އަދާލަތު ޕާޓީގެ ނާއިބް ރައީސުންގެ ގޮތުގައި ޑރ.ނައުޝާދު މުހައްމަދު އާއި، މުހައްމަދު އިޔާދު ހަމީދު އިންތިޚާބުކޮށްފިއެވެ.
އަދާލަތު ޕާޓީގެ ނާއިބް ރައީސުންގެ ގޮތުގައި އިންތިޚާބު ކޮށްފައިވަނީ ޑރ.ނައުޝާދު މުހައްމަދު އާއި، މުހައްމަދު އިޔާދު ހަމީދުއެވެ. މިދެބޭފުޅުން އިންތިޚާބު ވެފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ބޮޑު އައުލަބިއްޔަތަކުންނެވެ. މިދެބޭފުޅުންނާއިއެކު އަދާލަތު ޕާޓީގައި ތިން ނާއިބް ރައީސުން ތިއްބަވާނެއެވެ. އަދާލަތު ޕާޓީގެ އަނެއް ނާއިބް ރައީސަކީ އަހުމަދު ޝަރީފްއެވެ.
މިއަދު ކުރިއަށްދިޔަ ކޮންގްރެސްގެ ދަންފަޅީގައިވެސް ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ޕާޓީގެ ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމާއި، ޒުވާނުންގެ މަޖިލީހަށާއި، އަންހެނުންގެ މަޖިލީހަށް ވަނީ މެމްބަރުން އިންތިޚާބު ކޮށްފައެވެ. އަދި މިއަދުގެ ދަންފަޅީގައި ވަނީ ޕާޓީގެ ދުސްތޫރަށް އިސްލާހު ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ އަދާލަތު ޕާޓީގެ ތިން ވަނަ ކޮންގްރެސް ހުޅުވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ފާއިތުވީ ފާއިތުވެދިޔަ ދައުރަކީ އަދާލާތު ޕާޓީގެ ހަޔާތުގައި އެންމެބޮޑު ގޮންޖެހުން ކުރިމަތިވި ދައުރު ކަމަށެވެ. އޭރު ރާއްޖޭގައި އޮތް ވެރިކަމަކީ އަދާލަތު ޕާޓީގެ ފުރިހަަމަ ބައިވެރިވުމާއިއެކު އެކުލެވިގެންދިޔަ ވެރިކަމަށް ވީނަމަވެސް އެވެރިކަމުގެ އެންމެ ބޮޑު މަޤުސަދަކަށްވީ އަދާލަތު އޭރުގެ ސަރުކާރުން ބޭރުންކޮށް ޕާޓީ ނެތި ކޮށްލުމަށް ކަމަށް އިމްރާން ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ކޮންގްރެސް ނިމޭނީ މާދަމާއެވެ.
ކޮމެންޓު ފޮނުވާ