ޚާރިޖީ ގުޅުންތަކާއިބެހޭ ކޮމިޓީގެ މުހިންމު ބައެއް ޒިންމާތައް ޝާރީފް އަތުން ނަގައި 241 ކޮމިޓީއަށް

ޚާރިޖީ ގުޅުންތަކާއިބެހޭ ކޮމިޓީގެ މުހިންމު ބައެއް ޒިންމާތައް ޝާރީފް އަތުން ނަގައި 241 ކޮމިޓީއަށް

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2021 09:13
0

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުހިންމު ބައެއް ޒިންމާތަކާއި ބާރުތައް އެކޮމިޓީން ނަގާ، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241) ކޮމިޓީއަށް ދީފިއެވެ.

މިބަދަލު ކޮމިޓީއަށް ގެނެސްފައި މިވަނީ، މިކޮމިޓގެ ޒިންމާތަކާ މަސްއޫލިއްޔަތުތަކަށް ބަދަލު ގެނެސް، އަދި ކޮމިޓީގެ ނަންވެސް ބަދަލުކުރުމަށްޓަކާ، މަޖިލިހުގެ ގަވާއިދު އިސްލާހު ކުރުމަށް، މަޖިލިސް ރައީސް މުހައްމަދު ނަޝީދު އާންމު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ އެކޮމިޓީން ނިންމާ އަދި އާންމު ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ފްލޯއިން ފާސްކުރުމާ ގުޅިގެންނެވެ.

މަޖިލިސް ރައީސް ނަޝީދު ހުށަހެޅުއްވި ގޮތަށް އާންމު ކޮމިޓީން ކޮމިޓީން ނިންމާ، އަދި ކޮމިޓީގެ މިރިޕޯޓު ފާސްކުރުމަށް ތަޅުމުގައި 54 މެމްބަރުންގެ ވޯޓު ދެއްވާފައި ވެއެވެ.

ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މަސްއޫލިއްޔަތު ތަކުގެތެރެއިން، ސަލާމަތާ ގުޅުންހުރި ޒިންމާތައް ވަކިކުރުމަށް، މަޖިލިސް ރައީސް ހުށަހަޅުއްވާ އަދި މިގޮތަށް ފާސްކުރުމަށް ވޯޓަށް އެހުމުގެ ކުރިން ކުރެވުނު ބަހުސްގައި، ކޮމިޓީގެ މުޤައްރިރު އިބްރާހިމް ޝަރީފް (މަވޯޓާ) އާއި މަޖިލިސް މުހައްމަދު ނަޝީދާއި ދެމެދު ހޫނު ބަހުގެ ހަމަލާތަކެއްވެސް ވަނީ ބަދަލުކޮށްފައެވެ. މި ހިންހަމަ ނުޖެހުމާއިއެކު ޝަރީފް އިއްޔެ ކުރިއަށް ދިޔަ އެއްވެސް ވޯޓެއްގައިވެސް ބައިވެރި ވެވަޑައިގެންފައެއް ނުވެއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފް މުގައްރިރުކަން ކުރައްވާ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މީގެކުރިން ހިމެނިފައިވާ ޒިންމާތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ޚާރިޖީ ކަންކަން ދިރާސާކުރުމާއި، ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ސިޔާސަތުތައް މުރާޖަޢާކޮށް، އެ ސިޔާސަތުތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމާއި، އެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއްވާނަމަ އެކަމެއް ފާހަގަކޮށް، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، ޤައުމީ ސަލާމަތާއި، ޚާރިޖީ ކަންކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާއި، މިނިސްޓްރީ އޮފް ޑިފެންސް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 116 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ފ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ހިމެނެއެވެ.

މީގެއިތުރުން، ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މުވައްސަސާތައް މިހަރުވަނީ 241 ކޮމިޓީއަށް ބާރު ހިނގާ ގޮތަށް ބަދަލު ގެނެސްފައެވެ. ޚާއްސަކޮށް ފުލުހުންގެ މަސައްކަތްތަކާއި، ހޯމް މިނިސްޓްރީއާއި ގުޅުންހުރި މައްސަލަތައްވެސް ވަނީ ޝަރީފް މުޤައްރިރުކަން ކުރައްވާ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީން ނަގާފައެވެ.

ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ މުވައްސަސާތަކުގެ ތެރެއިން 241 ކޮމިޓީއަށް ބާރު ދީފައިވާ މުވައްސަސާތަކަކީ:

– މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

– މޯލްޑިވްސް ޕޮލިސް ސަރވިސް

– މިނިސްޓްރީ އޮފް ޑިފެންސް

– މިނިސްޓްރީ އޮފް ހޯމް އެފެއާޒް

– ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

ޝަރީފްވަނީ މިއީ ސީދާ ފުލުހުންގެ މުވައްސަސާއަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ކަންކަން ނިންމުމަށް ގެނައި ބަދަލެއްކަމަށް އިއްޔެގެ ޒުވާބުގައި މަޖިލިސް ރައީސް ނަޝީދަށް ނިސްބަތްކޮށް ވިދާޅުވެފައެވެ. އަދި މިއީ ވަކި ކަންތައްތަކެއް ހާސިލް ކުރުމަށް ޒާތީ މަސްލަހަތުގައި ކޮމިޓީން ނެގި ބާރުތަކެއްގެ ގޮތުގައި ޝަރީފް ވަނީ ސިފަ ކުރައްވާފައެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރުކަން ކުރައްވަނީ ހިތަދޫ އުުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަދި މިކޮމިޓީގެ ނާއިބު މުގައްރިރުކަން ކުރައްވަނީ، އެމްޑީޕީގެ ޕީޖީ ލީޑަރު، މެދުހެންވެރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. މި ދެބޭފުޅުންނަކީވެސް، މަޖިލިސް ރައީސް މުހައްމަދު ނަޝީުގެ ވަރަށް އަރިސް ދެބޭފުޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.