ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތި ލެއްވުމަށްވުރެ ވިސްނުން ހުރީ، ވެފައިވާ ވައުދުތައް ފުއްދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތި ލުމުގެ ވިސްނުން ގެންގުޅުއްވަންތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ވެރިކަމުގެ ވެރިކަން ކުރުމަށް ފަސް އަހަރުގެ ދައުރަކީވެސް ދިގު މުއްދަތެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތައް ފުއްދުމަކީ އެމަނިކުފާނު އެންމެ ބޮޑަށް ހާސިލް ކުރައްވަން ބޭނުންވާ ކަންތައްކަމަށެވެ. ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މިހާރުވެސް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންދާއިރު، ދައުރު ނިމުމުގެ ކުރިން ވެފައިވާ ހުރިހާ ވައުދެއް ފުއްދުމަކީ އެމަނިކުފާނުގެ އަމާޒުކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެއް ސަރުކާރެއްނިމި އަނެއް ސަރުކާރެއް ގާއިމްވެގެންދާއިރު ސިޔާސަތުގެ ތަފާތު ތަކާއިހެދި ވަރަށް ބޮޑެތި ގޮންޖެހުންތަކައި ކުރިމަތިވާކަމަށެވެ. ޚާއްސަކޮށް މަރުކަޒީ އުސޫލުން ކަންކަން މާލެއަށް ގެނެސް ބާރު ކުރުމަށް ކުރެއްވި މަސައްކަރުން އަތޮޅު ތެރެއަށް ދާންޖެހޭ ތަރައްޤީ ވަރަށް ބޮޑަށް ހުއްޓިފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތި ލެއްވުމާއިމެދު ގޮތެއް ނިންމަވަން އަދި މާއަވަސް ކަމަށެވެ. ވެރިކަމުގައި ދެމި ހުރެވޭނީވެސް އަދި އިތުރު ދައުރަކަށް ކުރިމަތިލެވޭނީވެސް ރައްޔިތުންގެ އިތުބާރު އޮވެގެންކަމަށާއި، އެކަން ކުރެވޭނީ ވެފައިވާ ވައުދުތައް ފުއްދައިގެންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ވެރިކަމަށް އައިސް ކުރިއަށް އޮތް ދައުރަށް ކުރިމަތި ލާން ވިސްނައިފިއްޔާ ރައްޔިތުންނަކަށް ޚިދުމަތެއް ނުކުރެވޭނެ. އަޅުގަނޑު ވެރިކަމަށް އައިސް އަޅުގަނޑު މިކުރާކަމަކީ އަޅުގަނޑުވީ ވަޢުދުތައް ރައްޔިތުންނަށް ފުއްދޭތޯ ބެލުން. އެހެނެއްނޫން، އަޅުގަނޑު ދެން އޮތް ދައުރަކަށް ކުރިމަތިލާން ވިސްނައިފިއްޔާ އަޅުގަނޑު ހިންގާ ކޮންމެ މަޝްރޫޢުއެއް ހިންގާނީ އަޅުގަނޑަށް ތަޢީދު ބޮޑުވާނީ ކޮންގަތަކަށްތޯ ބަލައިގެން. ކޮންރަށެއްގަ ކޮން މަޝްރޫޢުއެއް ހިންގައިގެންތޯ މިރަށުގެ ތާޢީދު އަޅުގަނަޑަށް ލިބޭނީ. ކޮން އާއިލާއެއްގެ ކާކަށް ވަޒީފާ ދީގެންތޯ އަޅުގަނޑަށް އެ އާއިލާގެ ސަޕޯޓް ލިބޭނީ. އެއީ އެކަން ވާނެގޮތަކީ. ވެރިކަމަށް ކުރިމަތިލައިގެން ކުރިއަށް އޮތް ދައުރަށް ދާން ނިންމައިގެން ވެރިކަން ކުރާ މީހަކު ކަންކުރާނެ ގޮތަކީ އެއީ. އަޅުގަނޑު އިރާދަކުރެއްވިއްޔާ މިކުރަނީ އެހެނެއްނޫން. އަޅުގަނޑު މަސައްކަތްކުރަމުން މިދަނީ އަޅުގަނޑު ވީ ވައުދުތައް އިހަށް ފުއްދޭތޯ. އެނޫން ވިސްނުމެއް އަޅުގަނޑު މިވަގުތަކު ނެތް. އަޅުގަނޑު ވެރިކަމުގެ ވާހަކަ ދެއްކުން ހެޔޔޮނުވާނެ އަޅުގަނޑު ވީ ދައުދުތައް ނުފުއްދެނީސް. ރައްޔިތުން ޤަބޫލެއް ނުކުރާނެ.
– ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު
ރައީސް ވިދާޅުވީ މިސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުންކަމަށާއި، އެސޫލުން ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން މިސަރުކާރުން ކުރަމުންދާކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއިއެކު ގިނަ ބާރުތަކެއް އަތޮޅު ތެރެއަށް ދޫކޮށް، ރަށްތަކަށް ތަރައްޤީ އަންނާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ