ކުރިއަށް އޮތް ރޯދަމަހު ކޯވިޑް-19 އަށް ވެކްސިން ޖެހުމުގެ ކަންކަން ހަމަޖެހިފައިވަނީ ރޭގަނޑު ގަޑީގައިކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ރޯދަ މަހުވެސް ވެކްސިން ޖެހުމުގެ ޕްރޮގުރާމު ކުރިއަށް ގެންދާނެކަމަށެވެ. މިހާރު ނިންމާފައިވަނީ ވެކްސިން ޖެހުމުގެ ޕްރޮގުރާމު ގެންދާނީ ރޭގަނޑު ގަޑީގައި ކަމަށާއި، ނަމަވެސް ކުރިއަށް ގެންދާނެ ގަޑިއަކާއި، މަރުކަޒުތައް އަދި ނިންމާފައިނުވާކަމަށެވެ.
ކޯވިޑް-19 ގެ ވެކްސިން ޖެހުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 165.000 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވެއެވެ. ވެކްސިން ޖެހި މީހުންގެ ތެރެއިން އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ އަދަދުވަނީ 70،313 އަށް އަރާފައެވެ. މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދަ 95،362 އަށް ވަނީ އަރާފައެވެ.
ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 7 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ދެމުން އަންނައިރު، ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ދެމުން އަންނަނީ ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ. އަދި މިމަހުގެ 15 ގައި ދެވަނަ ޑޯޒް ދޭން ފަށާނެކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ