ވެކްސިން ޖެހި ފަހުން ދިވެހި މަސްވެރިއަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ވެކްސިން ޖެހި ފަހުން ދިވެހި މަސްވެރިއަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
09 މާރޗް 2021 12:13
0

ކީވިޑް-19 އިން ރައްކާތެރިވުމަށް އއ. މާޅޮހުގައި ކޮވިޝީލްޑް ވެކްސިން ޖެހި ފަހުން ދިވެހި ފިރިހެނަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ، މަސް ދޯންޏެއްގައި ހުރި އެ މީހާގެ ހާލު ދެރަވެ، ހަބަރު ހުސްވެގެން ފުރަތަމަ ގެންދިޔައީ ހިންމަފުށި ހެލްތު ސެންޓަރަށް ކަމަށެވެ. ނަމަވެސް މިއަދު ހެނދުނު 9:13 ގައި އޭނާ ނިޔާވެފައިވާ ކަމަށެވެ.

އެ ސެންޓަރުން ބުނީ، އއ. މާޅޮހަށް ނިސްބަތްވާ އެ މީހާ ކޮވިޑު ވެކްސިން ޖެހީ އިއްޔެ ކަމަށެވެ. އެހެންކަމުން އޭނާގެ މަރުގެ ސަބަބު ހޯދުމަށް ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ ވެކްސިން ދީގެން ނޫން އެހެން ސަބަބުތަކާ ހުރެވެސް މީހަކު މަރުވެދާނެކަން ވެސް އެޗްޕީއޭ އިން މީގެ ކުރިން ބުނެފައިވެ އެވެ.

މިއީ ކޮވިޑު ވެކްސިން ޖެހި ފަހުން ރާއްޖެއިން މަރުވި ތިން ވަނަ މީހާ އެވެ. މީގެ ކުރިން މަރުވެފައިވަނީ 93 އަހަރުގެ ފިރިހެނަކާއި 81 އަހަރުގެ އަންހެނެކެވެ. މިދިިޔަ ފެބްރުއަރީ މަހު މަރުވި އެ ދެމީހުންނަކީ ދެމަފިރިންނެވެ. އެ ދެމީހުން މަރުވި ސަބަބުން ވެސް އެޗްޕީއޭ އިން ދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި މިހާރު ހަމައެކަނި ބޭނުން ކުރަމުން އަންނަ ވެކްސިނަކީ ކޮވިޝީލްޑެވެ. އެކަމަކު، ޗައިނާގެ ސިނޯފާމް ވެކްސިން ވެސް ރާއްޖެ އަށް ވަނީ ގެނެސްފައެވެ. އެކަމަކު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަ ނުލިބޭތީ އަދި އެ ވެކްސިން ޖަހަން ނުފަށައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.