މިއަހަރު ނިމުމުގެ ކުރިން ރިލްވާންގެ މަރާއި ގުޅޭ ތަފްސީލީ ރިޕޯޓެއް ލިބޭނެ: ރައީސް

މިއަހަރު ނިމުމުގެ ކުރިން ރިލްވާންގެ މަރާއި ގުޅޭ ތަފްސީލީ ރިޕޯޓެއް ލިބޭނެ: ރައީސް

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2021 11:19
0

އަހުމަދު ރިލްވާނު ވަގަށް ނެގި މައްސަލައި ތަހުގީގު ކުރިއަށްދާއިރު މި އަހަރު ނިމުމުގެ ކުރިން އެ މަރާ ގުޅޭ ތަފްސީލް ރިޕޯޓެއް ލިބޭނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މައުލޫމާތު ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިރޭ އޮތް އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެންޕޭން ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް އެ ވާހަކަފުޅު ދެއްކެވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލެ ސިޓީއަށް ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުން ރިލްވާންގެ މަރަށް އިންސާފު ލިބުން ލަސްވަމުން ދާތީ އެކަމާއި ކަންބޮޑުވުން ފާޅު ކުރުމުންނެވެ. ކޮމިޝަނަށް ގެނައި އެކްސްޕާޓާއެކު މަސައްކަތް ކުރަން ފެށި ފަހުން އެ ކޮމިޝަނުން ވަނީ މުޅި ތަހުގީގު ފުރިހަމަކޮށް މަރާ ގުޅޭ ތަފްސީލް ރިޕޯޓް މިއަހަރުގެ ނިޔަލަށް އެކުލަވައިލަން ފުރުސަތު ދިނުމަށް އެދިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެން މަޑުކޮށްގެން މިތިބީ އެކްސްޕާޓުންގެ ލަފަޔާއެކު މިއަހަރު ނިމުމުގެ ކުރިން ރިލްވާންގެ މަރާ ގުޅޭ ތަފްސީލް ރިޕޯޓެއް ލިބޭނެ ކަމަށް. ރައީސް ވިދާޅުވިއެވެ.

ރިލްވާންގެ މަރުގެ މައްސަލައަކީ ވަރަށް ދުވަސްވެފައިވާ މައްސަލައެއް ކަމަށާ އެ މައްސަލައިގެ ފުން މިނަށް ވާސިލްވުމަށް ހުރަސްތަކާއި ގޮންޖެހުންތައް އެބަހުރި ކަމަށް ވެސް މިރޭ ރައީސް ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމަށް 17 ނޮވެމްބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި، ކޮމިޝަނުން ވަނީ ރިޟުވާނު ގެއްލުވާލި މައްސަލައިގެ ތަހުޤީޤާއި ގުޅޭ ރިޕޯޓެއްވެސް ރައީސުލްޖުމުހޫރިއްޔާއަށް އަރުވާފައެވެ. މިހާތަނަށް އެ ކޮމިޝަނުން ކޮށްފައިވާ ތަޙްޤީޤުން ނޫސްވެރިއާ އަޙްމަދު ރިޟްވާން މަރާލާފައިވާކަން އެނގިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޝަނުން ވަނީ މިމައްސަލައިގެ ރިޕޯޓް ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށްވެސް ފޮނުވާފައެވެ. ނަމަވެސް ތަޙްޤީޤަށް ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވުމުން ޕީޖީ އޮފީހުންވަނީ އެކަންކަން ފުރިހަމަ ކުރުމަށްފަހު ދައުވާކުރުމަށް މައްސަލަ އަބުރާ ކޮމިޝަނަށް ފޮނުވާފައެވެ.

ރިޟުވާނު ޢަބްދުﷲ ގެއްލުވާލި މައްސަލަ އާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކަށް އެކަން ހިއްސާކުރުމަށް ފުރުޞަތު އެބައޮތްކަމަށްވެސް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ފަހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.