ކޯވިޑް ޓެސްޓް ހަދައިގެން ކެމްޕެއިނަށް ރަށްރަށް ދެވޭނަމަ، ރިސޯޓް މުވައްޒިފުންނަށްވެސް ކޯވިޑް ޓެސްޓް ހަދައިގެން އާއިލާކައިރިއަށް ދެވެންޖެހޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރަށްރަށަށް ކެމްޕެއިން ކުރުމަށް ދާ ފަރާތްތަކުން 72 ގަޑިއިރުގެ ކޯވިޑް ނެގެޓިވް ނަތީޖާއާއިއެކު ދެވޭނެކަމަށް އެޗްޕީއޭއިން ކަނޑައެޅުމުން އެއުސޫލުން އާއިލާ ކައިރިއަށް ނުދެވި ތިބި މީހުންނަށްވެސް ރަށްރަށަށް ދެވެން ޖެހޭނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާއި ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީގެ ޕާލިމަންޓް މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައްކާތެރިކަމާއިއެކު ކެމްޕެއިނަށް ރަށްރަށަށް ދެވޭނެ ގޮތްތަކެއް އެޗްޕީއޭއިން ކަނޑައެޅިއިރު ރިސޯޓް މުވައްޒިފުންނަށްވެސް ހަމަ މި ރައްކާތެރިކަމުގެ ދަށުން އާއިލާ ކައިރިއަށް ރަށް ރަށަށް ދެވޭނެ ގޮތް ހަމަޖައްސަން ޖެހޭކަމަށެވެ.
ކެމްޕެއިންނަށް ކޯވިޑް ޓެސްޓް ހަދައިގެން ރަށްރަށަށް މީހުން ދިއުން އެންމެ ރައްކާތެރިކަމަށް އެޗްޕީއޭއިން ނިންމިއިރު ކޯވިޑް ޓެސްޓް ހަދައިގެން އާއިލާ ގާތަށް ދާން ބޭނުންވާ ރިސޯޓް މުވައްޒިފުންނަށްވެސް އެ ފުރުސަތު ފަހިކޮށްދޭން ޖެހޭނެކަމަށް އަޅުގަނޑު ދެކެން. އެމަގަށް މަސައްކަތް ކޮށް ދިނުމަށް އެދޭވާހަކަ ދަންނަވަން.
– ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞަދަށް ކުރިމަތިވި އެންމެބޮޑު ލޮޅުމުން އަރައިގަތުމަށް އެންމެ ބުރަ މަސައްކަތް ކުރައްވަމުންދަނީ ރިސޯޓް މުވައްޒިފުންނަށްވާއިރު، އެމުވައްޒިފުންނަށް ފަސޭހަ ގޮތްތަކެއް ތަނަވަސް ވާންޖެހޭކަމަށެވެ.
ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަކީ ފްރަންޓްލައިން ވޯކާސް. އެ މުވައްޒިފުންގެ ދައުރު ރާއްޖޭގެ އިކޮނޮމީ އަލުން ކޮޅަށް ޖަހައި އާރާސްތު ކުރުމުގައި ވަރަށް މުހިންމު. ވީމާ ވީ އެންމެ އަވަހަކަށް ރިސޯޓްތަކުގައި ވެކްސިން ޖެހުމުގެ ޕްރޮގުރާމު ހިންގަން އެބަޖެހޭ. ކޮންމެހެންވެސް އަވަސް ކުރަންޖެހޭ ކަމެއް.
– ޝަރީފް ވިދާޅުވިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާޢީދު ހޯދުމަށް ކެމްޕޭން ކުރުމަށް ބަލި ފެތުރެމުންދާ ޙާލަތު އޮތްރަށަކުން ނުވަތަ ގެސްޓް ހައުސް ހިންގާ ރަށަކުން ނުވަތަ ރިސޯޓަކުން، ބަލި ފެތުރެމުންދާ ޙާލަތު ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލައި 5 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ދަތުރު ކުރެވޭނެކަމަށެވެ. ނަމަވެސް މި ދަތުރުތަކުގައި 5 މީހުންނަށްވުރެ ގިނައިން މީހުން ބައިވެރި ނުނެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.
ދަތުރުކުރުމަށް ހުއްދަ ހޯދުމާއި ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތަށް ބަލައިރު ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުން އަދި ކެންޑިޑޭޓުންގެ ފަރާތުން ދަތުރުކުރާ މީހުން އެކަމަށް ހުއްދަ ހޯދަންޖެހެއެވެ. އުޞޫލުގެ ދަށުން ދަތުރުކުރެވޭނީ ދަތުރުކުރާދުވަހުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީ.ސީ.އާރ ޓެސްޓުގެ ނެގެޓިވް ނަތީޖާ އޮވެގެން ކަމަށްވެސް އުސޫލުގައިވެއެވެ.
ކޮމެންޓު ފޮނުވާ