ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތަކުގެ ތަހުގީޤް ކުރިއަށްދަނީ އޭނާ ފްރޭމް ކުރީކަމަށް ބަލައިގެން ނޫންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ މައްސަލައަކީ އޭނާ ފްރޭމްކުރުމަށް ކޮށްފައިވާ ތުހުމަތެއްކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކާފައިވާއިރު، އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވަނިކޮށް އޭނާ ވަނީ ރާއްޖެ ދޫކޮށް ބޭރަށް ވަޑައިގެންފައެވެ. އޭނާ ފުރާ ވަޑައިގަތީ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ކޯޓުން ޕާސްޕޯޓް ދޫކޮށްލުމުންނެވެ. މިއާއެކު ސަރުކާރުން އޭނާ ފުރުވާލީކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
އިއްޔެ ނޫސްވެރިންނާއި ވާރޗުއަލްކޮށް ބައްދަލުކުރައްވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އަލީ ވަހީދުގެ މައްސަލަ އެމަނިކުފާނުގެ ސަމާލު ކަމަަށް އައީ ކޯވިޑްގެ އެންމެ ބުރަ ދުވަސްކޮޅު ކަމަށެވެ. އެގޮތުން މިނިސްޓަރ އަލީ ވަހީދުގެ މައްސަލ ޓުރިޒަމް މިނިސްޓްރީގެ މުވައްޒަފުން ރައީސްއާއި އެވާހަކަތައް ހިއްސާކުރެއްވިކަމަށާއި، އެ ވާހަކަތައް ޖެންޑަރ މިނިސްޓަރާއިވެސް ހިއްސާކުރެއްވިކަމަށެވެ. އަލީ ވަޙިދުގެ ޖިންސީ ގޯނާގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ފުލުހުންގެ އިދާރާއިން ކުރިއަށް ގެންދަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އަލީ ވަހީދު ފްރޭމް ކުރިކަން ނުވަތަ ނޫންކަންވެސް ނިންމާނީ ތަހުގީގުންކަމަށެވެ. ރައީސް ވިދާޅުވީ އެއީ ނުހިނގާ ކަމެއްނަމަ އެކަން އެގޮތަށް އޮންނާނެ ކަމަށާއި، މިހާރު އަދި ތަހުގީގު ހިނގަނީ ފްރޭމް ކުރި ކަމަށް ބަލައިގެން ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ އެ ކުރިއަށްދަނީ ފްރޭމް ކުރިކަމަށް ބަލައިގެނެއް ނޫން
– ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ.
ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް
1. ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ
2. ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ
3. ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ
4. ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ
5. ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ
6. ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ޢަލީ ވަހީދުވެސް ވަނީ ފުލުހުންގެ ޢިދާރާއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މިމައްސަލައާއި ގުޅޭ އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ވަޒީރުކަމުން އިސްތިއުފާދެއްވުމަށް ޢަލީ ވަޙީދު އެންގެވިއެވެ. އެހެންނަމަވެސް ޢަލީ ވަޙީދު މަޤާމުން އިސްތިއުފާނުދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓްއަރިޒަމް މިނިސްޓްރީގެ ވަޒީރުކަމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 9 ވަނަދުވަހު އޭނާ ވަކިކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ