ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ދޭންޖެހެނީ މައިމޫނާ އެއްނޫން: މުއާޒު

ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ދޭންޖެހެނީ މައިމޫނާ އެއްނޫން: މުއާޒު

Author
މުޙައްމަދު ޝަޒައިމް
09 މާރޗް 2021 08:27
0

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަކީ އިންތިޚާބުތައް އޮޅުވާލައި، މަކަރު ހެއްދެވުމުގައި ރެކޯޑު އޮތް ބޭފުޅެއްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖާ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއާޒު ވިދާޅުވީ އިންތިޚާބު ބާއްވަން މިހާރު އެއްމަހަށް ވެފައިވާއިރު، ޤާނޫނުން ކަށަވަރު ކޮށްދޭ ގިނަ ހައްގުތަކެއް އިދިކޮޅު ކެންޑިޑޭޓުންނަށް ނުލިބޭކަމަށެވެ. އިންތިޚާބެއްގެ އެންމެ މުހިންމު މަސައްކަތަކީ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުންކަމަށްވާއިރު، އިލެކްޝަން ކޮމިޝަނުން ކެމްޕެއިން ކުރުމަށް އެއްވެސް ވަރަކަށް ޖާގަ ނުދެއްކަމަށެވެ. އިލެކްޝަން ކޮމިޝަނުން ތަކުރާރުކޮށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނެތްކަަށް ވިދާޅުވެ އިންތިޚާބު ބާއްވަން ކުރާ މަސައްކަތަކީ، ކޮން މަގުސަދެއްގައި ކުރަން އުޅޭ ކަމަކާއިމެދު މުޒާއު ވަނީ ސުވާލު އުފައްދަވާފައެވެ.

އޭނާ ވިދާޅުވީ ކެމްޕެއިން ކުރުމުގެ ހަމަހަމ ފުރުސަތު ދޭންޖެހޭނީ އެޗްޕީއޭއަކުން ނޫންކަމަށެވެ. ޤާނޫނު އަސާސީން އެކަން މަތިކޮށްފައިވަނީ އިލެކްޝަން ކޮމިޝަނަށް ވާއިރު އިލެކްޝަނުން މިކަމަށް ސަމާލުކަން ނުދޭންޖެހޭ ސަބަބެއް ނުވިސްނޭކަމަށް މުއާޒު ވިދާޅުވިއެވެ. އަދި ޝަރީފަކީ މީގެ ކުރިން ނިމިގެންދިޔަ އިންތިޚާބު ތަކުގައި އޮޅުވާލުމާއި، މަކަރު ހަދާފައިވާ ބޭފުޅަކަށްވާއިރު، ޝަރީފް އިސްކޮށް ހުންނަވައިގެން ބާއްވާ އިންތިޚާބެއް އޮޅުވާނުލާނެކަމަށް ބެލުމަކީވެސް ހެދޭނެ ގޯހެއްކަމަށް މުއާޒު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ ޒިންމާއެއް ކެނޑިޑޭޓުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަކީ. ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުުރުމުގެ ފުރުސަތަކީ މައިމޫނާ ދޭންޖެހޭ ހައްގެއްނޫން. އެއީ އިލެކްޝަނުން ކޮށްދޭންޖެހޭކަމެއް. އިލެކްޝާނުން ޝަރީފް ވިދާޅުވި، ސިޔާސީ ޕާޓީތަކަކީ އެމީހުންގެ ދަރިންނޭ، އެކަމަކު އިލެކްޝަނުން ޕީޕީއެމްއާއި މެދު ކަންކުރަނީ ދޮންނަރިއަކާއިމެދު ކަން ކުރަމުންދާ އުސޫލުން.

– މުއާޒު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަނުން ކައުންސިލް އިންތިޚާބުގެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ އިންތިޚާބަށް ކިތަންމެ ހުރަހެއް އެޅިޔަސް މި އިންތިޚާބު ކާމިޔާބް ކުރުމަށް ކުރަންޖެހޭ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާކަމަށެވެ. ޕާޓީގެ ލީޑަރޝިޕުން ރެއާއި ދުވާލު ކުރަމުންދާ މަސައްކަތަކީ ކެންޑިޑޭޓުންނާއި ހަމައަށް ދެވޭނެ ގޮތެއް ހޯދުމަށް ކަމަށާއި، ނަމަވެސް އެފުރުސަތު މިސަރުކާރުން ބަންދު ކޮށްފައިވާކަމަށެވެ.

އޭނާ ވިދާޅުވީ ކިތަންމެ ހުރަހެއް އެޅިޔަސް ކުރެވެން އޮތް ގޮތަކަށް ކެމްޕެއިން ކުރުމަށްވެސް ތައްޔާރަށް އިދިކޮޅު ކޯލިޝަން އޮތްކަމަށާއި، ނަމަވެސް ޤާނޫނުން ފަހިކޮށްދޭންޖެހޭ ކަންކަން ފަހިކޮށް ނުދޭނަމަ އިންތިޚާބާއިމެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބޭކަމަށެވެ. ރަޝީދު ވަނީ ޤާނޫނުން މަތިކޮށްފައިވާ އެންމެހައި ކަންކަން ޕާޓީޓަކަށް ދޫކޮށްލުމަށް އިލެކްޝަނަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.