ރާއްޖެއަށް ކެންސަރު ބަލީގެ މީހުންނަށް ދޭ ފޭކް އިންޖެކްޝަންތަކެއް ހުއްދަ ނެތް ޑިސްޓްރިބިއުޓަރުންތަކެއް މެދުވެރިކޮށް އެތެރެކޮށްފައިވާކަން ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ރާއްޖެ އާއި މެކްސިކޯއަށް ޚާއްސަކޮށްގެން މެޑިކަލް އެލާޓެއް ނެރެފައެވެ. މި އެލާޓަކީ ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ 'މަލްޓިޕަލް މައިލޯމާ' އަށް ފަރުވާދިނުމަށް ބޭނުންކުރާ 'ޑާޒަލެކްސް' ނަމަކަށް ކިޔާ އިންޖެކްޝަންގެ ދެ ބެޗެއް ފޭކްކަން ސާބިތުވުމާ ގުޅިގެން ނެރުނު އެލާޓެކެވެ. ހެލްތު މިނިސްޓްރީން ޔަގީންކަން ދޭ ގޮތުގައި، މި ފޭކް ބޭސްތަކަކީ ރާއްޖެއިން ބޭރުން ބޭސް އެތެރެކުރާ ފަރާތްތަކުން ގެނެސްފައިވާ ތަކެތި ކަމަށްވިޔަސް، ރާއްޖޭގެ އެއްވެސް ފާމަސީއަކުން މި ބޭސް ލިބެން ނުހުންނާނެއެވެ.
މި ނުރައްކާތެރި މައްސަލަ އެންމެ ފުރަތަމަ ދެނެގަނެ، މިއަހަރުގެ މެއި އަދި ޖޫން މަހުގެ ތެރޭގައި ޑަބްލިއުއެޗްއޯއަށް ރިޕޯޓުކޮށްފައިވަނީ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިންނެވެ. އެމްއެފްޑީއޭގެ ތަހުލީލުތަކުން ދެއްކި ގޮތުގައި މި ބޭސް ފުޅިތަކުގެ ތެރޭގައި ލޮލަށް ފެންނަ ވަރުގެ ކުނޑި ނުވަތަ ތަޣައްޔަރުވެފައިވާ މާއްދާތަކެއް ހުއްޓެވެ. ކުޑަ ގައުމަކުން މިފަދަ ބޮޑު މައްސަލައެއް އަމިއްލައަށް ހޯދައި ބައިނަލްއަގުވާމީ ފެންވަރުގައި ރިޕޯޓުކުރުމަކީ ރާއްޖޭގެ ބޭސް ޓެސްޓުކުރުމާއި މޮނިޓަރކުރުމުގެ ނިޒާމު ހަރުދަނާކަން އަންގައިދޭ ކަމެއްކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
ކެންސަރު ބަލިމީހުންނަށް ދޭ ފޭކް އިންޖެކްޝަނެއް ރާއްޖެއަށް އެތެރެވުމާ ގުޅިގެން، ރާއްޖޭގެ ބޯޑަރު ކޮންޓްރޯލާއި މޮނިޓަރިންގެ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ