ގިރިފުށީ ތަމްރީން މަރުކަޒު އެހެންތަނަކަށް ބަދަލުކުރަން ނުފެންނަކަމަށް ފާސްކޮށްފި

ގިރިފުށީ ތަމްރީން މަރުކަޒު އެހެންތަނަކަށް ބަދަލުކުރަން ނުފެންނަކަމަށް ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
11 މާރޗް 2021 06:08
0

ގިރިފުށި ނޫން ތަނަކަށް އަސްކަރީ ތަމްރީން ބަދަލުކުރުމަށް ނުފެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ގިރިފުށީގައި ސިފައިން ހަތިޔާރު ބޭނުންކޮށްގެން ކުރިއަށް ގެންދާ ތަމްރީންތަކުގައި އެކި ހާދިސާތައް ކުރިމަތިވާތީ ރައްޔިތުންގެ މަޖިލީގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް މަޖިލީހަށް ހުށަހެޅުއްވި މިމައްސަލަ ބެއްލެވި ސަލާމާތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމާފައިވަނީ ކޮމިޓީގެ އެދުމުގެ މަތީން ގިރިފުށީގައި ބޭނުންކުރާ ފައަރިންގް ރޭންޖަށް ބަދަލުތަކެއް ގެނެސް އިތުރު ފިޔަވަޅުތައް އަޅާފައިވުމާއެކު، ގިރިފުށި ނޫން ތަނަކަށް އަސްކަރީ ތަމްރީން ބަދަލުކުރުމަށް މިވަގުތައް ނުފެންނަކަމަށެވެ.

ތުލުސްދޫ ދައިރާގެ މެމްބަރު ގިރިފުށީ ޓްރައިނިން މަރުކަޒު އެހެން ތަނަކަސް ބަދަލުކުރަން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގައި ކ.ހިންމަފުށީގެ ހުޅަނގު ފަރާތުގައި އޮތް ސަފާރީއެއްގައި ހުރި އުމުރުން 41 އަހަރުގެ ޖަރުމަންވިލާތަށް ނިސްބަތްވާ ފަތުރުވެރިއެއްގެ ކަރަށް ގިރިފުށިން ދޫކޮށްލި ވަޒަނެއް އަރާފައިވާ ކަމަށާ އަދި އޭގެ ކުރިން ދެ ފަހަރެއްގެ މަތިން ހިންމަފުށީގެ ގެއެއްގެ ދޮރޯއްޓާއި ގެސްޓް ހައުސްއެއްގެ ކުޑަ ދޮރަށް ވަޒަން އަރާފައިވާ ކަމަށެވެ.

މިހާދިސާތަކާއި ގުޅިގެން ހިންމަފުށީގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމަށްޓަކައި އަސްކަރީ ތަމްރީންތައް ހިންގުން ގިރިފުށި ނޫންތަނަކަށް ބަދަލު ކޮށްދޭން އެ މައްސަލާގައި ވަނީ އެދިވަޑައިގެންފައެވެ.

ކޮމިޓީން މިމައްސަލަ ނިންމުމަށްފަހު ބުނެފައިވަނީ ވަނީ ގިރިފުށީގައި ހަތިޔާރު ބޭނުންކޮށްގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ޚާއްޞަ ކޮމިޓީއެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި އެކުލަވާލެވިފައިވާކަމަށެވެ.

އަދި ސިފައިންގެ ތަމްރީނުތައް ގިރިފުށީގައި ކުރިއަށް ގެންދާއިރު، ނުރައްކާތެރި ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި، އެ ކޮމިޓީގެ ލަފާގެ މަތިން ހަތިޔާރު ބޭނުންކޮށްގެން ކުރިއަށް ގެންދާ ތަމްރީނުތަކަށް ބޭނުންކުރެވޭ ގިރިފުށި ފައަރިންގް ރޭންޖަށް ބަދަލުތަކެއް ގެނެސް އިތުރު ފިޔަވަޅުތައް އަޅާފައިވުމާއެކު، އަދި ގިރިފުށި ނޫންތަނަކަށް ސިފައިންގެ އަސްކަރީ ތަމްރީނުތައް ބަދަލުކޮށްފިނަމަ، ތަމްރީނުތަކަށް ބޭނުންވާ ސާމާނާއި، ސިފައިން އެތަނަކަށް ގޮސް އައިސްވުމަށް ދަތިތަކާ ކުރިމަތިލާންޖެހޭނެކަމަށެވެ.

މިހުރިހާކަމަކަށް ބެލުމަށްފަހު ގިރިފުށި ނޫން ތަނަކަށް އަސްކަރީ ތަމްރީން ބަދަލުކުރުމަށް މިވަގުތައް ނުފެންނަކަމަށް، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި ބައޮވެރިވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.