އަތޮޅުތެރޭގެ ރައްޔިތުން މާލޭ ދަފްތަރުގައި ޖެހެންޖެހޭ ސަބަބެއްނެތް، ދަފްތަރު އުވާލަންޖެހޭ

އަތޮޅުތެރޭގެ ރައްޔިތުން މާލޭ ދަފްތަރުގައި ޖެހެންޖެހޭ ސަބަބެއްނެތް، ދަފްތަރު އުވާލަންޖެހޭ

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2021 10:37
0

މާލޭ ދަފްތަރަކީ އޭގައިން މާބޮޑު ފައިދާއެއް ކުރާ ދަފްތަރަކަށް ނުވާއިރު، އެދަފްތަރަކީ މާކުރިންވެސް އުވާލަން ޖެހިފައިވާ އެއްޗެއް ކަމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ގުޅިގެން ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދެއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ވެލިދޫ ދަިއރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީޤު މާލޭ ދަފްތަރާއި ގުޅޭގޮތުން ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭ ދަފްތަރަކީ މާކުރިންވެސް އުވާލަން ޖެހޭ އެއްޗެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރަށްރަށުން ފަހި ނުވާކަންކަން ހާސިލް ކުރުމަށް އަތޮޅު ތެރެއިން މާލެއަށް އަންނަ މީހުން މާލޭ ދަފްތަރުގައި ޖެހުމުގެ މާބޮޑު ބޭނުމެއް ނުވިސްނޭކަމަށެވެ. ރަށްރަށުގައި އުޅޭނެ ގެދޮރު ހުރެ ތަނަވަސްކަމާއިއެކު އުޅެވެން އޮތްނަމަވެސް ބައެއް މީހުން މާލެއަށް އައިސް މާލޭގެ ދަފްތަރުގައި ޖެހެންވީ އެއްވސް ސަބަބެއް ވިސްނި ވަޑައި ނުގަންނަވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މާލޭގެ ބޯހިޔާވަހިކަމާއި، ހުޅުމާލޭގެ ހިޔާ މަޝްރޫޢުއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވީ، 2018 ވަނަ އަހަރު މާލޭ ދަފްތަރަށް ކުއްލިއަކަށް އެތައް ބަޔަކު އިތުރުކުރެވިފައިވާކަމަށެވެ. އެގޮތުން އެ އަހަރު އެކަނިވެސް 2000 ވުރެ ގިނަ މީހުން ދަފްތަރުގައި ރަޖިސްޓްރީކުރިއިރު އޭގެ ތެރޭގައި މާލޭގައި ނުޅޭ މީހުންވެސް ހިމެނޭކަމަށް ސިފާ ވިދާޅުވިއެވެ.

މާލޭގެ ދަފްތަރުގައި ޖެއްސުމުގެ ޤަވާއިދުގައި ބުނާގޮތުން އެ ދަފްތަރުގައި ރަޖިސްޓްރީ ކުރާނީ މާލޭގައި މަދުވެގެން ފަސް އަހަރު އުޅުނުކަން ޔަޤީންކޮށްދޭ ލިޔެކިއުމެއް ހުށައެޅުމުންނެވެ. އެހެންނަމަވެސް އޭރު ދަފްތަރުގައި ރަޖިސްޓްރީކުރި ގިނަ މީހުންގެ އަތުގައި މާލޭގައި އުޅުނުކަން ސާބިތުކޮށްދޭނެ ލިޔުމެއްވެސް ނެތްކަން މޭޔަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބައެއް މީހުން އެމީހެއްގެ ރަށުގެ ރަޖިސްޓްރީން އުނިނުކޮށް މާލޭ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާކަން ސިފާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.