ރައްޔިތުންގެ މަޖިލީހުން ކުރީގެ މިނިސްޓަރ މަލީހަށް ސިޓީއެއް ފޮނުވަން ގުޅުމުން، މަޖިލީހަށް ފޮނުވާފައިވާ ސިޓީތަކުގެ ޖަވާބު ހޯދުމަށް އެދިވަޑައިގެންފިއެވެ.
މަޖިލިސް އިދާރާއިން މަލީހު އަށް ގުޅާފައިވަނީ މަޖިލީހުގެ މެމްބަރުން ސަރުކާރުގެ ވަޒީރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވާކަމަށް ކުރެއްވި ތުހުމަތު ބަލުމަށްޓަކައި މަލީހު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީ އަށް ހާޒިރުކުރުމަށްޓަކައި ސިޓީ ފޮނުވުމަށެވެ. މަޖިލީހުގެ އިދާރާއިން ގުޅުމުން މަލީހު ވަނީ އެނާ ފޮނުވި ސިޓީތަކުގެ ޖަވާބު ދެއްވުމަށް އެދި ވަޑައިގެންފައެވެ.
މަލީހު ވިދާޅުވީ ދައުލަތުގެ އިދާރާތަކަށް ފޮނުވާ ސިޓީތަކުގެ ޖަވާބު ލަސްވެގެން 3 ދުވަހުގެ ތެރޭގައި ދޭންޖެހޭއިރު، މަޖިލިސް އިދާރާއަށް ފޮނުވި ސިޓީތަކުގެ ޖަވާބު އަދާއި ހަމައަށްވެސް ލިބިފައި ނުވާކަމަށެވެ. އަދި މިއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް މަޖިލިސް އިދާރާއިން ކުރައްވާ ކަމެއްކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.
މަޖިލިސް އިދާރާއިން ދެންމެ ގުޅި. ސިޓީއެއް ފޮނުވާލަން ކަމަށްބުނި. އިމްތިޔާޒު ކޮމެޓީއާއި ގުޅޭ ކަމެއްގައިކަމަށް. އަޅުގަނޑު ދެންނެވިން މަޖިލިސް އަށް އަޅުގަނޑު ވާނީ 2 ސިޓީ ފޮނުވާފައޭ. އަދިވެސް ޖަވާބު ނުލިބެއޭ. ދައުލަތުގެ އިދާރާތަކުން ލަސްވެގެން 3 ދުވަސް ތެރޭ ޖަވާބު ދެއްވަންޖެހޭ.
– މަލީހު ވިދާޅުވިއެވެ.
މަޤާމުން ވަކިކުރުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި މައްސަލައަށް ޖަވާބު ދާރީވުމަށް ލިބުނު ފުރުސަތުގައި މަލީހު ވިދާޅުވީ މަޖިލީހުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބިރު ދައްކަމުންދާ ކަމަށެވެ. ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވީ ވެސް ބިރު ދެއްކުމުން ކަމަށް މަލީހު ވިދާޅުވިއެވެ. އަދި އެދުވަހު ވަގުތު ދެއްވައިފިނަމަ އެކަމުގެ ތަފްސީލް ހާމަކޮށްދެއްވާނެކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހުގެ އެ ތުހުމަތަކީ މަޖިލީހުގެ ކަރާމާތާއިި ގަދަރަށް އުނިކަން ލިބޭ ކަމެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިމްތިޔާޒް ކޮމެޓީ އަށް އެ މައްސަލަ ފޮނުއްވައިފައެވެ.
މަލީހު އެދުވަހު ވިދާޅު ދައުލަތުގެ މިނިސްޓްރީއެއް އެތަނުގެ ފޮޅާ ސާފުކުރާ މީހުން ބުނާގޮތަށް ނުހިންގޭނެކަމަށެވެ. ކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ވަޒީރާ ހަވާލުކޮށްފައިވާ މަސައްކަތެއްކަމަށާއި، މަޖިލީހުގައި އަމިއްލަފުޅަށް ސަރުކާރާ ދެކޮޅު ފެކްޝަނެއް އުފައްދައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގޮންޖައްސަވަމުން މަސައްކަތްކުރުމަކީ ރިޔާސީ ނިޒާމްގެ މަފްހޫމާއި ޚިލާފްކަމެއްކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށާއި، މަޖިލީހުގެ ތަޅުމަށްދާންވެސް އެއްވެސް ޖެހިލުމެއް ނުވާކަމަށާއި، ކޮންމެ ވަގުތެއްގައި އެންގިޔަސް މަޖިލީހަށް ދާން ތައްޔާރަށް ހުންނެވިކަމަށް މަލީހުވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ