ރާއްޖެއިން އިތުރު 6،170 މީހުން ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖަހައިފިއެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ޖެހި މީހުންގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ވެކްސިން ޖެހި 6،170 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 157،813 އަށް އަރާފައެވެ.
މިދިޔަ 24 ގަޑިއިރު ގިނަ ބަޔަކު ވެކްސިން ޖަހާފައިވަނީ އަތޮޅުތަކުގެ ސެންޓަރުގަތަކުގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އަތޮޅުތަކުން 3،984މީހުންވަނީ ވެކްސިން ޖަހާފައެވެ. މާލެ ސަރަޙައްދުން ވެކްސިން ޖެހި ޢަދަދަކީ 2،186 މީހުންނެވެ.
މިއާއެކު އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ އަދަދުވަނީ 66،534 އަށް އަރާފައެވެ. މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދަ 91،279 އަށް ވަނީ އަރާފައެވެ.
ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 7 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ދެމުން އަންނައިރު، ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ދެމުން އަންނަނީ ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ. އަދި މިމަހުގެ15 ގައި ދެވަނަ ޑޯޒް ދޭން ފަށާނެކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ