ޓީވީ ހޯސްޓެއްގެ ގޮތުގައި އާއި ލަވަކިޔުންތެރިއެއްގެ ގޮތުގައި އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި އަދިތްޔާ މި ވަނީ ކޯވިޑް-19ގެ ޕެންޑެމިކްއާ ހެދި އޭނާއަށް ދިމާވެފައިވާ ފައިސާގެ ދަތިކަމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.
އޭނާ ބުނެފައިވާގޮތުގައި، މި ދަތިހާލުގައި އޭނާގެ އަތުގައި ހުރި ގިނަ ފައިސާތައް ހުސްވެއްޖެއެވެ. ޒަމާންވީ ލޯބިވެރިޔާ ޝްވެތާ އަގްރަވާލް އާ މި އަހަރު ތެރޭގައި ކައިވެނި ކުރުމަށް ތައްޔާރުވަމުންދާ އަދިތްޔާ ބުނެފައި ވަނީ، އޭނާގެ ބޭންކް އެކައުންޓުގައި މިހާރު އިނީ އެންމެ 18،000 ރުޕީސް ކަމަށެވެ. އަދިތްޔާ ބުނީ،އޭނާ މަސައްކަތެއް ނެތި އަހަރު ދުވަސް ހޭދަވެދާނެ ކަމަށް ދުވަހަކުވެސް އުއްމީދު ނުކުރާ ކަމަށާއި، ނަމަވެސް ފުރަބަންދުގެ ސަބަބުން ހުރިހާ ކަމެއް ޖެހިފައިވާ ކަމަށެވެ.
އަދި ހާލަތު ގޯސްވެއްޖެ ނަމަ އޭނާގެ އަތުގައި ހުރި ބައެއް ތަކެތި ވިއްކާނީ ކިހިނެއްތޯވެސް އޭނާ ވަނީ ސުވާލު އުފައްދާފައެވެ. އަދިތްޔާ އޭނާއަށް ދިމާވެފައިވާ ފައިސާގެ ދަތިކަމާއި ގުޅޭގޮތުން ވާހަކަދައްކާފައި ވަނީ ބޮލީވުޑް ބަބްލްއަށް ދިން އިންޓަވިއުއެއްގައެވެ.
ކޯވިޑް-19 އާ ހެދި ދުނިޔޭގެ އެތަން މިތަނުގައި ދިރިއުޅެމުންދާ ގިނަބައެއްގެ ހާލަކީ މިއީއެވެ. ކުރިން އެތައް ހާހުން ފައިސާ ލިބެމުންދިޔަ މީހުންނަށް ފައިސާ ނުލިބި، އުޅެމުންދަނީ ވަރަށް ހާލުގައެވެ. އަދިތްޔާ އިތުރަށް ބުނީ، އޮކްޓޯބަރުގެ ނިޔަލަށް އޭނާއަށް އެއްވެސް މަސައްކަތެއް ނުލިބޭނެމަ ސައިކަލު ވިއްކާލާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ