މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލާގައި ސަރުކާރުން އަމަލު ކުރަންނިންމާފައިވާ ގޮތާއި، ސަރުކާރުން މިކަމުގައި ގެންގުޅޭ ސިޔާސަތު ސާފު ކުރުމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރ ސްޓްރަކްޗަރ މުހައްމަދު އަސްލަމް މާދަމާ މަޖިލީހަށް ހާޒިރު ކުރުމަށް އެޖެންޑާ ކޮށްފިއެވެ.
މާދަމާ މިނިސްޓަރ އަސްލަމް މަޖިލީހަށް ހާޒިރު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރައްވާ ސުވާލަކަށް ޖަވާބު ހޯދުމަށެވެ. އީވާ ކުރައްވާ ސުވާލަކީ 2017 ވަނަ އަހަރު ސަރުކާރުން އިޢުލާންކުރި ހިޔާ މަޝްރޫޢުގައި 25،000 އަށްވުރެ ގިނަ ފަރާތުން ފްލެޓަށް އެދި ހުށަހަޅާފައިވާއިރު، ފްލެޓްތަކުގެ ޖުމްލަ ޢަދަދަކީ 6،720 ކަމަށާއި، އޭގެތެރެއިން ގާތްގަނޑަކަށް 3،600 ފްލެޓް ލިބިފައިވަނީ އެކި ކެޓަގަރީތަކުގެ މާލެ ރައްޔިތުންކަމަށެވެ.
ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ނުލިބި ބާކީ 20،000 އަދި ބޯހިޔާ ވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ ޕްލޭންއަކީ ކޮބައިތޯ؟ އާއި އަދި އެ ފަރާތްތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށްދެވޭނީ ކިހާތާކުތޯ؟ ސާފު ކުރުމަށް އީވާގެ ސުވާލުގައި ވަނީ ހުށަހަޅާފައެވެ.
އީވާގެ ސުވާލަށްފަހު މަޖިލީހުގައި ހިމެނޭ އެހެން މެމްބަރުންނަށް މިނިސްޓަރ އާއި ސުވާލު ކުރެއްވުމަށް ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން ވިހި މިނިޓްގެ ފުރުސަތެއް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ލިބިގެންދާނެއެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވެ ސަރުކާރުން ވެފައިވާ ވައުދު ނުފުއްދި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން މަޖިލިސް ކޮމިޓީތަކާއި، މަޖިލިސް ތަޅުމުގައި ތަފާތު އެކި ވާހަތައް ދައްކައި މައުލޫމާތު ހާމަކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ ބޯހިޔާ ވަހިކަމަށް މާލެއަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ދައުރު ނިމުމުގެ ކުރިން ލިބިގެންދާނެކަމަށެވެ.
ކޮމެންޓު ފޮނުވާ