އާ ލީޑަރުންތަކެއް ވުޖޫދުވެގެން މެނުވީ ގައުމުގެ ހާލަތު ބަދަލުވާކަށް ނެތް!

އާ ލީޑަރުންތަކެއް ވުޖޫދުވެގެން މެނުވީ ގައުމުގެ ހާލަތު ބަދަލުވާކަށް ނެތް!

ގުޅުންހުރި

ދުނިޔޭގެ ގައުމުތައް ތަރައްގީވެގެން އައީ، އެގައުމުތައް ތަރައްގީ ކުރުމުގައި ވެރީން ގެންގުޅުއްވި ދުރު ވިސްނުމާއި، އަދި އެވިސްނުންތައް ކުރިޔަށް ގެންދިއުމުގައި، އެގައުމުތަކުގެ ޒުވާނުންގެ ހަކަތަ ނުހަނު މަތީ ދަރަޖައަކަށް ބޭނުން ކޮށްގެނެވެ.

އަދި ހަމަ އެފަދައިން، ގައުމުތަކަށް މަގު ދައްކައިދިނުމުގައި، އެއްވިސްނުމެއްގެ މަތީ ދިގު ޒަމާންތަކެއް ވަންދެން ދެމި ތިބުމުގެ ބަދަލުގައި، ގައުމުތަކުގެ ސިޔާސީ މަސްރަހުގެ ތެރެއިން، އަރައިގެން އަންނަ ޖީލުތަކަށް، ވެރީން ނުހަނު މަތީ ދަރައަކަށް މަގު ދައްކައިދީގެންވެސްމެއެވެ.

މީގެ މިސާލުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެހާރާއި މިހާރުވެސް ފެންނާން އެބަހުއްޓެވެ.

މިގޮތުން، އަދުގެ ދުނިޔެއަށް ބަލާއިރު، ދުނިޔޭގެ އެކި ގައުމުތަކުގައި އެކަށައެޅިފައި އޮތީ މައިގަޑުކޮށް ދެބާވަތެއް ވެރިކަމުގެ ނިޒާމެކެވެ. އެއީ، ވާރުތަވަމުން އައިސްފައިވާ ރަސްކަމުގެ ގަދީމީ ނިޒާމާއި، މީގެ 2،500 ވަރަކަށް އަހަރު ކުރިން (އީސާގެ ފާނުގެ 500 އަހަރު ކުރިން) އެންމެ އިހުޒާމާނުގެ ގްރީސުން ތައާރަފްވެގެން، މިއަދު ނުހަނު ބޮޑަށް ތަރައްގީވެފައިވާ ޑިކޮމްރަސީގެ ނިޒާމެވެ.

އެހެންނަމަވެސް މީގެ އިތުރަށް، އަދުގެ ދުނިޔޭގައި، ވެރިކަމުގެ ނިޒާމެއްގެ ގޮތުގައި ކޮމިއުނިޒަމްގެ އުސޫލުތައް ކުރިޔަށް ނެރެ ޗައިނާފަދަ ބައެއް ގައުމުތަކުގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި އެއުސޫލުތައް ދަމަހައްޓަމުން އައި ކަމުގައިވި ނަމަވެސް، މިއީ ވަޅުޖެހި، އުވި ނެތިގެން ގޮސްފައިވާ ވެރިކަމުގެ ނިޒާމެއް ކަމުގައި ދެންނެވިދާނެއެވެ.

މިގޮތުން، ޑިމޮކްރަސީއާއި ރަސްކަމަކީވެސް، އޭގެ ތެރެއިން މިއަދުވެސް ގައުމުތަކަށް ތަރައްގީއާއި ތަމައްދުނު އަންނަމުންދާ، ވެރިކަމުގެ ދެ އޮނިގަޑެކެވެ. އެހެންނަމަވެސް، ތަފާތުތަކަކާއެކީގައެވެ.

ރަސްކަމުގެ "ނަމުގައި" ޚުދުމުތާރު ވެރިކަމެއް ކުރާ ގައުމުތަކެއް ފެންނާކަށް ނެތެވެ. ސަބަބަކީ، ރަސްކަމުގެ މުޅި އޮނިގަޑަކީވެސް، މުޅި ގައުމާއި، ގައުމުގެ ބައިތުލްމާލުވެސް، ޝާޙީ އާއިލާގެ މިލްކު މުދާކަމުގައި ކަޑައެޅި، ވެރިކަމާ ދެކޮޅަށް ނިކުންނަ ކޮންމެ މީހަކަހަށް ގިނަފަހަރު މަރުނޫން ދެވަނަ އަދަބެއް ކަޑައެޅިފައި އޮންނަ ވެރިކަމުގެ ނިޒާމަކަށް ނުވާތީއެވެ.

ނަތީޖާއެއްގެ ގޮތުން، ރަސްކަންތައް ދިގުދެމިގެންދާ ގައުމުތަކުގައި، ވެރީން ބަޑު ފުރެންދެން، ރައްޔިތުންގެ މުދަލުން ފަރީއްކުޅުއްވުމުގެ ފުރުސަތު އޮވެއެވެ. ގާނޫނުތަކުން ލިބިދީފައެވެ. ޝަކުވާއެއް ކުރުމުގެ ފުރުސަތެއް، މިނިވަންކަމެއް ނޯވެއެވެ. ވެރީން ބޭނުންކޮށް ބާކީވާ ހައްގެއް މެނުވީ ރައްޔިތުންނަކަށް ލިބިދެވޭނެ އެއްވެސް މަގެއް ނޯވެއެވެ.

ސައުދީ އަރަބިއާގެ މިހާރުގެ ރަސްގެފާނު ކިންގ ސަލްމާން

 

އަދުގެ ދުނިޔެއިން ފެންނާން އޮތް، ސައުދީ އަރަބިއާފަދަ، މިފަދަ ބައެއް ގައުމުތަކަކީ، އުމްރާނީގޮތުން ތަރައްގީވެފައިވާ ގައުމުތަކެވެ. އެހެންނަމަވެސް، މިފަދަ ގިނަ ގައުމުތަކަކީ، އިންސާނީ ހައްގުތަކުގެ ރެކޯޑް ދަށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް ނެތް، ވެރިންގެ ޚުދުމުޚްތާރު ނުފޫޒު މުޅިގައުމަށް ފެތުރިފައި އޮތް ގައުމުތަކެވެ.

ޑިމޮކްރަސީ

އެހެންނަމަވެސް، ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމުތައް ގާނޫނު އަސާސީން އެކަށައަޅާފަ އޮތް ގައުމުތަކުގެ ހާލަތު، އިސްވެ ދެންނެވުނު ހާލަތުތަކާއި މުޅިން ތަފާތެވެ. ސަބަބަކީ، ޑިމޮކްރަސީއަކީ އޭގެ ޒާތުގައި، ރައްޔިތުންނަށް މިނިވަންކަން ދީގެން، ހައްގުތައް ކަށަވަރު ކޮށްދީގެން، އަދި ރައްޔިތުން ވޯޓުވެސް ދީގެން އިންތިޚާބުވާ ވެރިން ވެރިކަން ކުރާ ވެރިކަމަކަމަށް ވާތީއެވެ.

އެހެންނަމަވެސް އަދުގެ ދުނިޔޭގެ ހާލަތަށް ބަލާއިރު ފެންނާން އޮތް މަންޒަރަކީ، ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމުގެ ތެރެއިން ހެޔޮ ބަދަލުތަކާއެކީ ވެރިކަން ކުރާ ގައުމުތަކުން، ތަރައްގީއާއި ތަމައްދުނުގެ އިތުރުން، އިންސާނީ ހައްގުތަކަށް ދަންދެން ކަށަވަރުކުރުމުގައި ކުރިއެރުން ހޯދާފައިވާއިރު، ޑިމޮކްރަސީގެ ނަމުގައި ޚުދުމުޚްތާރު ވެރިކަންތައް ކުރަމުންދާ ގައުމުތަކުގައި ސިޔާސީ، ނަސްލީ ހަމަ ނުޖެހުން އުފެދި ނިމުމެއް ނެތް ހަސަދައާއި ދެކޮޅުވެރިކަމުގެ ކަޑަކަށް އެގައުމުތައް އަރަގުވެގެން ގޮސްފައިވާ ތަނެވެ.

މިގޮތުން ކުރިއަރައި ދިއުމުގައި އެމެރިކާފަދަ ހުޅަގުގެ ބައެއް ގައުމުތަކާއި، ޔޫރަޕްގެ ގައުމުތަކުން ހޯދާފައިވާ ކުރިއެރުމަކީ، އެގައުމުތަކުގައި އެކަށަ އެޅިފައިއޮތް ޑިމޮކްރަޓިކް ވެރިކަންތަކުގެ ތެރެއިން ހޯދާފައިވާ ކުރިއެރުންތައްކަމުގައި މިއަދު ދެންނެވެން އެބައޮތެވެ.

ސަބަބަކީ، ވެރިކަމުގެ ބާރުތައް މުށުތެރެއަށް ލައިގެން، އޭގައި ބަގުޑި ބެއްދުމުގެ ފުރުސަތު އެގައުމުތަކުގައި ކުޑަވުމެވެ. ވެރިކަމުގައި، ދައުރަކަށްފަހު ދައުރެއް ބަދަލުވަމުން ދިއުމުގެ ފުރުސަތު އެގައުމުތަކުގައި އެބަ އޮތެވެ. އެގައުމުތަކުގައި ފެންނާން ހުންނަކީ، ގައުމަށްވުރެ ބޮޑު މީހެއްގެ ބަދަލުގައި، އުސޫލުތަކެވެ. މުވައްސަސާތަކާއި އެމުވައްސަސާތަކުގައި އަމަލްކުރުމަށް ކަޑައެޅިފައިހުރި އުސޫލުތަކެވެ.

ދާދިފަހުން އަޅުގަޑުމެންނަށް ފެނިގެންދިޔައީ، ޒަމާނުއްސުރެ، އެމެރިކާގެ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސްކަމުގައިވާ، ސުލްހަވެރިކަމާއެކު ވެރިކަމުގެ ބާރުތައް އެއް ވެރިކަމުން އަނެއް ވެރިކަމަށް ބަދަލުވެގެން ދާދިއުމުގެ އުސޫލު މުގުރާލާ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންތިޚާބުގެ ނަތީޖާ އަބުރާލާ، ވެރިކަމުގައި ދެމިހުރުމަށް ކުރި މަސައްކަތްތަކެވެ. އެހެންނަމަވެސް، ޚުދުމުޚްތާރު މި ވިސްނުމާއި ދެކޮޅަށް އެމެރިކާގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ޒަމާނުއްސުރެ ޖަހާފައިހުރި ކަޑަތައް ޓަރްމްޕަކަށްވެސް އުފުރައެއް ނުލެވުނެވެ. އެންމެ ފަހުން މަޖުބޫރުވެގެން ދިޔައީ، ޝަކުވާތަކާއެކުވެސް ގޮތް ދޫކޮށް ފަހަތައް ޖެހިވަޑައިގަންނަވާށެވެ.

ޓްރަމްޕް: އެމެރިކާގެ ޑިމޮކްރަސީ އިމްތިހާނު ކޮށްދިން ވެރިއެއް

ނަތީޖާއެއްގެ ގޮތުން، ގިނަވެގެން 2 ދައުރަށްފަހު، އެމެރިކާގައި އަބަދުވެސް ވެރީން ބަދަލުވެއެވެ. އާވިސްނުންތަކެއް ވެރިކަމުގެ ނިޒާމްގެ ތެރެއަށް އާދެއެވެ. ވަޅު  ޖެހިފައި ހުންނަ އެތަކެއް ސިޔާސަތުތަކެއް، މަތާރަންފިލާ މަތިންނަގާ ހިރަފުސް ފޮޅާ އަލުން އާކޮށް ތަންފީޒުކުރުމަށް ފުރުސަތު ލިބެއެވެ. އެމެރިކާގައި ފެންނާން ހުރީ، އެމީގެއްގެ ވަށައިގެން މީހުންތައް އެބުރޭ، ގައުމަށްވުރެ ބޮޑު މީހާއެއް ނޫނެވެ. މީހުން ވަށައިގެން އެބުރެމުންދަނީ އެތައް އަހަރަކުން ކޮށާމަށާ، އެގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ބައްޓަންކޮށްފައި އޮތް ސިސްޓަމްގެ ވަށައިގެންނެވެ.

ހަމަ މިބީދައިން، ޒަމާނީ ޑިމޮކްރަޓިކް ނިޒާމްތަކުގެ ތެރެއިން ޝާހީ ޚާއްދާންނެއް އޮވެމެ، އެހެންނަމަވެސް ޑިމޮކްރަޓިކް ވެރިކަންތައް ޔޫރަޕްގެ އެތައް ގައުމެއްގައި މިއަދުވެސް އެބަ އޮތެވެ. މިސާލެއްގެ ގޮތުން އިގިރޭސިވިލާތް ނެގިދާނެއެވެ.

އެގައުމުގައި މިއަދުވެސް، ގާނޫނީ އެތަކެއް ބާރުތަކެއް ލިބިދީފައި އޮތް ޝާހީ ވެރިކަމެއް އެބައޮތެވެ. ޝާހީ ވެރިކަމުގެ ފަރާތުން ނެރޭ ސިއްކަޖެހި ލިޔުންތަކަކީ އިގިރޭސިވިލާތުގައި ގާނޫނީ ލިޔުންތަކެވެ. އެހެންނަމަވެސް، ވެރިކަން ކުރުން އޮތީ ޝާހީ ޚާންދާނާއި މުޅިން ވަކިކުރެވި، ސިޔާސީ ބާރުތަކާއި ނުފޫޒުތައް އެގައުމުގެ ބަރުލަމަނީ ނިޒާމުގެ ތެރެއަށް ދޫކޮށްލެވިފައެވެ.

ނަތީޖާއެއްގެ ގޮތުން، ގައުމުގައި ހިގާ ކަންކަމާމެދު ބަސްކިއުމާ، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި، އަދި ގައުމުގެ ހުންގާނުގައި ހިފާނޭ ވެރިން އިންތިޚާބުކުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު، ރައްޔިތުންނަށް ލިބިދީފައި އެބައޮތެވެ.

މިހުރިހާ ސަބަބުތަކާއިއެކީ، ފާހަގަ ވާން އޮތްކަމަކީ، ޑިމޮކްރަސީ އޮތް ގައުމުތަކުގައި ހަމަޖެހުން ގާއިމްވެފައި އޮތީ، ސިޔާސީ ބާރުތައް މުށުތެރެއަށް ނުލެވި، ރައްޔިތުން ވަޖިދު ވައްދުވައިގެން ސިޔާސީ ހަރަކާތްތައް ހިންގައިގެން ތިމާމެންގެ ފަހަތުން ސިޔާސީ ލީޑަރުން އުފެދިގެން އަޔަނުދިނުމުގެެ ސިޔާސަތު އެބައެއްގެ ކިބައިގައި އަށަގެންފައިނެތް ސިޔާސީ ވެރިން، ވެރިކަން ކުރަމުންދާ ގައުމުތަކުގައި ކަމެވެ.

އަދި މިއާއި ޚިލާފަށް، ދިމާ އިދިކޮޅަށް، ޑިމޮކްރަސީގެ ނަމުގައި ޚުދުމުޚްތާރު ވެރިކަންތައް ކުރަމުން ދާ ގައުމުތައްވެސް އަދުގެ ދުނިޔޭގައި މަދެއް ނޫނެވެ. ވެނެޒުއޭލާ ފަދަ ގައުމުތަކުގައި ސިޔާސީ އެތަކެއް ތަޅާފޮޅުމެއް ހިގާ، ގައުމުގެ މުއްސަދިކަން މަދުބަޔަކުވެގެން ލޫޓުވާލާ، ރައްޔިތުން ބިކަވެގެން ގޮސްފައިވަނީ، ޑިމޮކްރަޓިކް އޮނިގަޑެއްގެ ތެރެއިން، ޚުދުމުޚްތާރުވެރިކަމަށް ޖާގަ ލިބިދީފައި އޮވެގެންނެވެ. އެެއީ، ޑިމޮކްރަސީއާއި ޚުދުމުޚްތާރުކަމަށް އެއް އުރައެއްގައި ނޮއޮވެވޭނެތީވެސް މެއެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރާއޯއާއި، އަމިއްލައަށް ރައީސްކަން އިއުލާން ކޮފައިވާ އިދިކޮޅު ލީޑަރު ޖޫއާން ގުައުއޯޑޯ

ދިވެހިރާއްޖެ، ދެތިން ލީޑަރުންގެ މުށުތެރޭގައި ބައިގަރުނު

އެންމެ ފުރަތަމަ ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމަވެ. އެވެރިކަމުގައި އޮތީ އެންމެ ބާރެކެވެ. އެއީ ރައީސުލްޖުމުހޫރިއްރާގެ ބާރެވެ. ޝަރީޢަތް ކުރަނީވެސް، ޤާނޫނު ހަދަނީވެސް، ވެރިކަން ހިންގަނީވެސް، ރައީސުލް ޖުމްރިޔާގެ އަމުރު މައޫރޫފުގެ ދަށުންނެވެ. އެ ނިޒާމުގައި 30 އަހަރު ފާއިތުވެ ދިޔައެވެ. ރައްޔިތަކަށް ސިޔާސީގޮތުން ހިންދެމިލާކަށް، ހަމަނޭވާއަށް ލާކަށް ޖާގައެއް ނުދެއެވެ. ގައުމުގެ ހާލަތަށް ބަދަލުބެގެންދާކަނަށް ކުޑަނަމަވެސް ފުރުސަތެއް ލިބިގެނެއް ނުދިޔައެވެ.

އެހެންނަމަވެސް، މުޅިގައުމެއްގެ އާބާދީ އެނޫންގޮތެއް ބޭނުންވުމުން، ޑިމޮކްރަސީ ތަޢާރަފްކުރަން މަޖުބޫރުވެ ޑިމޮކްރަޓިކް ނިޒާމެއް ތަޢާރަފް ވެގެން ދިޔައީއެވެ.

އެހެންނަމަވެސް އެހާތަނުންވެސް، 30 އަހަރު ދުވަހު ޤައުމުގައި ވެރިކަން ކުރެއްވި ބޭފުޅާ އަތުގައި އޮތް ސިޔާސީ މުގޫ އެހެން ބޭފުޅަކާ ހަވާލު ކުރައްވާކަށް ބޭނުންފުޅެއް ނުވިއެވެ. އެއްޕާޓީ އަތުން ދޫވެދިއުމުން އެނެއް ޕާޓީ އުފައްދަވާއިގެންވެސް، ބޭނުންފުޅުވަނީ އަދިއަދަށް ދާންދެންވެސް ވެރިކަމުގެ ބާރުތަކެވެ. ޒުވާން ލީޑަރުން އުފެދި، ބަސްކިޔާ، ލީޑް ކުރާކަށް ފުރުޞަތެއް ނުދެއްވައެވެ.

ރައީސް މައުމޫނުގެ 30 އަހަރަށްފަހު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތީއެވެ. ވެރިކަން ކުރެއްވުމަށްފަހު، އާ ލީޑަރޝީޕަކާއި ޤައުމުގެ ހުންގާނު ހަވާލުކުރެވުމަށް އެއްވެސް މަސައްކަތެއް ނުކުރެއްވިއެވެ. ކުރެއްވިހާވެސް ކަމަކީ، އަމިއްލަ ޕާޓީގެ ނަންދިރުވާ، ސިޔާސީ އެކްޓިވިސްޓުން މަތީ މަޤާމްތަކަށް ގެނެސް، ވެރިކަމަށް ފަހުންވެސް އެމަނިކްފާނު ނޫން މީހަކަށް ވެރިކަމަށް ނާދެވޭނެހާ މަގެއް ފަހިކުރެއްވުމެވެ.

ވެރިކަމަށް ވަޑައިގެންނެވިތާ 3 އަހަރުފަހުން ވެރިކަން ވެއްޓިގެން ދިއުމަށްފަހުވެސް، ޤައުމުގެ ޙާލަތު ބަދަލުވެގެންދާނީ، އައު ވިސްނުމަކުންކަމެއް ޤަބޫލު ކުރެވުމުގެ ބަދަލުގައި، ކުރިޔަށް އައިހައި އިންތިޚާބެއްގައި ވާދަކުރެއްވިއެވެ. ނުވަތަ ވާދަކުރައްވާން މަސައްކަތް ކުރެއްވިއެވެ. މިއަދު މަޖިލިސް ރައީސްކަން، ޖޭއެސްސީގެ މެމްބަރުކަން، އެމްޑީޕީގެ ރައީސްކަން ކުރައްވަމުން ގެންދަވަނީވެސް ހަމަ އެމަނިކުފާނެވެ. އަދިވެސް އޮތީ ވެރިކަމަށް ވާދަކުރެއްވުމުގެ ވިސްނުންފުޅެވެ.

ދެން އޮތީ އިދިކޮޅު ޕާޓީއެވެ. އަދިވެސް ގިނަ ބޭފުޅުން ދައްކަވަނީ ރައީސް ޔާމިން ވެރިކަމަށް ގެނައުކުގެ ވާހަކަތަކެވެ. އަމިއްލަ އެދުންތަކުގެ ފަހަތުގައި ފިއްލަވައި ތިއްބަވައިގެން ނަމަވެސް، ދައްކަވަނީ އެއްވާހަކައެކެވެ. އާވިސްނުމެއް، އާ ލީޑަރޝިޕެއް، އާދުވަހެއްގެ ކޮޅުމައްޗެއްވެސް ފެންނާކަށް ނެތެވެ. އެޕާޓީގެ ތެރޭގައިވެސް، ސިޔާސީ މީހަކަށް ދިރުމެއް އޮތިއްޔާ އޮތްކަމަށް ފެންނަނީ، ރައީސް ޔާމިންއަށް ޝުކުރާއި ސަނާ ކީމިންވަރެއްގެ މައްޗަށެވެ. ޕާޓީގެ ލީޑަރޝިޕްވެސް ވާށާ ބުރު ޖަހަމުންދަނީ އެންމެ ފަރުދެއްގަ ވަށައިގެންނެވެ.

ދެން ހުންނެވީ އޮނަރަބަލް ގާސިމް އިބްރާހީމެވެ. އެމަނިކްފާނުގެ ސިޔާސީ ޕާޓީގެ ބޭނުން ކުރައްވައިގެން، ވިޔާފާރި ކުރިއެރުއްވުމަށްޓަކާ މަސައްކަތް ކުރެއްވުމުގެ އިތުރުން، އަދިވެސް ދެކެވަޑައިގަންނަވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ހުވަފެން ފުޅެވެ. އެތައްފަހަރަކު ވާދަކުރައްވައިފި މެއެވެ. އަދިވެސް މަރުފަލި ޖައްސަވަނީ އެމަގާމަށެވެ. އާވިސްނުމަކަށް، އާ ހަކަތައަކަށް ފުރުސަތެއްނެތެވެ. ތަފާތު ވިސްނުމުގެ އެތަކެއް ސިޔާސީ ބޭފުޅުންނެއް އެޕާޓީއާއި ގުޅިވަޑައިގަންނަވައިފިއެވެ. ވެންނެވިހާ އަވަހަކަށް މިހާތަނަށް ފެނިގެން ގޮސްފައިވަނީ، ވެންނެވި ބޭފުޅަކު ވިއްޔާ ނިކުމެވަޑައިގެންނެވި މަންޒަރެވެ.

މިއަދު ޤައުމަށް ހެވެއް ނުލިބޭކަމުގެ ވާހަކަތަކާއި، ޤައުމުގެ ޙާލަތު ބަދަލު ވަމުން ނުދާކަމުގެ ވާހަކަ ދައްކާއިރު، ފާއިތުވެދިޔަ ބައި ޤަރުނެއްހާ ދުވަސް އަޅުގަޑުމެން މިތިބީ ތިން ހަތަރު ލީޑަރެއްގެ އަތްމައްޗަށް މުޅި ޤައުމު ދޫކޮށް، އައްޔަކަސް އަދިރިއަކަސް ވާނީ އެއްވަރެކޭ ކިޔާލައިގެން ނޫންބާވައެވެ.

ޑިމޮކްރަސީގެ ނިޒާމު ދެމިއޮވެމެ، ހުޅަގުގެ ޤައުމުތައް ކުރިއަރައިގެން ދިޔައީ އެޤައުމުތަކުގެ ވެރިން ވެރިކަމުގައި ބަގުޑި ނުބައްދާ، އާވިސްނުންތަކަށް ޖާގަ ދިނުމުގެ ސަބަބުންނެވެ. އާ ލީޑަރުންތައް އަބަދުވެސް އުފެދި އުޖާލާވެގެން ދާން ފުރުޞަތު ދިނުމުގެ ސަބަބުންނެވެ. ފަހަތުން އަންނަ ޖީލުތަކުން ކުރާނެ އެތަކެއް އުއްމީދުތަކެއް އެޖީލުތަކަށް ފެންނާ ހުރުމުގެ ސަބަބުންނެވެ.

އެހެންކަމުން، ޤައުމަށް ހަމަޖެހުމާއި ތާޒާކަން އަންނާނީ، ލޭގައި ހޫނުކަންހުރި، ހަކަތައާއި ވިސްނުންހުރި އާބަޔަކަށް އަބަދުވެސް ގައުމުގެ ހުންގާނަށް އާދެވިގެންނެވެ. ދައުރުތައް ބަދަލުވެ، ލީޑަރުން އުފެދި، އަދި އެލީޑަރުންނަކީ، ވެރިކަމަށްފަހު އަބުރުވެރި ދިރިއުޅުމަކަށް ވަޑައިގަންނެވުމުގެ ހިތްވަރުހުރި، ލީޑަރުންކަމުގައި ވެގެންނެވެ.

ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން

އެހެންނަމަވެސް، ދިވެހިރާއްޖޭގެ މިޖީލަށް ފެންނާން އޮތީ، ދެތިން ލީޑަރެއްގެ މުށުތެރޭގައި، ވަޖިދުވަދެފައި ތިބެމެ، ދިވެހިން ބައިގަރުނު ހޭދަކޮށްފައި އޮތްތަނެވެ. ޙަޤީތަކީ މުޅި ޤައުމު މިއޮތީ އެގޮތް މިގޮތަށް މޮޑެ، އިސްވެދެންނެވުނު މަދު ސިޔާސީ ލީޑަރުން ބޭނުންހާ ބައްޓަމެއް އެއަށް ގެނެސްފައެވެ. ފަހަތުން، އާސިޔާސީ ވިސްނުމެއް ކުރިލާ ފޯދިގެން އާދޭތޯ މިލީޑަރުންތައް މިތިބީ ލޯއަޅާ ބަލާށެވެ.

ފޯދޭކޮންމެ ކުރިއެއް މަރާލުމަށް މިލީޑަރުންތައް މިތިބީ ކަމަަރު ބަންނަވައިގެންނެވެ. މި ލީޑަރުންތަކުގެ އަމިއްލައެދުމާއި، އުއްމީދުތައް ބޮލުން މައްޗަށް، ފަސްދީ މިވަނީ އަރާފައެވެ. އަރައިފިނަމަ، ފޭބުމުގެ ވިސްނުމެއް ނެތް ސިއާސީ ލީޑަރުންތަކެއްގެ އުގަށް ގައުމުމިއަދު މިއޮތީ ވެއްޓިފައެވެ.

އެހެންނަމަވެސް، މިލީޑަރުންގެ ކިބައިން މިއަދު ގައުމު ސަލާމަތް ކުރަން އެބަޖެހެއެވެ. ރައްޔިތުން ވަޖިދު ވައްދުވައިގެން، މުޅި ގައުމު މުށުތެރެއަށް ލައި، މޮޑެން މިމަދު ލީޑަރުން ކޮޅަށް ފުރުސަތުނުދީ، މިނޫން ދުވަހެއް ގައުމަށް ގެންނަން ކަމަރުބަދެގެން މިއަދު މަސައްކަތް ނުކޮށްފިނަމަ، ގައުމު ހާލަތު ބަދަލުވެގެނެއް ނުދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. Veema raaje ah kamudhaa nizaamakee raskamuge nixam. Bodun democracy ge namugai bathulmaal dhavaalan emme fakka leaderun thibee mi raajjeyga. Rayyithaku neyvaaliya nudhee tax aai joorimaanaa nagaigen billonerunnah vaan dhannanee dhivehi leaderun.
    Ikhulaas theri ekaku leaderakah neiy gaumakee mi dhuvehinge raajje.

Leave a Reply

Your email address will not be published. Required fields are marked *