މާލެއާއި، އަތޮޅުތެރޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ނުކުރައްވައި ކޮންމެ އިންތިޚާބަކާއި ދިމާކޮށް ރައްޔިތުންނަށް ފެލެޓުގެ އުންމީދު ގެނެސް އެވާހަކަ ދައްކަމުން އެމްޑީޕީން ލަދު ގަންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްތަކުގެ ތެރެއިން މަޖިލީހުގައި މާލެ ސިޓީއަށް ނިސްބަތްވާ މެމްބަރުން، މާލޭ ރައްޔިތުންނަށްޓަކައި މިސަރުކާރުން ފެލެޓްއަޅަން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް އެމްޑީޕީން މާލޭ ރައްޔިތުންނާއި، އަތޮޅު ތެރޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމޭ ކިޔައިގެން ކުލަ ހުވަފެން ދައްކަމުންދާކަމަށެވެ.
އިންތިޚާބުތަކާއި ދިމާކޮށްވެސް އަދި އެނޫން ހާލަތްތަކުގައިވެސް ރައްޔިތުންނަށް ފެންނަން ހުރީ ޕީޕީއެމްގެ ވެރިކަމުގައި ރައީސް ޔާމީން ރާއްޖޭގެ ރައްޔިތުންނަށް އަޅައިދެއްވި ފްލެޓްތައް އެކަނިކަމަށް ޝިޔާމް ވިފާޅުވިއެވެ. އެ ފްލެޓްތައް އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ނުފެންނަމަ ފިނިކޮޓަރިތަކުން ނިކުމެ ވަޑައިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތައް ބައްލައި ލެއްވުމަށް ވަޑައިގެންނެވުމަށް ޝިޔާމް ވަނީ ދައުވަތު ދެއްވާފައެވެ.
އަޅުގަނޑު އަބަދުވެސް ތަކުރާރުކޮށް މި ދަންނަވަނީ، އެހެރީއޭ ފެންނަން. ވަޑައިގަންނަވާށޭ ސެކަންޑް ފޭސްއަށް. އަޅުގަނޑުމެން ކޮށްފައިހުރި މަސައްކަތްތައް ބައްލަވަން. މާލޭގެ އިއްޒަތްތެރި މެމްބަރު މިތާގައި ތިބެ ފެނިވަޑައި ނުގަންނަވާ ކަމަށް ވަންޏާމުން އޭސީ ކޮޓަރިން ނިކުމެ ވަޑައިގެން ވަޑައިގަންނަވާށޭ އެތަންތަނަށް. ތަންކޮޅެއް ހޫނު ގަދަވާނެ. އެހެންނަމަވެސް ފެނިވަޑައި ގަންނަވާނެ، ބޭނުންފުޅިއްޔާ މިސަރުކާރުގެ ހުއްދައާއިއެކީ ތިބޭފުޅުންނަށް ވެދެ ވަޑައިގެންނެވޭ. ދެން މިތާ ކޮންވާހަކައެއްތޯ އެމްޑީޕީ މެމްބަރުން ފްލެޓޭ ކިޔާފަ މިދައްކަނީ.
– ޝިޔާމް ވިދާޅުވިއެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތާއި ގުޅޭގޮތުން އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެއަށް ދިމާވެފައިވަ ބޯހިޔާވަހިކަމުގެ މައްސަލައަށް މިދައުރު ނިމުމުގެ ކުރިން ހައްލު ގެނެވޭނެކަމަށެވެ.
އެމަނިކުފާނު ވިދާޅު ސަރުކާރުން މިދައުރުގައި މާލެ ސަރަހައްދުގައި އަޅަން ވައުދު ވެފައިވަނީ 10،000 ހައުސިން ޔުނިޓުކަމަށެވެ. ނަމަވެސް އެމަނިކުފާނު މަސައްކަތް ކުރައްވާނީ އަދި އަމާޒަކީ މާލެ ސަރަހައްދުގައި މިދައުރު ނިމުމުގެ ކުރިން 15،000 ހައުސިން ޔުނިޓް އަޅައި ދެއްވުންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ