ކޮމަންވެލްތްއަކީ ކުދި ޖަޒީރާ ޤައުމުތުތަކަށް ޚާއްޞަ ސަމާލުކަމެއްދޭ ނަމޫނާ ޖަމުޢިއްޔާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ކޮމަންވެލްތު ދުވަހަކީ ދުނިޔޭގެ 6 ބައްރަކަށް ނިސްބަތްވާ 54 ކޮމަންވެލްތް ޤައުމުގެ މެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރާ ދުވަހެއްކަމުގައި މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. 2.4 ބިލިއަން މީހުންގެ އާބާދީ ހިމެނޭ "ކޮމަންވެލްތް އޮފް ނޭޝަންސް" ނުވަތަ ކޮމަންވެލްތް ޢާއިލާގެ މެދުގައިވާ މި ގާތްގުޅުން، މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ ތީމް "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" އިން ސިފަވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
އެގޮތުން، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ދަތި ޙާލަތުގައި ހޯދިފައިވާ އައު އީޖާދުތަކާއި ހެޔޮ ބަދަލުތަކަކީ މި ގުޅުމުގެ ހެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވާއިވެއެވެ. އަދި މި ބަލިމަޑުކަމުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީ އެހީތެރިވެ އުޅުމުގައި ފުރިހަމަ މިސާލު ދައްކާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.
ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުނުތާ އަހަރެއް ފާއިތުވެފައިވާކަން ފާހަގަކުރައްވައި މި މަދު ދުވަސްކޮޅުގެ ތެރޭގައި ފަޚުރުވެރިވާފަދަ ކާމިޔާބީތަކެއް ކޮމަންވެލްތްއާ ގުޅިގެން ރާއްޖެއަށް ޙާޞިލުކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަަކުރައްވާފައިވެއެވެ. އެގޮތުން ކޮމަންވެލްތްއަކީ އެ ޢާއިލާގައި ހިމެނޭ ކުދި ޖަޒީރާ ޤައުމުތުތަކަށް ޚާއްޞަ ސަމާލުކަމެއްދޭ ނަމޫނާ ޖަމުޢިއްޔާއެއްކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ވިލުންތެރި މުޖުތަމަޢުތަކެއް ބިނާކުރުމަށް ކޮމަންވެލްތު ޢާއިލާގެ އެއްބާރުލުން ރާއްޖެއަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 ގެ ވެކްސިން ހުރިހާ ޤައުމަކަށްވެސް ބޭނުންވާވަރަށް ހޯދުމަށްޓަކައި ކޮމަންވެލްތްއިން އަދާކުރަމުންދާ މުހިންމު ދައުރު ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މިއަހަރު ރުވާންޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި، ކޮމަންވެލްތު ޤައުމުތަކަށް ކުރިމަތިވާ އާންމު މައްސަލަތަކަށް އެދެވޭ ޙައްލުތަކެއް ލިބިގެންދާނެކަން އުއްމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.
ރާއްޖެ ކޮމަންވެލްތުގެ ޢާއިލާއާ އަލުން ގުޅިފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖެއިން އަލުން ކޮމަންވެލްތުގެ ޢާއިލާއާ ގުޅުމަކީ ސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ.
ކޮމެންޓު ފޮނުވާ