ސްޓެލްކޯގެ މުވައްޒަފުންނަށް ފްލެޓް ދިންގޮތް މުުރާޖައާ ކުރަން ފާސްކޮށްފި

ސްޓެލްކޯގެ މުވައްޒަފުންނަށް ފްލެޓް ދިންގޮތް މުުރާޖައާ ކުރަން ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
10 މާރޗް 2021 12:12
0

ހިޔާ މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން އެޅި ފްލެޓްތައް އެކުންފުނީގެ މުވައްޒަފުންނަށް ދީފައިވާ ގޮތް މުރާޖަޢާކުރުމަށް އެކުންފުންނަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސްޓެލްކޯއިން އެކުންފުނީގެ މުވައްޒަފުންނަށް ފްލެޓް ދިން އުސޫލާއި، މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ދެމުންދާ އުސޫލާ ގުޅޭގޮތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހުށައަޅާ އެކޮމިޓިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުން ފާސްކުރީ 52 މެންބަރުންގެ ވޯޓުންނެވެ.

ސްޓެލްކޯއިން ފްލެޓް ދޫކުރި އުސޫލާ ގުޅޭގޮތުން މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ، ސްޓެލްކޯގެ މުވައްޒަފުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިޔަށް ގެންދަވާފައިވާ "ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓް" ގެ ދަށުން ޢިމާރާތްކޯށްފައިވާ 2 ޢިމާރާތުގެ އެޕާޓްމަންޓްތައް ވިއްކަވާފައިވަނީ ސްޓެލްކޯއިން ކަނޑައަޅަފައިވާ ގަވާއިދުތައް އެކި މަރުޙަލާތަކުގައި ބަދަލުކޮށްގެންކަމަށެވެ. އެމަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ސްޓެލްކޯގައި މަސައްކަތްކުރާ ވަރަށް ގިނަ ދުވަސްވީ، އަދި މުވައްޒަފުންގެ ތެރެއިން ބޯހިޔާވެހިކަމުގެ ދަތިކަން ތަޙައްމަލުކުރަންޖެހިފައިވާ މުވައްޒަފުންނަށް ބޯހިޔާވެހިކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހަނިވާގޮތަށްކަމަށް ބެލެވޭކަމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ. އެހެންކަމުން ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތާއި އެއްގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަންނީ ލަފާގެ މަތިން "ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން މުވައްޒަފުންނަށް އެޕާޓްމަންޓް ދޫކުރުމަށް އެކުލަވާލައްވާފައިވާ "އުސޫލު" މުރާޖަޢާކުރުމަށް ސްޓެލްކޯއަށް ދެންނެވުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުން ފާސްކުރި ރިޕޯޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއެކު މަޝްވަރާކުރުމަށްފަހު ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ފްލެޓް ޙައްޤުވާ މުވައްޒަފުން ކަނޑައެޅުމަށްފަހު، ފްލެޓް އިތުރުވާނަމަ، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެ ފްލެޓްތައް ދޭނެ ނިޒާމެއް ކަނޑައަޅުއްވުމަށް ސްތެލްކޯއަށް ދެންނެވުމަށެވެ. އަދި އެކުންފުނީގައި މަސައްކަތްކުރާ ވަރަށް ގިނަ ދުވަސްވީ އަދި ބޯހިޔާވެހިކަމުގެ ދަތިކަން ތަޙައްމަލުކުރަން ޖެހިފައިވާ މުވައްޒައްފުންނަށް ބޯހިޔާވެހިކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހަނިވާގޮތަށް އުސޫލުތައް އެކުލަވާލައްވާފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދެންނެވުމަށްވެސް ރިޕޯޓްގައިވެއެވެ.

ސްޓެލްކޯ ސްޓާފް ހައުސިންގެ ތެރެއިން އެތަނުގެ މުވައްޒަފުންނަށް 15 ފަންގިފިލާގެ ދެ ރެޒިޑެންޝަލް ބިލްޑިންގް އިމާރާތް ކުރަން ހަވާލުކުރިއެވެ. އެއީ ޖުމްލަ 384 އެޕާޓްމެންޓެވެ. އޭގެ ތެރެއިން އެއް ކޮޓަރީގެ 72 އެޕާޓްމަންޓް ސަރުކާރުން ކަނޑައަޅާފައިވާ އަގެއްގައި ވިއްކުމަށްވެސް ކަނޑައަލާފައިވެއެވެ.

މީގެ އިތުރުން އެކުންފުނީގެ މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ދެމުންދާއިރު، އިންޝުއަރެންސް ޚިދުމަތަކީ ރެޖިސްޓަރކުރެވިގެން ކުންފުނިތަކުން ދޭ ޚިދުމަތަކަށްވުމުން، އިން-ހައުސްކޮށް ހެލްތް އިންޝުއަރެންސް ޚިދުމަތް ދިނުމަކީ ބެސްޓް-ޕްރެކްޓިސް ނޫންކަމަށް ކޮމިޓީއަށް ފެންނަކަމަށާއި، އިން-ހައުސްކޮށް ހެލްތް އިންޝުއަރެންސް ޚިދުމަތް ދިނުމުގެ ބަދަލުގައި ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ އިންޝުއަރެންސް ނިޒާމުގެ ތެރެއިން އިންޝުއަރެންސްގެ ޚިދުމަތް ކުރިޔަށްގެންދިއުމަށް ސްޓެލްކޯއަށް ދެންނެވުމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން 2007 ޖޫން 19 އިން 2018 ޖޫން 18 އަށް ސްޓެލްކޯ މުވައްޒަފުންގެ ހެލްތު އިންޝުއަރެނސް ދެމުން ގޮސްފައިވަނީ އެލައިޑް އިންޝުއަރެންސް އިންނެވެ. ނަމަވެސް އިން-ހައުސިން ހެލްތު އިންޝިއުރަންސްއަށް އެކުންފުނި ބަދަލުކޮށްފައިވަނީ 2018 ޖޫން 19ގައެވެ. މިކަމުގެ ސަބަބުން ބޮޑު ޚަރަދެއް ހިނގާކަން ކޮމިޓީއަށް ފާހަގަކުރެވިފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.