ޓެކްސް ކޮމިޝަނަރުގެ މަޤާމަށް ހަލީމް އަދި އަމީޒާގެ ނަން މަޖިލީހަށް ހުށަހަޅުއްވައިފި

ޓެކްސް ކޮމިޝަނަރުގެ މަޤާމަށް ހަލީމް އަދި އަމީޒާގެ ނަން މަޖިލީހަށް ހުށަހަޅުއްވައިފި

Author
އަހުމަދު
06 ޖުލައި 2026 12:24
0

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ، އެ މަޤާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަން ފޮނުއްވާ ކަމަށެވެ. އެގޮތުން ހުށަހަޅުއްވާފައިވަނީ ހއ. ތަކަންދޫ، ސާދާގެ، މުޙައްމަދު ހަލީމް ޢަބްދުالله އާއި ގދ. ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާގެ ނަމެވެ. ޓެކްސް ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި ޙަސަން ޒަރީރު، މާލީ ކަންކަމާ ބެހޭ ވަޒީރުގެ މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

މަޖިލީހަށް ނަން ހުށަހެޅުނު ދެ ބޭފުޅުންނަކީވެސް އެކައުންޓިންގ ދާއިރާއިން މާސްޓަރސް ފެންވަރަށް ތަޢުލީމު ހާސިލުކުރައްވައި، ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ދެ ބޭފުޅުންނެވެ. މީގެ ތެރެއިން މުޙައްމަދު ހަލީމް މިހާރު ފުރުއްވަމުން ގެންދަވަނީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ރައީސްކަމުގެ މަޤާމެވެ. އަދި ފާތިމަތު އަމީޒާ ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައެވެ. ރައީސް ފޮނުއްވި މި މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.