މޯލްޑިވް ގޭސް ވަގުތީގޮތުން ހިންގުމާއި ހަވާލުވެހުންނެވި އެތަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިކްރާމް ޢަލީ މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
އިކްރާމް އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ސަބަބަށްޓަކައިކަމަށް އެސްޓީއޯ އިން ބުންޏެވެ. އިކްރާމް އިސްތިއުފާދެއްވާފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އެގޮތުން މޯލްޑިވް ގޭހުގެ މުވައްޒަފަކަށް ޖިންސީ ގޯނަ ކުރި މައްސަލާގައި އޭނާ މިހާތަނަށް ހުންނެވި ސަސްޕެންޑްކޮށްފައެވ.
މީގެ އިތުރުން ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް އޮކްސިޖަން ސިލިންޑަރު ގެނައުމުގައިވެސް އިކްރާމްގެ ކޮރަޕްޝަނށް މަގުފަހިވާ މުޢާމަލާތްތަކެއް ހިންގާފައިވާކަމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ކޯވިޑް-19 އާ ގުޅިގެން 4،128 އޮކްސިޖަން ސިލިންޑަރު ގެނައުމަށް ހިންގި ޚިޔާނާތް 16 މިލިއަން ރުފިޔާއަށް އަރައެވެ. އެތުހުމަތު ކުރަނީ އިކްރާމަށެވެ. އެ މައްސަލަ އޭސީސީންނާއި މަޖިލީހުގެ ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ.
މޯލްޑިވް ގޭހުން 47 ލީޓަރުގެ އޮކްސިޖަން ސިލިންޑަރުތައް ހޯދުމަށް ކޯޓޭޝަން ފޮނުވީ ބޭރުގެ ހަ ކުންފުންޏަކަށެވެ. އޭގެތެރެއިން ކުރިމަތިލީ އެއް ކުންފުންޏަށް 1،000 ސިލިންޑަރު ގަންނަން ހަވާލުކޮށް ބާކީ 3،000 ސިލިންޑަރު ގެނައުމަށް އެއްބަސްވީ ސިންގަޕޫރުގެ ޕްރޯބިޒް ކިޔާ ކުންފުންޏަކާ އެކުކަމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ މަޢުލޫމާތުތަކުން އެނގެއެވެ. ނަމަވެސް އެ ކުންފުނިން ފޮނުވި ރީފާބިޝްޑް ސިލިންޑަރުތައް ބޭނުމެއް ނުކުރެވެއެވެ.
އެސްއޯއީ ކޮމިޓީގެ މުގައްރިރު ވިދާޅުވީ، ޕްރޯބިޒްގެ އަގު އެހެން ކުންފުނިތަކަށް ވުރެން ބޮޑުކަމަށެވެ. އެކުންފުނި މެދުވެރިކޮށް ސިލިންޑަރު ގެނައުމަށް އިކްރާމް އިރުޝާދު ދެއްވާފައިވާ ސަބަބަކީ އަގު ބޮޑުވިޔަސް ވިހާވެސް އަވަހަށް އެތަކެތި ގެނައުންކަން އެނގެން އޮތްކަމަށެވެ. އަދި އައު އޮކްސިޖަން ސިލިންޑަރުތައް ފޮނުވަން އެދުމުން ސިންގަޕޫރުގެ ކުންފުނިން ފޮނުވާފައި ހުރީ ބާ ސިލިންޑަރުތަކެއްކަންވެސް ކޮމިޓީގެ މަޢުލޫމާތުތަކުން ވަނީ ހާމަވެފައެވެ.
ކޮމެންޓު ފޮނުވާ