މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމު ފުރުއްވި މުޙައްމަދު މަލީހު މަޖިލީހުގެ މެމްބަރުން ސަރުކާރުގެ ވަޒީރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވާކަމަށް ކުރެއްވި ތުހުމަތު ބަލުމަށްޓަކައި މަލީހު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީ އަށް އޭނާ ހާޒިރުކުރަން ނިންމައިފިއެވެ.
މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމީ ބެލުމަށް އެ ކޮމެޓީ އަށް ހާޒިރު ކުރުމަށެވެ. އަދި ވީހާ ވެސް އަވަހަކަށް އޭނާ ހާޒިރުކުރަން ނިންމިއެވެ.
މަޤާމުން ވަކިކުރުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި މައްސަލައަށް ޖަވާބު ދާރީވުމަށް ލިބުނު ފުރުސަތުގައި މަލީހު ވިދާޅުވީ މަޖިލީހުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބިރު ދައްކަމުންދާ ކަމަށެވެ. ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވީ ވެސް ބިރު ދެއްކުމުން ކަމަށް މަލީހު ވިދާޅުވިއެވެ. އަދި އެދުވަހު ވަގުތު ދެއްވައިފިނަމަ އެކަމުގެ ތަފްސީލް ހާމަކޮށްދެއްވާނެކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހުގެ އެ ތުހުމަތަކީ މަޖިލީހުގެ ކަރާމާތާއިި ގަދަރަށް އުނިކަން ލިބޭ ކަމެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިމްތިޔާޒް ކޮމެޓީ އަށް އެ މައްސަލަ ފޮނުއްވައިފައެވެ.
މަލީހު އެދުވަހު ވިދާޅު ދައުލަތުގެ މިނިސްޓްރީއެއް އެތަނުގެ ފޮޅާ ސާފުކުރާ މީހުން ބުނާގޮތަށް ނުހިންގޭނެކަމަށެވެ. ކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ވަޒީރާ ހަވާލުކޮށްފައިވާ މަސައްކަތެއްކަމަށާއި، މަޖިލީހުގައި އަމިއްލަފުޅަށް ސަރުކާރާ ދެކޮޅު ފެކްޝަނެއް އުފައްދައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގޮންޖައްސަވަމުން މަސައްކަތްކުރުމަކީ ރިޔާސީ ނިޒާމްގެ މަފްހޫމާއި ޚިލާފްކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ