ފިޔަވަޅު ތަކާއިއެކު މާލޭ ސަރަޙައްދުގެ ކާފިއު އިތުރު ހަފްތާއަކަށް

ފިޔަވަޅު ތަކާއިއެކު މާލޭ ސަރަޙައްދުގެ ކާފިއު އިތުރު ހަފްތާއަކަށް

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2021 10:50
0

ކޯވިޑް-19ގެ ޙާލަތު ގޯސްވެ ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް މައްޗަށް ގޮސްފައިވާތީ، މާލޭ ސަރަޙައްދުގައި އިޢުލާންކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު ހަފްތާއަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ އެންގުމުގައި ވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ބަދަލުގެނައުމަށް އެންގި އެންގުމުގެ މުއްދަތު އިތުރުކޮށްފައެވެ. އެގޮތުން މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 7 ދުވަހަށް މުއްދަތަކަށް އަޅާފައިވާ ފިޔަވަޅުތައް މިމަހުގެ 11 އިން ފެށިގެން އިތުރު 7 ދުވަހުގެ މުއްދަތަކަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވައި ނެރުއްވާފައިވާ ބަޔާނުގައިވާގޮތުން ކުރިއަށް އޮތް 2 ހަފްތާގައިވެސް ރޭގަނޑު 23:00އިން ފެށިގެން ފަތިހު 4:30އަށް މާލެ ސަރަޙައްދުގައި ވަނީ ކާފިއު އިޢުލާންކޮށްފައެވެ. އަދި އިރުއޮއްސި 18:00 އިން ފެށިގެން ހެނދުނު 6:00އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމަކީވެސް މަނާ ކަމެކެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނައި ބަދަލާއެކު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޢާއްމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަކީވެސް މަޖުބޫރު ކަމެއްގެ ގޮތުގައި މިހާރުވަނީ ކަނޑައަޅާފައެވެ. ވަކިގޮތެއް އަންގަންދެން، ރަށްރަށުގައި ގެއިން ބޭރުގައި އުޅޭއިރު، އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވައިވާ ގޮތަށް މާސްކު އެޅުމަށް، އަންގަވާފައިވަނީ 7 ފެބުރުވަރީ އިން ފެށިގެންނެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައެވެ. ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވުމާއެކު ރައްކާތެރިކަމުގެ ގޮތުން އެޅި ބައެއް ފިޔަވަޅުތަކަށް ލުއި ދީފައިވަނީ އާންމުންނަށް އެކަންކަމުގެ ސަބަބުން ދިމާވަމުންދިޔަ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުންނެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19ޖެހުނު މީހުންގެ ޢަދަދުވަނީ 21 ހާހަށްވުރެ މައްޗަށް އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.