ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ރާދޭ" ގެ ޝޫޓިންގ ނިންމާލައިފިއެވެ.
ސަލްމާނުގެ ފިލްމުތައް އާންމުކޮށް ރިލީޒްކުރާ އީދު ދުވަހާ ދިމާކޮށް އެޅުވުމަށް ކުރިން މަސައްކަތްކުރި "ރާދޭ" ނުނިމި ލަސްވީ ކޯވިޑް-19ގެ ސަބަބުން އިންޑިއާ އެއްކޮށް ލޮކްޑައުން ކުރުމުންނެވެ. ނަމަވެސް ލޮކްޑައުންއަށް ގޮސްގެން މަސައްކަތް ހުއްޓާލިއިރު ފިލްމުގެ ބޮޑުބައި ވަނީ ނިމިފައެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ޝޫޓް ކުރަން ފެށި މި ފިލްމުގައި ހިމެނޭ އިންޑިއާ އިން ބޭރުގައި ނަގާ މަންޒަރުތަށް ވެސް ކޯވިޑް-19ގެ ސަބަބުން ވަނީ ކެންސަލް ކޮށްފައެވެ.
ލޮކްޑައުންގެ ސަބަބުން 6 މަސް ދުވަހަށް ޝޫޓިންގ މެދުކަނޑާލުމަށް ފަހު އަލުން ފެށީ މިމަހު ކުރީކޮޅުއެވެ. އަދި ލަފާކޮށްފައި ވަނީ މިމަހުގެ ނިޔަލަށް ޝޫޓިންގ ނިމޭނެ ކަމަށެވެ. ނަމަވެސް ލަފާކޮށްފައިވާ ތާރީހަށް ވުރެ އަވަހަށް އިއްޔެ ( ބުދަ ދުވަހު) ފިލްމުގެ ހުރިހާ މަންޒަރެއް ވަނީ ޝޫޓްކޮށް ނިންމާލާފައެވެ. އޭގެ ތެރޭގައި ފިލްމުގެ 2 ލަވަ އަކާއި ބައެއް މަންޒަރުތައް ހިމެނެއެވެ.
މި ފިލްމަކީ ބޮލީވުޑްގައި މަޝްހޫރު އެކްޓަރ-ޑައިރެކްޓަރ ޕެއަރ، ސަލްމާން ޚާނާއި ޕްރަބޫދޭވާގެ ފިލްމެކެވެ. ސަލްމާންގެ ހިޓް ފިލްމުތަކުގެ ތެެރެއިން ވޯންޓެޑާއި ދަބަންގ-3 އަކީ ޕްރަބޫދޭވާގެ ޑައިރެކްޝަން ތަކެވެ. ޕްރަބޫދޭވާ ފާހަގަކުރެވެނީ ޑާންސް ޑައިރެކްޓަރެއްގެ އިތުރުން މޮޅު އެކްޝަން ފިލްމު ޑައިރެކްޓަރެއްގެ ގޮތުގައެވެ.
ސަލްމާނާއި އެކު "ރާދޭ" އިން ފެނިގެންދާނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ބާރަތު" އިން ސަލްމާނާއި އެކު ފެނުނު ޒުވާން ބަތަލާ ދިޝާ ޕަޓާނީއެވެ. މީގެ އިތުރުން ރަންދީޕް ހޫޑާ އާއި ޖެކީ ޝްރޮފް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ފިލްމުގެ ޝޫޓިންގެ ތެރެއިން ރަންދީޕް ހޫޑާއަށްގެ ކަކުލަށް ވަނީ ބޮޑު އަނިޔާއެއް ވެފައެވެ.
ސަލްމާނުގެ އިތުރުން އޭނާގެ ކޮއްކޮ ސޮހައިލް ޚާނާއި އަތުލް އަގްނިހޮއްތުރީ ޕްރޮޑިއުސް ކުރާ މި ފިލްމު އަޅުވާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވެއެވެ. ނަމަވެސް ބެލެވެނީ ކޯވިޑް-19ގެ އާންމު ހާލަތަށް ބެލުމަށް ފަހު، ބެލުންތެރިންނާއި ހަމައަށް ފިލްމު އަންނާނީ އަންނަ އަހަރު ކުރީކޮޅު ކަމަށެވެ.