މާދަމާވެސް ރަތް އިންގިލާބު މުޒާހަރާ އޮންނާނެ: އިދިކޮޅު

މާދަމާވެސް ރަތް އިންގިލާބު މުޒާހަރާ އޮންނާނެ: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
11 މާރޗް 2021 08:00
0

މާދަމާވެސް މާލޭގައި އިދިކޮޅު ކޯލިޝަނުން ސުލްހަވެރި ކަމާއިއެކު މުޒާހަރާ ކުރާނެކަމަށް އެކޯލިޝަނުން ހާމަކޮށްފިއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅުގެ “ރަތް އިންގިލާބު” ހަރަކާތް ދެން ނުހުއްޓުވޭނެ ކަމަށެވެ. އަދި މާދަމާވެސް އިހުތިޖާޖު ކުރުން އޮންނާނެ ކަމަށާ މިދިޔަ ހުކުރު ދުވަހަށްވުރެ ދެން ބާއްވާ އިހުތިޖާޖު ވަރުގަދަަ ވާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މުޒާހަރާތަކަކީ ސުލްވެރި ކަމާއިއެކު އެޗްޕީއޭގެ މިންގަނޑުތަކުގެ ތެރެއިން ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް ކަށަވަރުކޮށްގެން ކުރާ މުޒާހަރާތަކަށްވާއިރު، މިމުޒާހަރާތައް ހުއްޓުވައި އިދިކޮޅުގެ އަޑު ކަނޑުވާލަން ސަރުުކާރުން ކުރާ މަސައްކަތަކީ ވަރަށް ޒިންމާދާރުކަން ކުޑަ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ ހުކުރު ދުވަހު އިދިކޮޅުގެ މުޒާހަރާ ފެށުމުގެ ކުރިންވެސް ފުލުހުން ވަނީ ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ.

އިދިކޮޅުގެ މުޒާހަރާތަކަށް ޖާގަ ނުދެއްވާނެކަމަށް ބުނެ ފުލުހުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ކޯވިޑް 19 ފެތުރުން އިހުނަށްވުރެ އިންތިހާއަށް އިތުރު ވެފައިވާ މި ނާޒުކު ދަނޑިވަޅަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭ ވަގުތުކަމަށް ފުލުހުން ދެކޭކަމަށެވެ. އަދި އެއްވެސް ބަޔަކަށް ގާނޫނާއި ގަވާއިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދަނޑިވަޅުގައި ހުރިހާ ބޭފުޅުންވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރައްވައި ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓެވުމަށް އިލްތިމާސްކުރާ ހާލު، އެޗްޕީއޭގެ އެންގުންތަކާ ހިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.