ޑިފެންސް މިނިސްޓްރީގެ އައު ޢިމާރާތާ ގުޅިގެން އެސް.ޖޭ ކޮންސްޓްރަކްޝަން ޕވޓ ލޓޑ އިން ހުށަހެޅި ބީލަން ބާޠިލްކޮށްފައި ވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ހުށައެޅި މައްސަލާގައި، އަލުން ބިޑް އިވެލުއޭޓްކޮށް ބިޑް އެވޯޑުކުރުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމަވައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރިން ޢާންމުކޮށްފައިވާ ޓެންޑާ ބޯޑުގެ "ސަމަރީ އޮފް ޕްރޮކިއުމަންޓް އެވޯޑް" އިން އެނގޭ ގޮތުގައި އެ ޕްރޮޖެކްޓަށް 12 ކުންފުންޏެއް ބިޑް ކުރި އެވެ. އަދި އޭގެ ތެރެއިން އެންމެ އަގުހެޔޮކޮށް އެކަން ކޮށްދޭން ހުށަހެޅީ 69 މިލިޔަން ރުފިޔާ އަށް، 457 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ހުށަހެޅި އެސްޖޭ ކޮންސްޓްރަކްޝަނެވެ. އެހެންނަމަވެސް ބިޑް ހުރިހާ މަރުހަލާއެއް ނިމި، ބިޑްތަށް އިވެލުއޭޓް ކުރުމަށްފަހު ބިޑް އެވޯޑުކުރުމުގެ ކުރިން އުސޫލު ބަދަލުކޮށް، އެއުސޫލުގެ ދަށުންކަމަށް ބުނެ އެ ޕްރޮޖެކްޓު ދިނީ ދެ ވަނަ އަށް އެންމެ ހެޔޮ އަގު ހުށަހެޅި 74.5 މިލިޔަން ރުފިޔާ އަށް 618 ދުވަހުން މަސައްކަތް ނިންމަން ރެއިންބޯ ކޮންސްޓްރަކްޝަނަށެވެ.
މިމައްސަލާގައި އެސްޖޭ ކޮންސްޓަރކްޝަނުން ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ އެކުންފުނީގެ ބީލަން ބާޠިލްކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށެވެ. އެހެންކަމުން އެ ނިންމުން ބާޠިލްކުރުމަށް އެދިފައިވެއެވެ.
އެކުންފުނީގެ ދައުވާގައި މިނިސްޓްރީ އޮފް ފިނޭންސްގެ އިޢުލާނާގުޅިގެން ހުށަހެޅިފައިވާ ބީލަންތައް އިވެލުއޭޓްކުރަންވާނީ ހަމައެކަނި ބިޑް ޑޮކިއުމަންޓްގައިވާ ކަންކަމުގެ މައްޗަށްކަމަށާއި، ބީލަންތައް އިވެލުއޭޓްކުރުމުގައި "ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އަށް ރިޢާޔަތްކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ރަޖްޢީކޮށް ޤާނޫނު ތަޠްބީޤު ނުކުރުމުގެ މަބްދައު އާއި ޚިލާފަށްކަން މައްސަލ ހުށައެޅި ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި ދަޢުވާކުރާ ފަރާތުން އެދިފައިވަނީ ދަޢުވާކުރާ ފަރާތުގެ ބީލަންވެސް ހިމަނައިގެން، ބީލަން ހުށަހެޅުމަށް ދިން ދަޢުވަތާއި ބިޑް ޑޮކިއުމަންޓްގައިވާ ކަންކަމަށް ރިޢާޔަތްކޮށް، ހުށަހެޅިފައިވާ އެންމެހައި ބީލަންތައް އިވެލުއޭޓްކުރުމަށާއި، ބިޑް އެވޯޑުކުރުމަށް އަމުރުކޮށްދެއްވުމަށެވެ.
ނަމަވެސް ދައުލަތުން ވަނީ ބިޑް އިވެލުއޭޓްކުރުމާއި އެވޯޑްކުރުމަކީ ދެ މަރުޙަލާއެއްކަމާއި، އެވޯޑުކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން 01 އެޕްރީލް 2020 ގެ އުޞޫލުގައި ބަޔާންކޮށްފައިވާކަމާއި ނޭޝަނަލް ޓެންޑަރ ބޯޑުން ބިޑް އެވޯޑުކުރެވޭނީ ސަރުކާރުގެ ސިޔާސަތާއި އޭރު ޢަމަލުކުރަން ފެށި އުޞޫލާ އެއްގޮތަށްކަން ފާހަގަކޮށްފައެވެ. އަދި ދައުލަތުން ބިޑް އިވެލުއޭޝަން ކްރައިޓީރިއާ ބަދަލުނުކުރާ ކަމާއި، ބިޑް އިވެލުއޭޓްކޮށް، ބިޑް އެވޯޑްކުރުމުގެ މަރުޙަލާގައި އުޞޫލަށް ރިޢާޔަތްކޮށް، ބިޑް އެވޯޑުކުރުމުގެ ޝަރުޠު ހަމަނުވާކަމަށް ކަނޑައެޅުމަކީ ބިޑް އިވެލުއޭޓްކުރުމުގެ ކްރައިޓީރިއާ ބަދަލުކުރުން ނޫންކަންވެސް ފާހަގަކުރިއެވެ.
މި މައްސަލާގައި ޝަރީޢަތުން ވަނީ މި ދަޢުވާގައި ބިޑް އެވޯޑުކުރުމުގެ މަރުޙަލާގައި އުފެދިފައިވާ ކަމަކަށް ޙައްލު ހޯދަން އެދިފައި ނެތްކަން ފާހަގަކޮށްފައެވެ. އަދި ޝަރީޢަތަށް އައުމުގެ ކުރިން މަރުޙަލާތަކެއް ފުރިހަމަކުރަންޖެހޭ އިރު، އެ މަރުޙަލާތަކުގައި ބިޑު އެވޯޑުކުރުމާ ގުޅޭގޮތުން ޚިލާފެއް އޮވެގެން ކަމެއް ހުށަހަޅާފައި ނެތްކަމަށްވެސް ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން ދަޢުވާފޯމު ބިނާކޮށްފައިވަނީ ބިޑު އިވެލުއޭޓްކުރުމުގައި ޙައްލު ހޯދުމުގެ މައްޗަށްކަމާއި، ބިޑު އެވޯޑުކުރުމާގުޅޭ ނުކުތާއަކީ މި ޤަޟިއްޔާގައި ޤަޟާޢީ ފަރުވާއެއް ދިނުމަށް އެކަމާމެދު ފައިސަލާކުރަންޖެހޭ ނުކުތާއެއްކަމުގައި ނުދެކޭކަމަށް ކަނޑައެޅިއެވެ. އަދި ދަޢުވާކުރާ ފަރާތުން އެދިފައިވާ ފަދައިން ދަޢުވާކުރާ ފަރާތުގެ ބީލަން ހިމަނައިގެން، ބީލަންތައް އިވެލުއޭޓްކޮށް ބިޑް އެވޯޑުކުރުމަށް އަންގައި އަމުރުކުރާނެ ތަނެއް ނެތްކަމަށްވެސް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ