އިނގިރޭސި މިލިޓަރީ އެކެޑަމީގައި ތަމްރީން ހަދާ ފުރަތަމަ ދިވެހި އަންހެނަކަށް ފިރުޝާނާ

އިނގިރޭސި މިލިޓަރީ އެކެޑަމީގައި ތަމްރީން ހަދާ ފުރަތަމަ ދިވެހި އަންހެނަކަށް ފިރުޝާނާ

Author
މުޙައްމަދު ޖިމީ
12 ފެބްރުއަރީ 2021 08:07
0

ދުނިޔޭގައި އެންމެ ދުވަސްވީ އަދި ކުރިއަރާފައިވާ އިނގިރޭސިވިލާތުގެ މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓް ކޯހުގައި ބައިވެރިވި ފުރަތަމަ އަންހެން ދިވެހިރާއްޖޭގެ ކެޑޭޓްކޯގެ ފިރުޝާނާ ތަޢުފީޤް ހިމެނިއްޖެއެވެ.

މިއީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގެ ތަމްރީނެއްގައި ދިވެހި އަންހެނަކު ބައިވެރިވި ފުރަތަމަފަހަރެވެ. މިކަމާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ ފިރުޝާނާއަށް މަރުޙަބާ ދަންނަވާފައެވެ. މިނިސްޓަރ ވަނީ ފިރުޝަނާއަށް އެފުރުޞަތު ލިބިވަޑައިގަތުމުން ފިރުޝާނާއަށް ތަޢުރީފްކުރައްވާ، ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ޑިފެންސް މިނިސްޓަރގެ އިތުރުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރަން ރޮސްލާވެސް ފިރުޝާނާގެ ލޮލުން ފަޚުރާއި އުފާވެރިކަން ފެންނަންހުރިކަން ފާހަގަކުރައްވާ، ދިވެހި ޤައުމާއި، ދިވެހި ސިފައިންނާއި ކެޑޭޓުން ފަޚުރުވެރިވާނެކަމަށް ވިދާޅުވެފައެވެ.

ފިރުޝާނާއަށް ލިބުނު ފުރުޞަތައް އެތައް ބަޔަކު އަންނަނީ މަރުހަބާ ކިޔައި، އޭނާއަށް ކާމިޔާބީއަށް އެދެމުންނެވެ. އިނގިރޭސިވިލާތުގެ މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓް އިން ފިރުޝާނާއަށް ތަމްރީން ހޯދުމުގެ ފުރުޞަތު ލިބިފައިވާއިރު، އަސްކަރީ ދާއިރާއިންނާއި އެނޫންވެސް ދާއިރާތަކުން ދިވެހި އަންހެނުން ބޮޑެތިކުރިއެރުމާއި ކާމިޔާބީތައް ޙާސިލްކޮށްފައިވެއެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ގާރޑ އޮފ އޮނަރ އެރުވުމުގައިވެސް ގިނަ ޢަދަދެއްގެ އަންހެން ސިފައިން ބައިވެރިވެފައިވެއެވެ. އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީަކީ މިހާތަނަށް ރާއްޖޭގައި ދިފާޢީ ވަޒީރުކަންކުރައްވާ ފުރަތަމަ އަންހެން ވަޒީރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.