއިން އެކަށައަޅަމުންދާ ގައިޑްލައިންތަކާ، އަދި މި ގައިޑްލައިންތައް ތަންފީޒުކުރުމުގައި އެމުއައްސަސާއިން އަމުލު ކުރަމުންދާ އުސޫލުތަކުގެ ސަބަބުން މިމުއްސަސާގެ ނިންމުތަކުގައި އިންތިހާއަށް ސިޔާސީ ކުލަ ޖެހެމުންދާކަމުގެ ޝަކުވާތައް ގިނަވެ، އަދި މިނޫނަސް ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ މުހިންމު އެތައްކަމެއް ހިގާނުހިގާ ގޮތް ބެލެހެއްޓުމުގެ ޒިންމާ އުފަލަން އޮތް މިމުހިންމު މުވައްސާއާއި މެދު އާންމުން ހިތްތަކުގައި ފަހަކަށް އައިސް މިވަނީ އެތަކެއް ޝައްކުތަކަކާއި ވަހުމްތަކެއް އުފެދިގެން ގޮސްފައެވެ.

މީގެތޭރޭގައި އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވެނީ، އެޗްޕީއޭގެ ނިންމުތަކުގައި ސިޔާސީ ކުލާ އާދަޔާ ޚިލާފަށް ޖެހެން ފަށާފައިވާ ކަމުގެ ތުހުމަތުތަކެވެ. މި މުވައްސަސާއަށް ސިޔާސީ ނުފޫޒު ފޯރާކަމުގެ ތުހުމަތުތަކެވެ. މިމުވައްސަސާގެ ނިންމުތައް ރެއަކާއި ދުވާލަކަށް އިރުއަރާ އިރު އޮއްސެމުންދާއިރު، އެތައް ގޮތަކަށް ބަދަލުވަމުންދާ ކަމުގެ ވާހަކަތަކެވެ. މުވައްސަސާއިން އަޅަމުންދާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި އެންމެންނާމެދު އެއް ހަމަޔަކުން އަމަލު ނުކުރެވޭ ކަމުގެ އަޑުތަކެވެ.

އެހެންނަމަވެސް، ފާހަގަ ކޮށްލަންޖެހެނީ، މިފަދަ ބޮޑު ސިއްޙީ ކާރިސާއެއްގެ ތެރޭގައި މުޅި ދުނިޔެ އޮތްއިރު، ކިތަންމެ ރަގަަޅަށް ކަންކުރަމުންދިޔަ ކަމުގައި ވިނަމަވެސް ޝަކުވާތައް ހުންނާނެ ކަމެވެ. އަދި އެއީ އަބަދުވެސް ހައްލު ހޯދަންޖެހޭ ޝަކުވާތަކެއް ކަމެވެ.

ހަމަ މިބީދައިން، ކުރެވޭ ޝަކުވާތަކުގައި ހަގީތަތްތަކެއް ހުރިކަމަށްވެސް މިއަދު މިވަނީ ގަބޫލު ކުރަންވެސް ބައެއް ފަރާތްތަކަށް މަޖުބޫރުވެފައެވެ. އެޗްޕީއޭގެ ނިންމުންތަކަށް ސިޔާސީ ނުފޫޒު ފޯރަމުންދާކަމަށް ކުރެވޭ ތުހުމަތުތަކާއިމެދު ފުންކޮށް ވިސްނުމަށް ސިކުޑިއަށް މަޖުބޫރުވާ އެތަކެއްކަމެއް މިއަދު މިވަނީ ފެންމަތިވާން ފަށާފައެވެ.

އެޗްޕީއޭގެ ޑައިރެކްޓަރ މައިމޫނާ

ޢަދި، ގައުމު ސިއްޙީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތްއިރު، މިއީ މިއަދު ވިސްނުމުގެ ނަޒަރަކުން ފިކުރު ހިންގާ ނުލާ ދޫކޮށްލެވޭވަރުގެ މައްސަލައަކަށް ނުވެ ވޭމެއެވެ.

ކަރަންޓީން ނުވެ ކެމްޕޭން ކުރުން

ކުރިޔަށް އޮތީ ކައުންސިލްތަކަށް މެމްބަރުން އިންތިޚާބުކުރުމަށް ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބެވެ. ޕާޓީތަކުން ކެނޑިޑޭޓުން މިއިންތިޚަބުތަކުގައި ވާދަކުރުމަށް ކުރިމަތިލާ މިހާރުވަނީ ކެމްޕޭން ކުރަން ފަށާފައެވެ. އެހެންނަމަވެސް، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކުގެ ތެރެއިންނެވެ.

މިގޮތުން ދާދިފަހުން އެޗްޕީއޭއިން އާންމުކުރި ކެމްޕޭން ކުރުމާބެހޭ ގައިޑްލައިންގެދަށުން، ކަރަންޓީން ނުވެ، ރަށްރަށަށް ކެމްޕޭންކުރަން ދިއުމުގެ ފުރުސަތު ދީ، ގައިޑްލައިނެއް އެއިދާރާއިން އާންމުކުރިއެވެ.

މިގައިޑްލައިން އެޗްޕީއޭއިން އާންމު ކުރީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ބަރާބަރު އެއްމަހަށް ވެގެންދިޔަ ތަނާކަހަލަ ގޮތަކަށެވެ.

އެހެންނަމަވެސް، ފާއިތުވެދިޔަ މުއްދަތުގައި، އާއިލީ މީހަކު މަރުވުމުގެ ސަބަބުން، މޫނު ދެކިލުމަށްވެސް ރަށަކަށް ޒިޔާރަތް ކޮށްފިނަމަ، ކަރަންޓީން ވާންޖެހި، އަދި މޫނު ބެލުމުގައިވެސް ގައިދުރުކޮށް އަމަލްކުރަންޖެހޭ ގޮތައް އެތަކެއް މަޖުބޫރީ ހާލަތުތަކެއް އެތައް ދުވަހެއް ވަންދެން ރައްޔިތުންގެ މައްޗަށް ތަންފީޒު ކޮށްފައި ބޭއްވުމަށްފަހު، ކުއްލިގޮތަކަށް، ލޯކަލް ކައުންސިލަށް ކެމްޕޭން ކުރަން ދާފަރާތްތައް ކަރަންޓީނު ވުމުން އިސްތިސްނާކޮށް ކުއްލި ގައިޑްލައިނެއް އެޗްޕީއޭއިން ނެރުމުން އެތައް ބަޔަކަށް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ.

މިގައިޑްލައިން ނެރުމާއެކު އެތައްބަޔަކު ކުރަމުންދިޔަ ސުވާލަކީ، އަމިއްލަ މަންމަ، ބައްޕަ ނުވަތަ އަމިއްލަ ދަރިއަކު ނިޔާވެގެންވެސް، މޫނުދެކިލުމަށް ރަށަށް ޒިޔާރަތްކޮށް ކަރަންޓީން ވުން ލާޒިމް ކޮށްފައި އޮންނައިރު، ސިޔާސީ ބޭނުމަށް ކެމްޕޭން ކުރަން ރަށްރަށަށް ޒިޔާރަތް ކުރާ މީހުން ކަރަންޓީނުވާން ނުޖެހުނީ، ކެމްޕޭންކުރާ މީހުންގެ ކިބައިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލިއެރުމުގެ ފުރުސަތު ކުޑަވެގެން ތޯއެވެ.

އަދި، ފާއިތުވެދިޔަ މުއްދަތުގައި، ކޯވިޑް19އާއި ގުޅިގެން އެތަކެއް އުސޫލުތަކެއް އެކަށައަޅާ، އެތަކެއް ހަމަތަކެއް އެޗްޕީއޭއިން ގާއިމް ކޮށްފައިވާއިރު، ކެންޕޭން ކުރާ ފަރާތްތައް މިއުސޫލުތަކުގެ ތެރެއިން ކަރަންޓީނުވުމުން އިސްތިސްނާ ކުރެވިދާނެ ގާނޫނީ މިންގަޑެއް އޮތްތޯއާއި، ހަމަހަމަ ކަމާއި އިންސާފުގެ މަގުން ބަލާއިރު މިއީ އެޗްޕީއޭއަށް ނިންމިދާނެ ނިންމުމެއްތޯވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައި ވެއެވެ.

މިގޮތުން ކުރީގެ އުއްތަމަ ފަޑިޔާރު އަހުމަދު އަބުދުﷲ ދީދީ ވިދާޅުވެފައިވަނީ، ވަކިކަމެއް ކުރުމަށް ކަރަންޓީނުން އިސްތިސްނާ ނުކުރެވޭނެ ކަމަށާއި، އަދި އެއިސްތިސްނާ އެމިންގަޑުން ދޭނަމަ ދޭންޖެހޭނީ، މައުޟޫޢީ ގޮތެއްގައި ކަމަށެވެ. މިގޮތުން، ގާނޫނީ މިންގަޑަކުން ބަލާއިރު، އެޗްޕީއޭއިން ކަރަންޓީނުވުމުން ވަކިބަޔަކު އިސްތިސްނާ ކުރާނަމަ އެކަން ކުރަންވާނީ، ވަކި ޝަރުތުތަކެއް ހަމަވެގެން އެފުރުސަތު ލިބިދޭ އުސޫލުން ކަމަށްވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.

ކޮންމެއަކަސް، ކައުންސިލް އިންތިޚާބު ކުރިޔަށް އޮއްވާ، އަދި ވެރިކަންކުރާ އެމްޑީޕީން ފޯރިއާއިއެކު ކެންޕޭންވެސް ފަށާފައިވަނިކޮށް، ކަރަންޓީން ނުވެ ކެމްޕޭން ކުރުމަށް އެޗްޕީއޭއިން މިހުޅުވާލި ފުރަސަތަށް އެތައްބައެއްގެ ބޮޑެތި ފާޑިކިއުތަކެއް އަމާޒުވެގެން ގޮސްފައިވަނިކޮށް، ކުއްލިގޮތަކަށް އެޗްޕީއޭއިން މިވަނީ މިނުންމުން އަބުރާ ގެންގޮސްފައެވެ.

އެހެންނަމަވެސް، ކަރަންޓީން ނުވެ ކެމްޕޭންކުރަން ފުރުސަތު ދިން ސަބަބުތަކެއްވެސް، އަދި އެއްދުވަހަށްފަހު މިފުރުސަތު ބަންދުކުރި ސަބަބަބެއްވެސް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ކެމްޕެއިން ކުރުމުގައި ކަޑައަޅާފައިވާ މިއުސޫލުތައް އުވާލާފައިވާކަން ހާމަކޮށް އެ މުވައްސަސާއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، މި ފިޔަވަޅުތައް އުވާލާފައިވަނީ މިފިޔަވަޅުތަކާ ގުޅޭގޮތުން ގިނަބައެއްގެ ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.

އެހެންނަމަވެސް، މިފަދަ ބޮޑު ސިއްޙީ ކާރިސާއެއްގެ ތެރޭގައި މުޅި ދުނިޔެއާއި އަދި ގައުމު އޮއްވާ، ގައިން ގަޔަށް ފެތުރޭ ބައްޔެއް ކޮންޓްރޯލް ކުރުމުގައި އެޗްޕީއޭއިން ނިންމާ ނިންމުންތައް މިއުސޫލުން ބަދަލުވެގެން ދާންޖެހޭ ސަބަބު އިތުރަށް ސާފުކުރުމަށް ބޭނުންވާ ގިނަބަޔަކު މިއަދު ތިބޭނެކަން ޔަގީނެވެ.

ސަބަބަކީ، އެޗްޕީއޭއިން އަޅާ ފިޔަވަޅުތައް ބިނާވަނީ ސިއްޙީ މާހިރުންގެ ލަފާގެ މައްޗަށްކަމަށް ޚުދު އެމުވައްސަސާއިންވެސް އެތައްފަހަރެއްގެ މަތިން ބުނެފައިވާތީއެވެ. އަދި މިނޫނަސް، ރައްޔިތުންގެ ކަންބޮޑުވުން އެކަންކަމާ ގުޅިލާމެހިފައިވާ، އެތައް ފިޔަވަޅުތަކެއް މިހާރުވެސް އެޗްޕީއޭއިން ދަމަހައްޓަމުން ދާތީއެވެ.

އެހެންކަމުން، ރައްޔިތުންގެ ސިލްމާ ސަލާމަތާއި، އަދި އާންމު ދިރިއުޅުމުގެ ފަސޭހަތަކާއި ގުޅި ލާމެހިފައިވާ އެތަކެއް ފިޔަވަޅުތަކެއް އަޅާ އަދި ތަންފީޒުކުރަމުންދާ މިފަދަ މުވައްސަސާއަކުން ނިންމުންތައް ނިންމުމުގައި ގެންގުޅޭ އުސޫލުތަކާއި އަދި މި ނިންމުންތައް ނިންމުމުގައި ލިބިފައިވާ މިނިވަންކާމާއި، މިކަންކަމުގައި ފަންނީ މާހިރުންގެ ލަފައާއި ހިއްސާ ހިމެނިގެންދަނީ ކިހާ މިންވަރަކަށްތޯ މިއީ މިއަދު އެތައްބައެއްގެ ހިތުގައި އުފެދިފައިވާ ޖަވާބު ލިބެންޖެހިފައިވާ މުހިންމު ސުވާލުތަކެކެވެ.

5 މީހުންނަށްވުރެ ގިނައިން އެކެއް ނުވެވޭނެ!

ފެތުރެމުންދާ ކޯވިޑް19ގެ ރޯގާއިން ގައުމު ސަލާމަތްކުރުމަށް އެޗްޕީއޭއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ހަގީގަތުގައިވެސް ހިމެނޭ އެންމެ މުހިންމު އެއްބަޔަކީ، ބަލި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރިގެން ދިޔަ ނުދިނުމަށްޓަކާ އެއްތަނަކަށް އާންމުން އެއްވެ އުޅުން ހުއްޓުވުމަށް އެމުވައްސަސާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އާންމު ކުރަމުންދާ ގައިޑްލައިންތަކެވެ.

މީގެތެރެއިންވެސް އެންމެ މުހިންމު ގޮތެއްގައި ފާހަގަވެގެންދާ އެއް ގައިޑްލައިނަކީ، 5 މީހުންނަށްވުރެ ގިނައިން އެއްތަނަކަށް މީހުން އެއްވުން މަނާކުރުމުގެ ގޮތުން އެ މުވައްސަސާއިން އާންމު ކޮށްފައިވާ އުސޫލެވެ. މިއުސޫލުގެ ދަށުން ވެރިރަށް މާލޭ ސިޓީގެ އެއްވެސް ސަރަހައްދަކަށް، 5 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުމަކީ މަނާކަމެކެވެ. އަދި މިއުސޫލާ ޚިލާފަށް އެއްތަނަކަށް އާންމުން އެއްވެއްޖެނަމަ، އެޗްޕީއޭގެ އުސޫލާ އެއްގޮތަށް ފުލުހުން ގެންދަނީ އެއްވާހާ ބަޔަކު ޖޫރިމަނާވެސް ކުރަމުންނެވެ.

މިގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއްކަމަކީ، މިހާރު އިދިކޮޅު ޕީޕީއެމްއިން ބާއްވާ މުޒާހިރާތަކެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ޕީޕީއެމްއިން ވަނީ މުޒާހިރާތައް ކުރިޔަށް ގެންގޮސްފައި

ދެތުފުޅެކެވެ. އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނު އަސާސީން ލިބިދީފައި އޮތް ކަމުގައިވި ނަމަވެސް، ޕީޕީއެމްގެ ވެރިކަމުގައި ފާސްކޮށްފައި އޮތް އެއްވެ އުޅުމާބެހޭ ގާނޫނެއް އެބައޮތެވެ. މި ގާނޫނުގެ ދަށުން އެއްވެވެނީ ހަމައެކަނި ކާނިވާ ސަރައްދަށް އެކަނި ކަމުގައިވި ނަމަވެސް، ޕީޕީއެމްއިން މިހާރު ކުރިޔަށް ގެންދާ މުޒާހިރާތައް ހުއްޓުވުމަށް ފުލުހުންނަށް އިތުރު އެހެން އުޒުރެއް އެޗްޕީއޭގެ ގައިޑްލައިންތަކުގެ ތެރެއިން ވަނީ ލިބި ދީފައެވެ.

މިގޮތުން، އެއްތަނަކަށް 5 މީހުންނަށްވުރެ ގިނައިން އެއްވީމާ، ކޮންމެ ދުވަހަކުވެސް ފުލުހުން މުޒާހިރާ ރޫޅާލައެވެ. އަދި އެއްވާ ގިނަ އަދަދެއްގެ ބަޔަކު ފުލުހަށް ގެންގޮސް ޖޫރިމަނާ ކުރުމަށްފަހު ދޫވެސް ކޮށްލައެވެ. އެޗްޕީއޭގެ އުސޫލުތައް ވަރަށް ރަގަޅަށް ތަންފީޒުވަމުން ދެއެވެ.

އެހެންނަމަވެސް، މީގެ އެއް ދުވަސްކުރިން، ފެނިގެން ދިޔަ މަންޒަރަކީ، ހުޅުމާލޭގައި، އެމްޑީޕީގެ ކެނޑިޑޭޓު ރިޒްނާ ޒަރީރުގެ ޖަގަ ހުޅުވުމަށް ބޭއްވިގެންދިޔަ އެއްވުމެވެ.

ރައީސް ނަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމަށް އެއްވީ އެންމެ 5 މީހުން ނޫންކަން، މީހުންގެ އަދަދު ނުގުނި ކަމުގައިވި ނަމަވެސް، ފޮޓޯތަކުން ސާފުވެއެވެ. އެހެންނަމަވެސް، މި އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. އަދި އެއްވުމުގެ އެއްވެސް ބައިވެރިއަކުވެސް، އަދި އެޗްޕީއޭގެ އުސޫލާ ޚިލާފަށް އެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ރައީސް ނަޝީދުވެސް ޖޫރިމާނާ ކުރެއްވިކަމުގެ މައުލޫމާތެއް އަދި މިހާތަނަށް މީޑިއާތަކާއި ހަމަށް ތިލަވެފައެއް ނުވެއެވެ.

އެހެންނަމަވެސް، އެއްވުމުގެ ބައިވެރިވި އިސްބޭފުޅުން ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވާ، އަދި ގިނަ އަދަދެއްގެ ބަޔަކު އެއްވުމުގައި ބައިވެރިވެފައިވާ އިރު، އެކަށީގެންވާ ގޮތެއްގައި ގައިދުރުކަމެއްވެސް ގެންގުޅެފައިވާތަން މި އެއްވުމުން ފެންނާކަށް ނެތެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ހުޅުމާލޭ އެމްޑިޕީ ޖަގަހަ ހުޅުވުމަށް 5 މީހުންނަށްވުރެ ގިނައިން އެއްތަނަކަށް މީހުން ޖަމާވެފަ

އެޗްްޕީއޭގެ އުސޫލު ތަންފީޒު ކުރުމުގައި އެންހަމައަކުން އަމަލު ނުކުރެވޭކަމުގެ ޝަކުވާތައް، ވަކީން ޚާއްސަކޮށް މިހަރަކާތަށްފަހު މިވަނީ ގަދަވެގެން ގޮސްފައެވެ. އެހެންނަމަވެސް، ފިޔަވަޅުތައް ތަންފީޒުކުރުމުގައި ހަަމަހަމަކަން ގާއިމް ކުރެވެމުން ދުނާ މައްސަލާގައި، މިހާތަނަށް އައިިއިރު، އެޗްޕީއޭއިންވެސް އަދި ފުލުހުންގެ ފަރާތުންވެސް އެއްވެސް މައުލޫމާތެއް މީޑިއާތަކާއި ހިއްސާ ކޮށްފައެއް ނުވެއެވެ.

ވެކްސިން ޖެހުމުގައި ގައި ގޯޅިކަން

ކޯވިޑް19 ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅަމުންދާ މުހިންމު ފިޔަވަޅުތަކާއި، ތަންފީޒު ކުރެވެމުންދާ އުސޫލުތަކާ ގުޅޭގޮތުން ގިނަބައެއްގެ ކަންބޮޑުވުން އޮތްކަމަށް ޚުދު އެމުއްސަސާއިންވެސް ބުނަމުންދާއިރު، އެޗްޕީއޭއިން ދާދިފަހުންވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް އާންމުކޮށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެޗްޕީއޭއިން މިފުރުސަތު އާންމުކޮށް ހުޅުވާލުމާއެކު، ފެނިގެން ދިޔަ މަންޒަރަކީ، ވެކްސިން ޖެހުމަށް ގިނަބަޔަކު އެއްތަނަކަށް އެއްވެ، ކިއު ހަދަން ފެށި މަންޒަރެވެ. ކިއުތަކުގައި ތިބޭ މީހުންގެ އަދަދުތައް ދައްކާ ގޮތުން، އެޗްޕީއޭއިން، އެއްބަޔަކު އެއްތަނަކަށް އެއްވުމަށް ހުއްދަ ދޫކޮށްފައި އޮންނަ 5 މީހުންގެ އަދަދަށްވުރެ އެތައް ގުނައެއް ގިނަކޮށް މީހުން ދަނީ ޖަމާވަމުންނެވެ. ގައިގޯޅި ކޮންނެވެ. އެއްވެސް ގައިދުރުކަމެއް ނެތިއެވެ.

އަދި، އެންމެ އަޖައިބުކުރުވަނިވި ކަމަކަށް އޮތީ، މިމަންޒަރު އެންމެ ގާތުން ދެކެންވެސް ތިބީ އެޗްޕީއޭގެ އިހުތިސާސްތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންކަމެވެ. ފިޔަވަޅުތައް އިއުލާން ކުރުމަށްފަހު، އެފިޔަވަޅުތަކާއި ދިމާ އިދިކޮޅަށް އަމަލު ކުރަން މަޖުބޫރުވާ އުސޫލަކުން އެޗްޕީއޭއިން ޚިދުމަތް ފޯރުކޮށްދެމުންދާ ކަމީ، މިއަދު އެތައްބައެއްގެ ކަންބޮޑުވުން މިކަންކަމާ ގުޅޭގޮތުން ނުހަނު މަތީ ދަރަޖައަކަށް އޮތް ކަންކަން ކަމުގައި މިވަނީ ވެގެން ގޮސްފައެވެ.

ވެކްސިން ޖަހަން އެތައްބަޔަކު އެއްތަނަކަށް ޖަމާވެފައި

އަދި ހަމައެއާއެކު، ގައިގޯޅިވެގެން، ކުރަމުންދާ މުޒާހިރާތަކުގައި، ގައިގޯޅިވާތީ ފިޔަވަޅުއަޅަން ނިކުންނަވާ ފުލުހުންވެސް، ވެކްސިންޖަހަން އެއްވާ މީހުންގެ ގައިދުރުކަން ޔަގީންކުރުމަށް ކުރާ މަސައްކަތެއްވެސް ފެންނާކަށް ނެތެވެ.

ފިޔަވަޅުތައް އެޅުމުން ފެށިގެންގޮސް، ފިޔަވަޅުތައް ތަންފީޒުކުރުމާ ހަމައަށްވެސް، ގާއިމްނުކުރެވިގެން މިއުޅޭ ހަމަހަމަކަމާއި، ނުހިފެހެޓިގެން މިއުޅޭ އުސޫލުތަކުގެ ވާހަކަތައް އެތައްބަޔަކު މިއަދު މިދަނީ ކަންބޮޑުވުމާއެކީ ދައްކަމުންނެވެ.

އެހެންނަމަވެސް އަހާނޭ ކަންފަތެއް، ދެކޭނޭ ލޮލެއް ތަންފީޒީ މުވައްސަސާތަކުގެ ތެރޭގައި އަދި ފެންނާކަށްނެތެވެ. އެމްޑިޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ، ހެލްތު މިނިސްޓަރަކު ހުންނެވީތީ، އެބޭފުޅާ ޖަވާބުދާރީ ވާންޖެހޭނެކަމަށް ދެކޭ މީހަކުވެސް ހުރިތަނެއް އަދިއަކު ފެންނާކަށް ނެތެވެ.

އެހެންނަމަވެސް، ނަމާދު ކުރުމުގައި ގައިދުރުކޮށް ސަފުހެދުން މަޖުބޫރު ކުރެވިއްޖެއެވެ. އަދި މިނިންމުން ތަންފީޒު ކުރުމަށްޓަކާވެސް ވަރަށް ފުރިހަމައަށް އަމަލްކުރެވެމުންދާ ތަންވެސް ފެންނާ އެބަހުއްޓެވެ.

ފިޔަވަޅުތައް އެޅުމާއި، ތަންފީޒުކުރުމާއި، އުވާލުމުގައި އެޗްޕީއޭއިން މިހަދާ އެއްޗެއް ނޭގި އަދިވެސް ގިނަބަޔަކު މިތިބީ ވާނުވާގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *