"ޔަޝް ރާޖް ފިލްމްސް" އިން ވަރުގަދަ ފަސް ފިލްމު އިއުލާން ކުރަނީ

"ޔަޝް ރާޖް ފިލްމްސް" އިން ވަރުގަދަ ފަސް ފިލްމު އިއުލާން ކުރަނީ

Author
ފާތިމަތު ނާވީ
15 ފެބްރުއަރީ 2021 07:26
0

ޔަޝް ރާޖް ފިލްމްސް އަށް 50 އަހަރު ފުރުން ފާހަގަ ކުރުމާ ގުޅޭ އެކި ހަރަކާތްތަކަށް އިންޑިއާގެ އެންމެ ވަރުގަދަ އެއް ޕްރޮޑަކްޝަން ހައުސް އިން ފަށައިފި އެވެ.

1970 ވަނަ އަހަރު މަޝްހޫރު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ޔަޝް ޗޯޕްރާ، ވުޖޫދަށް ގެނައި ޔަޝް ރާޖް ފިލްމްސް އަށް މިދިޔަ 2020 ވަނަ އަހަރު 50 އަހަރު ފުރުނު ނަމަވެސް މިދިޔަ އަހަރު މުޅި ދުނިޔެ ކުރިމަތިލީ ޕެންޑަމިކުގެ ސަބަބުން މިކަން ފާހަގަކުރުން ވަނީ ލަސްވެފައެވެ.

މިކަން ކުލަގަދަކޮށް ފާހަގަކުރުމަށް ހަދާފައިވާ ޕްލޭން، މިހިނގާ ފެބްރުވަރީ ފަހުކޮޅު ނުވަތަ މާރިޗު ކުރީ ކޮޅު އާންމުކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ކަމަކީ ބޮލީވުޑަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު ކެތްތެރިކަމާއެކު އިންތިޒާރުކުރަމުންދާ އެއްކަމެވެ. ޚަބަރުތައް ބުނާގޮތުގައި ޔަޝް ރާޖް ފިލްމްސް އަށް 50 އަހަރު ވުން ފާހަގަކުރުމަށް ވަރުގަދަ ފަސް ފިލްމު އެނައުންސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްރާގެ "ސަންދީޕް އޯރް ޕިންކީ ފަރާރް" އަކީ މީގެ ތެރެއިން އެއް ފިލްމެވެ. މި ފިލްމު އެންމެ ފުރަތަމަ ނެރެން ހަމަޖެހިފައި އޮތީ 20 މާރިޗު 2020 ގައެވެ. އެހެން ނަމަވެސް ފުރަބަންދާ ގުޅިގެން 2021 އަށްވަނީ ލަސްކުރެވިފަ އެވެ.

މި ފިލްމުގެ ކުރިން ސިނަމާތަކުން ފެނިގެންދާނެ ކަމަށް ލަފާ ކުރެވެނީ "ބަންޓީ އޯރް ބަބްލީ 2″އެވެ. މިއީ 2005 ވަނަ އަހަރުގެ މަޝްހޫރުވި "ބަންޓީ އޯރް ބަބްލީ"ގެ ދެވަނަ ބައެވެ. މި ފިލްމުން ފެނިގެންދާނީ ސައިފް އަލީ ޚާން، ރާނީ މުކަރްޖީ، ސިއްދާންތު ޗަތުރްވެދީ އަދި ޝަރްވަރީ ވާގް އެވެ.

މީގެ އިތުރުން "ޖަޔޭޝްބައީ ޖޯރްދާރް" ވެސް ނެރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރަންވީރް ސިންގް ފެނިގެންދާ ހެއްވާ މަޖާ ފިލްމެކެވެ.

ހަމަ މިއާއެކު ހިސްޓޮރިކަލް ފިލްމެއް ކަމުގައިވާ "ޕްރިތްވިރާޖް" ވެސް ތިއޭޓަރުތަކުން ފެނިގެންދާނެއެވެ. މި ފިލްމުގެ ތަރިންނަށް ބަލައިލާއިރު އަކްޝޭ ކުމާރް، ސަންޖޭ ދަތު، މަނޫޝީ ޗިއްލާރް އަދި ސޯނޫ ސޫދް ހިމެނެއެވެ. މިއީ ޑރ. ޗަންދްރަ ޕްރަކާޝް ވިވެދީ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ.

މީގެ އިތުރުން ދެން އޮތް ފިލްމަކީ ރަންބީރް ކަޕޫރާއި ސަންޖޭދަތުގެ އިތުރުން ވާނީ ކަޕޫރު ލީޑުން ފެނިގެންދާނެ ފިލްމް "ޝަމްޝޭރާ" އެވެ.

މި ފިލްމިތަކުގެ އިތުރުން ޔަޝް ރާޖް ފިލްމްސް އިން ގެންދަނީ ޝާހްރުކް ޚާން، ދީޕިކާ ޕަޑުކޯން އަދި ޖޯން އަބްރަހަމްގެ "ޕަތަން"ގެ މަސައްކަތްވެސް ކުރަމުންނެވެ. މީގެ އިތުރުން ވިޖޭ ކްރިޝްނާ އަޗާރްޔާ ޑައިރެކްޓު ކުރާ ވިކީ ކައުޝަލްގެ ފިލްމެއްގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އަދި ހަމަ އެހެންމެ ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ޓައިގާ 3 ގެ ޝޫޓިން ވެސް މާރިޗު މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.