ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ގާތްކޮށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ރާއްޖޭގެ އެކި ރަށްތަކަށް ތަރައްޤީ ގެނުވައި ފެނުން މައްޗަށް އުފުލުމަށް ކުރައްވާ މަސައްކަތުގެ ކުލަ ހުވަފެން ދައްކަމުންދާކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބާއި ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ހުށަހަޅަމުންދާ ވައުދުތަކާއި، ދައްކަމުންދާ ވާހަތަކަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ މާލެ ސިޓީއާއި، އެނޫންވެސް ރާއްޖޭގެ އެކި ސިޓީތަކާއި، ރަށްތައް ކުއްލިއަކަށް ފެނުން މައްޗަށް އަރައި ތަރައްޤީ ގެނުވާ މަންޒަރުތައް ދައްކަމުންދާކަމަށެވެ. ނަމަވެސް މިބޭފުޅުންނަކީ ފިނި މޫސުމަށް ހުވަފެން ދައްކާ ފަތިހަށް ހޭނުލެވޭ ބައެއްކަަމށް ސައީދު ވިދާޅުވިއެވެ.
އިންތިޚާބު ގާތްވުމުން ފެނުން މައްޗަށް ސިޓީތައް އުފުލުން މިއީ ތަރައްޤީގެ އަޖައިބެއްތޯ؟ ޖަޒީރާ މެނިފެސްޓޯ އަކީ ފިނި މޫސުމުގެ ހުވަފެނެއް. ފަތިހެއް ނުވާނެ.
– ސައީދު ވިދާޅުވިއެވެ.
Inthihaabu gaaiyvumun fenun machchah city thah ufulun miee tharaggee ge ajaibeththo @ibusolih ? Jazeeraa menifesto akee finimoosumuge huvafeneh. Fathiheh nuvaane. https://t.co/ylHmZ9MNNA
— Mohamed Saeed (@em_saeed) March 10, 2021
ސައީދު މިހެން ވިދާޅުވެފައިވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް، އެކަން ތަންފީޒު ކުރުމަށް މާލެ ކައރީގައި އިތުރު ބިމެއް ހިއްކުމަށް ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅިގެން މިނިސްޓަރ އަސްލަމް ވަނީ މިއަދު މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅިގެން ގޯތި ދިނުމަށް ކުރައްވާ މަސައްކަތަކީ ކޮބައޮތޯ އީވާ ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ވެފައިވަ ވައުދާ އެއްގޮތަށް ބިން ދޫކުރެވިގެންދާނެކަމަށެވެ.
ނަމަވެސް އެކަން އިއުލާން ކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުކަމަށާއި، ރައީސް އެކަން އިއުލާންކޮށް ތަފްސީލް ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މިހެން ވިދާޅުވެ އިށީންނެވުމުން މަޖިލިސް ރައީސް ވަނީ އެސުވާލުގެ ޖަވާބު ސާފުކޮށްދެއްވާފައެވެ. އެގޮތުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިން ހިއްކުމަށްޓަކައި މިހާރު ބަޔަކާއި ހަވާލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި މިކަމަށް ބޭނުންވާ ލޯނުވެސް މިހާރު ހަމަޖެހިފައިވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ