ޢަލީ ވަޙީދު ފުރާފައިވަނީ ކޯޓް ޢަމުރު ނެރުމުގެ ކުރިން!

ޢަލީ ވަޙީދު ފުރާފައިވަނީ ކޯޓް ޢަމުރު ނެރުމުގެ ކުރިން!

Author
މުޙައްމަދު ޖިމީ
14 ފެބްރުއަރީ 2021 06:51
0

ކުރީގެ ޓުރިޒަމް މިނިސްޓަރ ޢަލީ ވަހީދު ފުރާފައިވަނީ އޭނާގެ ޕާސްޓް ޕޯޓް ހިފަހައްޓަން ނެރުނު ޢަމުރު ބާޠިލް ނުކުރަނީސްކަމަށް ބެލެވެން ފަށައިފިއެވެ.

ޢަލީ ވަހީދުގެ ޕާސްޓްޕޯޓް ދޫކޮށް ނުލަނީސް ފުރައިފައިވާކަން ނުވަތަ ފުރުވާލާފައިވާކަމާމެދު ސުވާލު އުފެދިފައިވަނީ ޕާސްޓްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޢަމަުރުގައިވާ ތާރީޚަކީ ޢަލީ ވަހީދު ފުރުމުގެ އެއްދުވަސް ފަހުން ނެރެފައިވާ އަމުރެއްގެގޮތުގައި އޮތުމުންނެވެ. ޕީޖީ ޙުސައިން ޝަމީމް ވިދާޅުވީ، އަލީ ވަހީދު ޕާސްޕޯޓް ދޫކޮށްލުމަށް އަޑުއެހުން ބާއްވާ ޢަމުރު ނެރެފައިވަނީ މިމަހުގެ 9 ވަނަ ދުވަހުކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އަމުރުގައި ތާރީޚެއް ކަމަށް އޮތީ މި މަހުގެ 10 ވަނަ ދުވަސްކަމަށެވެ.

އަޑުއެހުން ބާއްވާ، އަމުރު އިޢުލާނުކުރީ 9 ފެބް 2021 ގައި. އަމުރު ލިބުނީ 11 ފެބް 2021 ގައި. އަމުރުގައި ތާރީޚެއް ކަމަށް އޮތީ 10 ފެބް 2021. ފުރައިގެން ދިޔަ ކަމަށްވަނީ (އަމުރުގައި އޮތް ތާރީޚުގެ ކުރިން) 9 ފެބް 2021 ގައި. ޖާމިނު ލިޔުމުގައި އޮތީ 9 ފެބް 2021 ގައި އަމުރު ނެރުނު ކަމަށް.

– ޕީޖީ ޙުސައިން ޝަމީމް

ޕީޖީ މިހެން ވިދާޅުވެފައިވާއިރު، ޢަލީ ވަޙީދު ރާއްޖެ ދޫކުރައްވާ ފުރާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެ ރޭ ޓަރކިޝް އެއަރލައިންގައެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުމުގައި ޖާމިނުވެފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އެވެ. އައްސަދު އަލީ އަޑުބަރޭއަކީ މިވަގުތުވެސް ސަރުކާރުގެ ސިޔާސީ އިސްމަޤާމެއްގައި ހުރި މީހަކަށްވާއިރު ޢަލީ ވަޙީދު އަނބުރާ ނައިސްފިނަމަ އޭނާއަށް ފިޔަވަޅު އެޅޭގޮތަށް ކޯޓުންވަނީ ހުކުމްކޮށްފަ އެވެ. ޢަލީވަހީދުގެ ޕާސްޓްޕޯޓް ދޫކޮށްލި ޢަމުރު ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފްކޮށްފައިވަނީ މިއަދުއެވެ. ނަމަވެސް ޢަލީ ވަހިދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާގެ ޕާސްޓްޕޯޓް ހިފަހައްޓާއިފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުން ވަންނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކަޓަރަކު ހާޒިރުކޮށްފައެވެ.

ޑޮކްޓަރު ވަނީ ޢަލީ ވަޙިދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަަމަށް ވިދާޅުވެފައެވެ. ޝަރީޢަތުން ވަނީ އެކަމަށް ރިޔާޢަތްކުރައްވާ އޭނާގެ ޕާސްޓްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ބާޠިލްކޮށްފައެވެ. ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޔަށް ރިޔާޢަތްކޮށެވެ.

ޢަލީ ވަޙީދު އިނގިރޭސިވިލާތުގެ ލަންޑަނަށް ވަޑައިގެންފައިވާއިރު، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިންގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ. ޢަލީ ވަހީދު ރާއްޖެ ދޫކުރައްވާ ވަޑައިގެންފައިވާއިރު، އޭނާގެ މައްޗަށް ވަނީ 7 ދަޢުވާއެއް އުފުލާފައެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.