ޤަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އުޅޭ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް އިން ބުނީ ޤަވާއިދާއި ޚިލާފަށް ރާއްޖެ ސަރަހައްދަށް ވަދެގެން އުޅެންއުޅޭ ބޯޓު ފެނިފައިވަނީ ހދ.ނައިވައިދޫ ހުޅަނގުން 7 ނޯޓިކަލް މޭލު ބޭރުންކަމަށެވެ. މި މަސް ބޯޓާއި ބެހޭ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހަވީރު 17:42 ހާއިރު އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ހދ.މަކުނުދޫ “ރަންދި” ނަމަކަށް ކިޔާ ދޯންޏަކުންކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ ބޭރުގެ މަސްބޯޓް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަސް ގެންގޮސްފައިވަނީ މިރޭ 21:41 ހާއިރުކަމަށވެ. އަދި އެ ބޯޓު ކުޅުދުއްފުށްޓަށް ގެންގޮސްފައިވާކަަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. އެމްއެންޑީއެފް އިން ބުނީ ބޯޓުގައި ތިބީ 6 މީހުންކަމަށާއި، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެ މައްސަލަ ބަލަމުންދާކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދަށް ޤަވާއިދާއި ޚިލާފަށް ވަންނަ ބޭރުގެ މަސް ބޯޓުފަހަރު ފެނިގެން މީގެ ކުރިންވެސް ރާއްޖޭގެ މަސް ދޯނުފަހަރުތަކުން ރިޕޯޓްކުރެއެވެ.
ކޮމެންޓު ފޮނުވާ