ލަވަޔާއި މިއުޒިކް ހަރާމް ކަންކަމުގެ ތެރޭގައި ނުހިމެނޭކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ

ލަވަޔާއި މިއުޒިކް ހަރާމް ކަންކަމުގެ ތެރޭގައި ނުހިމެނޭކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ

Author
މުޙައްމަދު ޖިމީ
14 ފެބްރުއަރީ 2021 06:25
0

މިއުޒިކު ކުޅުމާއި، ލަވަކިޔުން ހަރާމް ކަންކަން ހުއްދަކަމުގެ މޭރުމަކުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވައިފިއެވެ. ރާއްޖޭގެ އޮންލައިން މީޑިއާއަކަށް ރައިސް މައުމޫން ވިދާޅުވީ، ތިވެރި ރައްބު ޙަރާމް ކުރެެއްވި ކަންކަމުގެތެރޭގައި މިއުޒިކު ކުޅުމާއި، ލަވަކިޔުމެއް ނޯންނަކަމަށެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ، މިއުޒިކްކުރުމާއި، ހީ ސަމާސާކުރުމަށް ތާޢީދުކޮށް ޒުވާނުންނަށް މަޖާކޮށްލާނެ މަރުކަޒުތަކެއް ގާއިމްކުރުމަށް ގޮވާލާ މަޖިލީހަށް ހުށައަޅާ ބަހުސް ކުރެވެމުންދާ ޤަރާރާއި ގުޅިގެން ޢާންމުންނާއި ސިޔާސީ މީހުންގެ ތެރޭގައި ބޮޑެތި ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް މައުމޫން ވިދާޅުވީ އެއްވެސްކަމެއް ޙަރާމް ވާނީ މަތިވެރި ރައްބު އެކަމެއް ޙަރާމްކުރެއްވުމުން ކަމަށާއި، އެ އިލާހު ޙަރާމްކުރެއްވި ކަންތައްތައް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާކަމަށެވެ. އަދި އެ ކަންކަމުގެތެރޭގައި، މިއުޒިކު ކުޅުމާއި، ލަވަކިޔުމެއް ނޯންނަކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު، މިއުޒިކްކުޅުމާއި، ލަވަކިޔުމަކީ ހަރާމް ކަމެއްކަމަށް ދީނީ ފުންނާބު އުސް ޢިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ.

މިއުޒިކް ކުޅެވޭނެ މާހައުލެއް ޤާއިމްކުރުމަށް ގޮވާލާ އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް މަޖިލީހަށް ހުށައަޅުއްވާފައިވާ ގަރާރުގައި ވަނީ، ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކަކީ އެމައްސަލަތަކުން މުޅީން އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއްކަމަށެވެ. މާލޭގައި މިއޮތް ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، މަގުތަކުގެ ކާރޫބާރު ބޮޑުކަމާއި، ވަޒީފާގެ ފުރުޞަތުތަކުގެ މަދުކަމުގެ މައްސަލަތަކެއްކަމަށާއި، ހާސްކަމެއްގެ ތެރޭގައި އުޅޭންޖެހިފައި ވާކަމަށްވެސް ގަރާރުގައިވެއެވެ.

މާލޭގެ މިހުރިހާ ކަމެއް މިމޭރުމުން ހިނގަމުންދާއިރުވެސް، އަދި ސަރުކާރުން މިއެންމެހައި ކަންކަމަށް ގޮތްތަކެއް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނައިރުވެސް، ހާސްކަމުގެ ތެރޭގައި މިމާލޭގައި އުޅެންޖެހިފައިވާ ޒުވާނުންނަށް ހާސްކަމުން އެކަހެރިވެލެވޭނޭ ގޮތްތަކެއް ހޯދަންޖެހިފައިވާކަމަށާއި، ޒުވާނުންނަށް މާލޭގައި އެއްވެ އުޅެވޭނޭ އެފަދަ ޚާއްޞަ ތަންތަނަށް އިންތިހާއަށް ބޭނުންވެފައިވާކަމަށްވެސް ޤަރާރުގައިވެއެވެ.

ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރީންނާއެކު ހިނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިޔުޒިކް އަޑުއަހާލައި ވަގުތު ހޭދަކޮށްލެވޭނޭ މަރުކަޒަކަށް މިވަނީ އިންތިހާއަށް ބޭނުންވެފައެވެ. ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހަލާން ޒުވާނުންނަށް އެއްވެ އުޅެވޭނޭ ތަނެއްގެ މުހިއްމުކަން އިތުރުވެފައިވީ ހިނދު ދިވެހި ޒުވާނުންގެ ތެރޭގައި އާދަޔާޚިލާފު ކުޅަދާނަ ފަންނާނުން އެބަތިއްބެވެ. އަދި މިއުޒިކްގެ ހުނަރު ދަސްކުރާން ބޭނުން އެތައް ޒުވާނުންނެއްވެސް އެބަތިއްބެވެ.

ހެންކަމުން، މިއުޒިކް ރެކޯޑިންގް ސްޓޫޑިޔޯއާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނާން ޖެހޭކަމަށް ބުނެފައިވެއެވެ. ރަނގަޅު އަދަދެއްގެ އޯޑިއެންސްއަކަށް ޝޯ ދެވޭނެ އިންތިޒާމް އެމަރުކަޒުގައި ހަމަޖެހުން މުހިއްމުކަމަށާއި، ޒުވާނުންގެ ހުނަރު އާލާކޮށް، އިތުރަށް ކުރިއެރުވުމުގައި ދައުލަތުގެ ޒިންމާ ބޮޑުކަމަށްވެސް ޙަސަން ލަތީފްގެ ގަރާރުގައިވެއެވެ. އަދި ޒުވާނުންގެ އެ އާދަޔާޚިލާފު ހުނަރު ބޭނުންކުރުމުގެ ފުރުޞަތު ހޯދައިދިނުމަކީ ދައުލަތުގެ މަސްޢޫލިއްޔަތެއް ކަމުގައިވެސް އެ ޤަރާރުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.