ބާޣީ ލުތުފީ ފިލި މައްސަލާގައި 7 މަހުގެ ޖަލު ހުކުމެއް

ބާޣީ ލުތުފީ ފިލި މައްސަލާގައި 7 މަހުގެ ޖަލު ހުކުމެއް

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2021 11:18
0

ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގި އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ބާޣީ ޢަބްދުﷲ ލުތުފީ ބޭސްފަރުވާއަށް ފޮނުވާލުމުން އެނބުރި ރާއްޖެ ނައިސް ފިލި މައްސަލައިގައި ހަތް މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.

މިހާރުވެސް ޖަލު ޙުކުމެއް ތަންފިޒްކުރަމުންގެންދާ ލުޠުފީ ވަނީ މިއަދުގެ ޝަރީޢަތުގައި އޭނާއަކީ ބަލިމީހެއްކަމަށާއި، އޭނާ މިހާރު ތަންފީޒްކުރަމުން ގެންދާ ހުކުމުގައި ބާކީ ދެއަހަރެއްހާ ދުވަސް އޮތުމާއިއެކު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ލުޠުފީގެ އެދުމަށް ދައުލަތުން ވަނީ އިއުތިރާޒްކޮށްފައެވެ. ދައުލަތުން ވިދާޅުވީ ލުޠުފީގެ މައްޗަށް ބަންދުކުރާ މަރުކަޒަކުން ފިލިކަމުގެ ދައުވާވެސް އުފުލާފައިވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށްދިން ހުއްދާގައި އޭނާ ފިލާފައިވާތީކަމަށެވެ. އެހެންކަމުން ޖަލު ނޫން އެހެންތަނެއްގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ދައުލަތުން އިޢުތިރާޒްކުރިއެވެ.

މިއާއެކު މައްސަލަ ބައްލަވާ ޤާޟީ ވަނީ ލުޠުފީ ފިލިކަމަށް އިއުތުރާފްވެފައިވާތީ ހުކުމް ކުރަން ޖެހޭ އަސާސީ މިންގަނޑަށްވުރެ މަދުކުރަންޖެހޭ ކަމެއް ފާހަގަކުރެވިފައިނުވާކަމަށް ވިދާޅުވެފައެވެ. ކޯޓަށް ޙާޒިރުކޮށްގެން ބޭއްވި މި ޝަރީޢަތުގައި ޤާޞީ ވަނީ ލުޠުފީ ފިލި މައްސަލާގައި 7 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް 2010 ވަނަ އަހރު ފޮނުވުން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮޮށް ދިވެހި ފުލުހުންގެ ޓީމެއްގެ ބެލުމުގެ ދަށުން، ބާޣީ ލުޠުފީ މާލެގެނެސްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. ޢުމުރުން 70 އަހަރަށްވުރެ މަތިވެފައިވާ ލުޠުފީ އޭގެ ފަހުން ހުރީ ޖަލަށް ގެންގޮސްފައެވެ. އޭނާ މިހާރު ތަންފީޒު ކުރަމުން ދަނީ ނޮވެންބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ޖަލު ހުކުމުގެ ބާކީ ބައެވެ.

އޭނާ ބޭސްފަރުވާއަށް ފޮނުވުން ފިލި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި އޭނާގެ ވަނީ ފިލިކަމަށް އެއްބަސްވެފައެވެ. އަދި ޝަރީޢަތުގައި ވާހަކަދައްކަމުން އޭނާ ވަނީ ބޭސްފަރުވާއަށް ފޮނުވުމުން ފިލިކަމަށް އެއްބަސްވެ އެންމެ ވީހާވެސް އަވަހަށް ހުކުމްކޮށްދިނުމަށާއި، ވީއެންމެ ކުޑަ ޙުކުމެއް ކުރުމަށް ޝަރީޢަތުގައި އެދިފައެވެ.

1988ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި ގުޅިގެން ލުތުފީގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޛު ކުރަމުންދަނިކޮށް އޭނާ ފިލާފައިވަނީ 2010 ވަނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އޭރުގެ ސަރުކާރުގެ ހުއްދައާއެކު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ދިއުމަށްފަހުއެވެ. އެނބުރި ޤައުމަށް ނައިސް އޭނާ ފިލާފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ “އިންޓަރޕޯލް” މެދުވެރިކޮށް އޭނާ ހޯދުމަށް “ރެޑް ނޯޓިސް” ވެސް ނެރެފައެވެ. ލުޠުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ 2019 މެއި މަހުގެ 1 ވަނަ ދުވަހު، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލައަށް ޙާޒިރުވުމުންނެވެ.

ލުޠުފީއަކީ 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން ޓެރަރިސްޓެވެ. އެއީ އެދުވަހު ދިވެހި ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާދެކޮޅަށް ހަތިޔާރާއެކު ނުކުމެ ބަޣާވާތްކުރި އިސް ބާޣީއެވެ.

އެދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހިންގެ ކުށެއް ނެތް 19 މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތައް ދިވެހިންނެއް ޒަޚަމްކޮށް އެތައް ދިވެހިންނެއް ރަހީނުކޮށްފައިވެއެވެ. މިޢުދުވާނުގައި ލުޠުފީވަނީ ދިވެހިޤައުމަށް ދުވަހަކުވެސް ޢިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންދީފައެވެ. މި މައްސަލާގައި ލުތުފީ މަރަން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫންވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.