ޒަރުރީ ބޭނުންތަކަށް ޕޯޓަލް މެދުވެރިކޮށް ޕާރމިޓް ދޫކުރަން ފަށައިފި

ޒަރުރީ ބޭނުންތަކަށް ޕޯޓަލް މެދުވެރިކޮށް ޕާރމިޓް ދޫކުރަން ފަށައިފި

Author
މުޙައްމަދު ޖިމީ
13 ފެބްރުއަރީ 2021 07:03
0

ޒަރޫރީ ބޭނުންތަކަށް ނުކުތުމަށް ޕޮލިސްގެ ޕަރމިޓް، ޕޯޓަލް މެދުވެރިކޮށް އެދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ފުލުހުން ބުނީ މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުމާއި މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ޕޮލިސްގެ ޕަރމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެވޭނެ އިންތިޒާމު މިހާރުވާނީ ހަމަޖެހިފައިވާކަމަށާއި، ހުއްދަ ދެވޭނެ ކަންކަމަކީ އިމަރޖެންސީ؛ ނުވަތަ ޒަރޫރީ ކަންކަމުގައިކަމަށެވެ. އެގޮތުން ޑިއުޓީ ނުވަތަ މަސައްކަތަށް ދިއުމާއި އައުމަށާއި، އެއަރޕޯޓް ޓްރާންސްފަރއާއި، ކާބޯތަކެތި ޑެލިވަރކުރުމަށް ކެފޭ، ރެސްޓޯރެންޓުތަކަށް ޕާރމިޓް ދޫކުރާނެކަމަށް ފުލުހުން ބުންޏެވެ.

ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައާއި ކާފިއު ވަގުތު ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް police.gov.mv/permit ގައި އެދުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ޕޮލިސް ޕަރމިޓް ސެންޓަރ އަށް ގުޅޭނެ ނަންބަރެއްގެ ގޮތުގައި 1665 އަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޒަރޫރީ ބޭނުންތަަކަށް ބޭރަށް ނިކުންނައިރު، ޕޮލިސް ޕާރމިޓް ބޭނުން ކުރަންޖެހޭ ގޮތަށް ކަނޑައަޅަފައިވާއިރު، މީގެ ކުރިންވެސް ކޯވިޑާއި ގުޅިގެން ކާރފިއު ހިންގާ ފިޔަވަޅުތައް އެޅިއިރުވެސް ބޭރަށް ނިކުމެވޭނޭ ޕޮލިސް ޕާރމިޓް ބޭނުންކޮށްގެންނެވެ.

ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުންނައިރު ޕޮލިސް ޕާރމިޓް ބޭނުންކުރާގޮތަށް ހަމަޖައްސާފައިވާއިރު، މާލޭ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވުމާއި ގުޅިގެން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން އިރުއޮއްސި 6 ފެށިގެން ފަތިހު 6 ކަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. ގުމަތޫގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އިތުރުން މާލޭ ސަރަހައްދުގައި ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެ. މިގޮތުން ރޭގަނޑު 11:30 ފަތިހު 04:00 މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޭރަށް ނުކުމެ އުޅޭ އިރު މާސްކު އެޅުމަކީ މަޖްބޫރުކަމެއްގެ ގޮތުގައި މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ވަނީ ކަނޑައަޅާފައެވެ.

ފުލުހުން ބުނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލްތަކާއި ހިލާފުވާ ފަރާތަކާއި ދެކޮޅަށް އެއްވެސް އިންޒާރެއް ނަސޭހަތެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ. ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ ކޭސްތައް 100 ދަށުގައި ހުރުމަށްފަހު މިއަހަރު ފެށުނު ފަހުން މިއަދަދުތައް އިތުރުވަމުން އައިސް 200 ވުރެ މައްޗަށްވެސް ވަނީ އަރާފައެވެ. އަދި މި އަދަދުތައް 100 ދަށަށް ނުދާތާ މިހާރު މިވަނީ މަހެއް ވާން ގާތްވެފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ރާއްޖޭގައި އިތުރުވެފައިވާއިރު، ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދުވެސް2300އަށް ވުރެ މައްޗަށް އަރައެވެ. ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު މައްޗަށް އަރާފައިވަނީ ކޯވިޑްގެ އައު ވޭރިއަންޓްގެ ސަބަބުންކަމަށް އެޗްއީއޯސީން ބުނެފައިވެއެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ރާޅު ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ. ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަކީ ފަސޭހަ ފިޔަވަޅުތަކެއްކަމަށާއި މިބަލިން ރައްކާތެރިވުމަށް މިހާރުވެސް އަޅަމުންދާ ފިޔަވަޅުތައް މަތީގައި ދެމިތިބުމަށް އެޗްއީއޯސީން އިލްތިމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.